އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ހުށަހަޅާފައިވާ ނަންތަކުގެ ތެރެއިން އަލްއުސްތާޒް އަހުމަދު އާހިދު ރަޝީދުގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުހުލްޖުމްހޫރިއްޔާ ޖުމްލަ ހަތަރު ނަމެއް ފޮނުއްވިއެވެ.
އެބޭފުޅުންނަކީ ކުރީގެ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާކުރައްވާފައިވާ އަލްއުސްތާޒް ޝިހާމް މުހައްމަދާއި، ހ. ގުރުވަ، އަލްއުސްތާޒް އަހްމަދު އާހިދު ރަޝީދާއި، އަޒްލީމާ އަހުމަދު، އަދި ގ. ދާސްތާން، މަރިޔަމް އަލީމެވެ.
މިނަންތައް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
ކޮމިޓީން އެ ނަންތައް ދިރާސާކޮށް، ނަން މަޖިލީހަށް ފޮނުވުމަށް ރުހުން ހޯދަން ވޯޓަށް އަހާފައިވާއިރު، އާހިދު ރަޝީދުގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާސްވީ ކޮމިޓީގައި ބައިވެރިވި 10 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިމިވަނީ މިދިޔަ މާރޗް މަހުގެ 21 ވަނަ ދުވަހު ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ފިޔާޒު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މީގެކުރިންވެސް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އާހިދު ރަޝީދާއި މުހައްމަދު ޝިހާމް އަދި މަރިޔަމް އަލީމް ހިމެނުނު ނަމަވެސް އެފަހަރު އެއިން އެއްވެސް ބޭފުޅަކު މަގާމަށް އައްޔަނު ކުރަން މަޖިލީހުން ރުހުންދީފައެއް ނުވެއެވެ.