އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާއަށް ހާއްސަ ގްރޫޕް ޑީގައި ކުޅުނު ފަހު މެޗުން ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ބެންގަލޫރުން މި ގުރޫޕުގެ ތިންވަނަ ޓީމުގެ ގޮތުގައި މުބާރާތް ނިންމާލައިފިއެވެ.
މެޗުގައި ބެންގަލޫރު ޓީޟުން ރަނގަޅު ކުޅުމެއް ދެއްކިއިރު މިމެޗު އެޓީމުން ކާމިޔާބުކުރީ 2-6 ގެ ނަތީޖާއަކުންނެވެ.
މެޗުގައި މާޒިޔާ ޓީމުގެ ފުރަތަމަ 11 އިން ބަދަލުތަކެއް ފެނިފައިވާއިރު އެޓީމުނ ފުރަތަމަ 11 ގައި ބޭނުންކުރީ މިފަހަރުގެ މުބާރާތުގައި އަދި ކުޅެފައިނުވާ ހުސެއިން ޝަރީފްއެވެ. އެހެންނަމަވެސް ފުރަތަމަ ހާފުގެ ފަހު 15 ވަރަކަށް މިނެޓުގެ ތެރޭގައި އޭނާއަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ވަނީ މާޒިޔާގެ އެއް ނަމްބަރު ކީޕަރު، މަމަތްޚޯނޯވް މިރްޒޮޚިދް ކުޅެން އަރުވާފައެވެ.
މެޗުގައި ބެންގަލޫރު ޓީމުން ވަނީ ވަރަށް ކުރީކޮޅުގައި ލަނޑެއްޖަހާ ލީޑުނަގާފައެވެ. ފުރަތަމަ ހާފުގެ 5 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އުދަންތާ ސިންގ ކުމާމް އެވެ. އަދި އެޓީމުން ލީޑު ފުޅާކުރީ މެޗުގެ 18 ވަނަ މިނެޓުގައި ކީޕަރު ހުސެއިން ޝަރީފް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. އެގޮތުން ބެންގަލޫރުގެ ކުޅުންތެރިން ދަނޑުގެ މެދެއްހާ ހިސާބުން ނަގައިދިން ހުރަހެއް އޭރިއާ ތެރޭގައި ޖެހިފައި ބައުންސްވެގެން އައި ބޯޅަ ދިޔައީ ހުސެއިންގެ ބޯމަތިންނެވެ. ހުސެއިންގެ ފަހަތުން ގޮސް މަޑުމަޑުން ބޯޅައިގައި ފައި ޖައްސާލާ ބޯޅަ ގޯލުގެ ތެރެެއަށް ވައްދާލައިގެނެ މިލަނޑު އެޓީމަށް ކާޟިޔާބު ކޮށްދިނީ ބްރެޒިލް ފޯވާޑް ކްލެއިޓޮން އޮގަސްޓޯ އެވެ.
އަދި މެޗުގެ 35 ވަނަ މިނެޓުގައި ބެންގަލޫރުގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފޯވާޑް ލިޔޯން އޮގަސްޓީން އަސޯކަން އެވެ. މިއީ ކީޕަރު މިރްޒޮޚިދް ކުޅެން އެރިފަހުން ބެންގަލޫރުން ކާމިޔާބުކުރި ލަނޑެކެވެ.
ދެވަނަ ހާފު ފަށައިގެންވެސް މޮޅަށް ކުޅެ ރަނގަޅު ހަމަލާތަކެއް އުފެއްދީ ބެންގަލޫރުންނެވެ. އެގޮތުން މިހާފުގެވެސް ފުރަތަމަ 5 މިނެޓުގެ ތެރޭގައި އެޓީމުން ވަނޫ ނުރައްކާތެރި 3 ހަމަލާއެއްވަރު އުފައްދާފައެވެ. އެހެންނަމަވެސް މިހަމާލައް ގޯލަށް ވަނުމަށް ހުރަހަކަށްވީ މާޒިޔާގެ ކީޕަރާއި ޑިފެންޑަރުންނެވެ.
އެހެންނަމަވެސް މިހާފުގެ ގާތްގަނޑަކަށް 10 މިނެޓަށްފަހު މާޒިޔާ އިން ކޮންމެވެސް ވަރަކަށް އެޓޭކުތަކެއް ކުރަން ފެށިއެވެ. މިހާފުގެ ބާކީ ފެނިގެންދިޔައީ ދާދި ހަމަހަމަ ކޮށެވެ.
މާޒިޔާއިން މެޗުގައި ފުރަތަމަ ފަހަރަށް ލަނޑެއްޖެހީ ދެވަނަ ހާފުގައި މެޗުގެ 67 ވަނަ މިނެޓުގައެވެ. މިއީ ކައުންޓަރ އެޓޭކަކުން ބިދޭސީ ފޯވާޑް ކޮނެލިއަސް ސްޓެވާޓް ތަނަވަސްކޮށްދިން ފުރުސަތަކުން އިތުބާރު ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) ކާމިޔާބުކޮށްދިން ލަނޑެކެވެ. މާޒިޔާ އިން ލަނޑު ޖެހިތާ ދެމިނެޓުފަހުން ބެންގަލޫރު ޓީމުން ވަނީ އަނެއްކާވެސް ލަނޑެއްޖަހާ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސިވާ ސަކްތީ ނާރަޔަން އެވެ.
މާޒިޔާގެ އެޓޭކުތައް ވަރުގަދަ ކުރުމަށްޓަކައި ކޯޗް ވިޑަކޮވިޗް ވަނީ މެޗުގެ 72 ވަނަ މިނެޓުގައި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިފަހަރުގެ އޭއެފްސީ ކަޕުގައި ރާއްޖޭގެ ތަޖުރިބާކާރު ފޯވާޑް އަސަދުﷲ އަބްދުﷲ ވަނީ ކުޅެން އަރުވާފައެވެ. އޭނާ ކުޅެން އެރުވީ އައިސަމްގެ ބަދަލުގައެވެ. އަދި ނިހާންގެ ބަދަލުގައި އިބްރާހިމް ވަހީދު ހަސަން ވަނީ ކުޅެން އަރުވާފައެވެ.
މެޗުގެ 82 ވަނަ މިނެޓުގައި އަސަދުﷲ ވަނީ ލަނޑެއްވެސް ޖަހާފައެވެ. އޭރިއާ ތެރޭގައި ހުރެފައި ހަމްޕު މުޅިން ހުސްކޮށްލާފައިދިން ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އަސަދުﷲ ކާމިޔާބުކުރި ލަނޑެކެވެ. އެހެންނަމަވެސް އޭގެ ދެމިނެޓުފަހުން އަނެއްކާވެސް ބެންގަލޫރުން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މިލަނޑި އެޓީމަށް ކާމިޔާބު ކޮށްދިނީ ބިދްޔަޝަގަރް ސިންގ އެވެ. ބެންގަލޫރުގެ 6 ވަނަ ލަނޑުވެސް ކާމިޔާބުކުރީ އޭނައެވެ. މިއީ މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ތެރޭގައި ބިދްޔަޝަގަރް ކާމިޔާބުކުރި ލަނޑެކެވެ.
މި މެޗާއެކު މި ގުރޫޕުގެ ހުރިހާ މެޗެއް ކުޅެ ނިމިފައިވާއިރު މި ގުރޫޕުން މުބާރާތުގެ އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލަށް ދަތުރުކުރީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާނެވެ. އެޓީމުން އަނެއް ބުރު ކަށަވަރުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެވެ. ގްރޫޕުގެ ދެވަނަ ހޯދީ އަންގާރަ ދުވަހުގެ ހަވީރު މޯހަން ބަގާން އާއި ކުޅެ އެއްވަރުވި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ. ބެންގަލޫރުން ގްރޫޕްގެ ތިންވަނަ ހޯދިއިރު މާޒިޔާ އަށް މުބާރާތް ނިމުނީ ހުރިހާ މެޗަކުން ބަލިވެ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.