ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަނބުރާ ރާއްޖެ ވަޑައިގެންފިނަމަ އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރުދިން މީހާ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިއުމުން ކޯޓުގެ ހުރުމަތް ކަނޑާލިކަމަށް ބުނެ ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ.

ފުލުހުންގެ ބުނީ އިއްޔެ ރ.މީދޫއިން ހައްޔަރު ކުރި މިމީހާގެ ބަންދުގެ މުއްދަތު ޖެހުމަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ދީފައިވަކަމަށެވެ.

އަދި އޭނާ ކޯޓުގެ ހުރުމަތް ކަނޑާލުމާއި ގުޅިގެން އިތުރު 15 ދުވަހަށް ޖަލަށް ލާންވެސް ހުކުމް ކޮށްފައިވާކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އައު ދައުރަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރާ ހުރިހާ ކެންޑިޑޭޓުންނަށް ރައީސް ނަޝީދުގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ހަބަރުތައް މީޑިއާގައި ޝާއިއު ކުރުމުން އޭނާ ވަނީ ނަޝީދު ދެން އެނބުރި ރާއްޖެ އަތުވެއްޖެނަމަ "އަބޫޖަހުލު" އަށް ހަދާލި ގޮތް ހަދާލާނެ ކަމަށް ބުނެފައެވެ.