• ކުރިން ޗައިނާގެ ވެކްސިން ޖަހާފައިވާ މީހުން ގަބޫލުކުރަންވެސް ދަނީ ވިސްނަމުން

ކޮވިޑާ ދެކޮޅަށް ޗައިނާއިން އުފައްދައި ބޭނުންކުރާ 2 ވެކްސިނެއް، ސައުދީ އަރަބިއްޔާގައި ބޭނުން ކުރުމުގެ ހުއްދަ ސައުދީ ސަރުކާރުން ދީފިއެވެ.

ސައުދީ ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތުން ޓްވީޓްކުރި ބަޔާނެއްގައި ބުނެފައިވަނީ، ޗައިނާގެ ސިނޮފާރމް އަދި ސިނޮވެކް ވެކްސިނަށް މިހާރު ހުއްދަ ދީފައިވާ ކަމަށެވެ.

މިއާއެކު، ސައުދީ އަރަބިއްޔާގައި ބޭނުން ކުރުމަށް މިހާތަނަށް ހުއްދަދިން ވެކްސިންތަކުގެ އަދަދުވަނީ ހަޔަކަށް އަރާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ، އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިން، ފައިޒަރ-ބަޔޯއެންޓެކް ވެކްސިން، ޖޯންސަން އެންޑް ޖޯންސަން ވެކްސިން، މޮޑަނާގެ ވެކްސިންގެ އިތުރުން، އެންމެފަހުން ހުއްދަދިން ސިނޮފާރމް އަދި ސިނޮވެކް ވެކްސިނެވެ.

ސައުދީ މިނިސްޓްރީ އޮފް ހެލްތުން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ، ސައުދީ އަރަބިއްޔާއިން އެއްވެސް ވެކްސިނަކަށް ހުއްދަދޭނަމަ އެކަން އިއުލާން ކުރާނީ ސައުދީ ސަރުކާރުގެ ހެލްތު މިނިސްޓްރީއާއި، ސައުދީ ފޫޑް އެންޑް ޑްރަގް އޮތޯރިޓީގެ ރަސްމީ ޗެނަލްގެ ތެރެއިން ކަމަށެވެ.

ހަމަ އެއާއެކު، ޗައިނާގެ ދެ ވެކްސިން ކަމަށްވާ ސިނޮފާރމް އަދި ސިނޮވެކް ކޮވިޑް ވެކްސިންގެ ދެ ޑޯޒް، ކުރިން ފުރިހަމަ ކޮށްފައިވާ މީހުން ސައުދީ އަރަބިއްޔާއަށް އެތެރެވުމުގެ ހުއްދަ ދިނުމުގެ ފުރުސަތު އޮންނާނެ ކަމުގެ އިޝާރާތެއް ވެސް ސައުދީ ހެލްތު މިނިސްޓްރީން ދީފައި ވެއެވެ.

އެގޮތުން ބުނެފައިވަނީ، ސިނޮފާރމް ނުވަތަ ސިނޮވެކް ވެކްސިން ކުރިން ޖަހާފައިވާ މީހުންގެ ތެރެއިން، ސައުދީން ހުއްދަ ކޮށްފައިވާ ކޮންމެވެސް އެއް ވެކްސިނެއްގެ ބޫސްޓަރ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުން ގަބޫލުކުރަން ވިސްނާ ކަމަށެވެ.

ސައުދީ އަރަބިއްޔާއިން މިހާރު އަމަލުކުރާ އުސޫލުގައި، އެގައުމުން ކުރިން ހުއްދަދީފައިވާ ވެކްސިން ފިޔަވައި، އެހެން ވެކްސިނެއް ޖަހާފައިވާ މީހުން ސައުދީ އަރަބިއްޔާއަށް އެތެރެވުމުގެ ހުއްދަ ނުދޭން ވަނީ ނިންމާފައެވެ.

އެގޮތުން، އުމްރާގެ އަޅުކަމަށް ބޭރު ގައުމުތަކުން އާދެވޭނީވެސް ސައުދީ ސަރުކާރުން ގަބޫލުކުރާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް އެކަނި ކަމަށް ވަނީ ކަނޑައަޅާފައެވެ.

ނަމަވެސް، ސައުދީ ސަރުކާރުން ޗައިނާގެ ދެ ވެކްސިނަށް ހުއްދަ ދިނުމުން، އެތައް ގައުމަކަށް މިކަމުގެ ހިތްހަމަޖެހުން ލިބެނޭ ކަމަށް ގަބޫލު ކުރެވިފައި ވެއެވެ.

ސަބަބަކީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ލިބުނު ވެކްސިނާއި އަދި ޗައިނާއިން ގެނެގެން އިސްލާމީ އެތައް ގައުމަކާއި، ދުނިޔޭގެ އެތައް ގައުމަކުންވެސް ރައްޔިތުންނަށް ވެކްސިން ޖަހާފައި ވުމުންނެވެ.

ސައުދީ ސަރުކާރުން ކުރިން ހުއްދަދިން ވެކްސިންގެ ތެރޭގައި ޗައިނާގެ ވެކްސިންތައް ނުހިމެނޭތީ އިސްލާމީ އެތައް ގައުމަކުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ގޮސްފައި ވެއެވެ.

ޗައިނާގެ ވެކްސިންތައް ގަބޫލު ނުކުރަން ޔޫރަޕްގެ އިއްތިހާދުންވެސް ނިންމާފައި ވެއެވެ. ނަމަވެސް، އީޔޫގެ ނިންމުން ގަބޫލު ނުކޮށް އީޔޫގެ މެމްބަރު އެތައް ގައުމަކުންވަނީ ޗައިނާގެ ވެކްސިން ޖަހާފައިވާ މީހުން އެ ގައުމުތަކަށް އެތެރެވުމުގެ ހުއްދަ ދޭނޭކަމަށް ބުނެފައެވެ.