އޭއެފްސީ ކަޕުގެ ގްރޫޕް ޑީގައި އަންގާރަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް މޮޅުވިޔަނުދީ ހިފަހަށްޓާ، އެޓީމުން މުބާރާތުން ކަޓުވާލާ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އިން މުބާރާތުގެ އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ދާދި ހަމަހަމަ އެހެންނަމަވެސް ވާދަވެރި ކުޅުމެއް ދެޓީމުގެވެސް ފަރާތުން ފެނިގެންދިޔަ މިމެޗުގެ ކުރީކޮޅުގައި ބަޝުންދަރާއިން ވަނީ މޯހަން ބަގާނުގެ ގޯލަށް އަމާޒުކޮށް ވަރަށް ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެއީ އެޓީމުގެ ފޯވާޑް ރައުލް ބަސޭރާ ފޮނުވާލި ހަމަލާއެކެވެ. އެހެންނަމަވެސް މި ހަމަލާގައި ގޯލަށް ވަންނަން ދިޔަ ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ މޯހަން ބަގާނުގެ ޑިފެންޑަރު ކާލް މެކްހިއުއެވެ.

މޯހަން ބަގާން އިން ފުރަތަމަ ފުރުސަތު ތަނަވަސްކުރީ މެޗުގެ 17 ވަނަ މިނިޓްގަ އެވެ. ބަޝުންދަރާ ޑިފެންސް ތެރެއިން ދޫވި ބޯޅައެއް މޯހަން ބަގާނުގެ އޮސްޓްރޭލިއާ ފޯވާޑް ޑޭވިޑް ވިލިއަމްސް އަށް ލިބުމުން އޭނާ ޖައްސާލި ބޯޅަ އެ ޓީމުގެ ލިސްޓަން ކޮލާސޯ ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތިން ބޭރުންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ބަޝުންދަރާއިންނެވެ. މެޗުގެ 27 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ފެނާންޑޭސްއެވެ.

މެޗުގައި ބަޝުންދަރާއަށް މައްސަލަތަކަކާއި ކުރިމަތިވީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމުގެ ޑިފެންޑަރު ސުޝާންޓޯ ޓްރިފޫރާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކި ހިސާބުންނެވެ.

ކުޅުންތެރިއަކު މަދުކޮށް، ހާއްސަކޮށް މުހިންމު ޑިފެންޑަރަކު ނެތި ބަޝުންދަރާއިން ކުޅެމުންދިއުމުގެ ނަތީޖާއަކަށްވީ ޕްރެޝަރު ބޮޑުވެ އެޓީމު ކޮޅަށް ލަނޑެއް ވަނުމެވެ.

ދެވަނަ ހާފު ފަށައިގެން މޯހަން ބަގާނުން އެޓޭކުތައް ވަރުގަދަކުރިއިރު، މެޗުގެ 61 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. ކޮލާސޯގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިލިއަމްސްއެވެ. އަދި އެ ލަނޑަށްފަހުވެސް މޯހަން ބަގާނުން ވަނީ ބަޝުންދަރާގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މެޗުގެ 71 ވަނަ މިނެޓުގައި ވިލިއަމްސްއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މެޗުން މޮޅުވެ މޯހަން ބަގާނުން އަނެއް ބުރުގެ ޖާގައެއް ހޯދިއިރު އެޓީމުން އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލުގައި ބައްދަލުކުރާނީ ސެންޓްރަލް އޭޝިއާ ޒޯން އުޒްބެކިސްތާންގެ ނަސާފް އާއި ތުރުކުމެނިސްތާންގެ އަހާލް ކުޅެގެން މޮޅުވާ ޓީމަކާ އެވެ. އެ މެޗުން މޮޅުވެއްޖެނަމަ އޭޓީކޭ އިން އިންޓަ ޒޯން ޕްލޭއޮފް ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ހޮން ކޮންގްގެ ލީ މޭންއާ އެވެ.