އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް އަންގާފައިވާ މައްސަލަ އިސްތިއުނާފަށް ހުށަހަޅައި، މިހާތަނަށް ޖަވާބެއް ލިބިފައިނުވާތީ ސަސްޕެންޑް ކޮށްފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އެ މައްސަލަ އިލެކްޝަންސް ކޮމިޝަންށް (އީސީ) އަށް ހުށަހަޅުއްވައިފިއެވެ.

މިކަން ހާމަކުރައްވައި މިއަދު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރ މަހްލޫފް ވިދާޅުވީ އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމިޓީ އަދި އިސްތިއުނާފު ފަޑިޔާރުންގެ މަޖިލީހަށް ހުށަހެޅި ޝަކުވާއަށް އެއްވެސް ޖަވާބެއް ނުލިބި އިންތިޚާބަށް އެންމެ 30 ދުވަހަށް ވެފައިވާތީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރިފަރާތް ކަމުގައިވާ އީސީއަށް މައްސަލަ ހުށަހަޅުއްވާފައިވާ ކަމަށެވެ.

މައްސަލަ އިސްތިއުނާފް ކޮށްފައިވާތާ ހަ ދުވަސް ވެފައިވަކަމަށާއި، އެމްޑީޕީގެ ގަވާއިދު ބުނާގޮތުން މައްސަލަ ހުށަހަޅާތާ ދެ ދުވަސް ތެރޭގައި ވާގޮތެއް ނުވަތަ ކޮންމެވެސް ޖަވާބެއް ދޭންޖެހޭ ކަމަށް ބުނެފައިވީ ނަމަވެސް ނަމަވެސް އެކަން އެގޮތަށް އެމްޑީޕީން ކޮށްދީފައި ނުވާކަން ފާހަގަ ކުރައްވާ މަހުލޫފް ވަނީ އެމަނިކުފާނާއި މެދު ތަފާތުނުކޮށް ވީހާވެސް އަވަހަށް މައްސަލަ ނިންމައިދިނުމަށް އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިނިސްޓަރ މަހުލޫފްއަށާއި، އަކްރަމް އަށް ގެއްލުނީ އެޕާޓީގެ ހިންގާ ކޮމެޓީން ފާސްކޮށްފައިވާ ޝަރުތުތައް ހަމަނުވުމުންނެވެ.

އެމްޑީޕީން ވަނީ އެދެބޭފުޅުންގެ މައްސަލައެއް ބަލަމުން އަންނަކަމަށް އޭސީސީން ބުނެފައިވާ ކަމަށާއި، އެހެންކަމުން ދެ ބޭފުޅުން އިންތިޚާބަށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ކެންޑިޑޭޓުންގެ ލިސްޓުން އުނިކޮށްފައިވާ ކަމަށް ބުނެ މިނިސްޓަރ މަހުލޫފަށާއި އަކްރަމަށް ސިޓީއެއް ފޮނުވާފައެވެ.

ހިންގާ ކޮމިޓީން ކަނޑައަޅާފައިވާގޮތުގައި ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރެވެނީ އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިނުވާ މީހުންނަށާއި، ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރެއިން މީހަކު މެރުމާއި ރޭޕް ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ ކުށްތަކުން ބަރީއަވެގެންވާ މީހުންނަށެވެ.

އަދި މީގެއިތުރަށް އެމްއެމްޕީއާރްސީ ޚިޔާނާތާއި ގުޅިގެން އޭސީސީން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެކިއެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ ފަރާތްތަކަށް ވާދަ ނުކުރެވޭނެ ކަމަށްވެސް ކޮމިޓީން ކަނޑައަޅާފައިވެއެވެ.