ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ އަފްޣާނިސްތާނުގެ ހުރިހާ ރައްޔިތުން އޮގަސްޓް 31 ގެ ކުރިން އެގައުމުން ބޭރުކޮށް ނުނިމޭނޭ ކަމަށް ޖަރުމަނުން ބުނެފިއެވެ.

ޖަރުމަނުގެ ޚާރިޖީ ވަޒީރު ހެއިކޯ މާސް މިއަދު ވިދާޅުވީ، އަފްޣާނިސްތާނުން އެމެރިކާ ސިފައިން ފައިބައި ނިންމަން ކަނޑައަޅާފައިވާ އޮގަސްޓްމަހުގެ 31 ގެ ސުންގަޑީގެ ކުރިން ހުޅަނގުގެ ގައުމުތަކަށް އަފްޣާނިސްތާނުން މީހުން ބޭރުކުރުމުގެ މަސައްކަތްކޮށް ނުނިންމޭނޭ ކަމަށެވެ.

މާސް ވިދާޅުވީ، އޮގަސްޓް 31 އަށްވިޔަސް އަދި އެއަށްފަހު އިތުރު ދުވަސްކޮޅެއް ދިން ނަމަވެސް، ހުޅަނގުގެ ގައުމުތަކުންނައި އަދި އެމެރިކާއިން ބޭނުންވާ އަފްޣާނިސްތާނުގެ ހުރިހާ ރައްޔިތުން އަފްޣާނިސްތާނުން ބޭރުކޮށް ނިންމުމަކީ ވާނޭ ކަމެއް ނޫންކަމަށެވެ.

އަފްޣާނިސްތާނުގެ މައްޗަށް މިހާރު އަތްގަދަ ކޮށްގެންތިބި ތާލިބާން ޖަމާއަތުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު މިއަދު ވަނީ، އޮގަސްޓް 31 ގެ ކުރިން އެމެރިކާއިން، އަފްޣާނިސްތާނުން ބޭރުކުރަން ބޭނުންވާ ބަޔަކު ބޭރުކޮށް ނިންމުމަށް ގޮވާލައްވާފައެވެ.

ކާބުލްގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޒަބީހުﷲ ވިދާޅުވީ، އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބައި ނިންމަން އެމެރިކާގެ ރައީސް ބައިޑެން ކަނޑައަޅުއްވާފައިވާ އޮގަސްޓް 31 ގެ ތާރީޚް އިތުރުކޮށް ނުދެވޭނެ ކަމަށާއި، އެ މުއްދަތުގެ ކުރިން ކުރަންބޭނުންވާ ކަމެއްކޮށް ނިންމަންޖެހޭނެ ކަމަށެވެ.

ޒަބީހުﷲ ވިދާޅުވީ، އަފްޣާނިސްތާނުގެ ކަންކަން މިހާރު އާންމު ހާލަތަށް ރުޖޫއަވަމުން އަންނަ ކަމަށާއި، ނަމަވެސް ކާބުލް އެއަރޕޯޓްގައި ހިނގަމުންދާ ކަންތައްތަކުގެ ސަބަބުން ބޮޑެތި މައްސަލަތަކެއް ނުކުންނަ ކަމަށެވެ.

ތާލިބާނުންގެ ކިބައިން ސަލާމަތްވުމަށް ކަމަށްބުނެ، އަފްޣާނިސްތާނުގެ އެތައްހާސް ބަޔަކު އަދިވެސް ތިބީ ކާބުލްގެ ހާމިދު ކަރްޒާއީ އިންޓަރނޭޝަނަލް އެއަރޕޯޓް ސަރަހައްދަށް ތޮއްޖެހިފައެވެ.

އެމެރިކާއާއި، އެމެރިކާގެ ބައިވެރިންގެ ބޯޓުތަކުން އާންމުން ބޭރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެއަޕޯޓުގެ ބޭރުން މީހުން މައިތިރިކޮށް ތަރުތީބުކޮށް ކިޔޫ ހެދުމަށް ތާލިބާން ހަނގުރާމަވެރިންވެސް މަސައްކަތް ކުރަމުން ގެންދެއެވެ.

އެކަމަކު، އަފްޣާނިސްތާނުގައި އެމެރިކާގެ ހައެއްކަހާސް ސިފައިން އަދިވެސް ތިބުމާއެކު، އޮގަސްޓް 31 އަށް އާންމުންނާއި އަދި ސިފައިން ބޭރުކޮށް ނިންމޭނެ ކަމާއެކު ހުޅަނގުގެ މަސްއޫލުވެރިން ގެންދަވަނީ ސުވާލު އުފައްދަމުންނެވެ.

އަދި މުއްދަތު ފަސްކުރުމަށް އަފްޣާނިސްތާނުގައި އެދުމަށް ހުޅަނގުން ގެންދަނީ އެމެރިކާއަށް ގޮވާލަމުންނެވެ.

ނަމަވެސް، ތާލިބާން ޖަމާއަތުން ބުނެފައިވަނީ، އެއީ ވާނޭކަމެއް ނޫންކަމަށެވެ.