އިޓާލިއަން ލީގުގެ ގަދަބާރު ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވީހާވެސް އަވަހަކަށް ކުލަބު ދޫކޮށްލުމަކީ ކުލަބަށް އެންމެ ފައިދާހުރި ގޮތްކަމަށް އެކުލަބުގެ ކުރީގެ ރައީސް ޖިއޮވާނީ ކޮބޮލީ ގިގްލީ ބުނެފިއެވެ.
2006 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރުގެ ނިޔަލަށް ކުލަބުގެ ރައީސްގެ މަގާމުގައި ހުރި ގިގްލީ އިޓަލީގެ މީޑިއާއަކަށްދިން އިންޓަވިއުއެއްގައި ބުނީ، އޭނާ އަކީ ކަންކަމުގައި ދޮގޮހަދައިގެން ހަގީގަތް އޮޅުވާލަން ބޭނުންވާ މީހެއް ނޫންކަމަށް ބުނެފައެވެ. އަދި ވީ އެންމެ އަވަހަށް ޔުވެންޓަސް ދޫކޮށް ރޮނާލްޑޯ ދިއުމަކީ އެކުލަބަށްވެސް އަދި ޚުދު ރޮނާލްޑޯއަށްވެސް އެންމެ ފައިދާހުރި ގޮތްކަމަށް ގިގްލީ ބުނެފައިވެއެވެ.
ގިގްލީ އިތުރަށް ބުނީ ރޮނާލްޑޯ އަކީ މޮޅު ކުޅުންތެރިއެއް ކަމަށްވީނަމަވެސް ރޮނާލްޑޯގެ ސަބަބުން ޔުވެންޓަސްގެ އެޓޭކްތަކަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުތަކެއް ކުރާކަމަށެވެ. އަދި ރޮނާލްޑޯ ނުލާ ޓީމުން އެކަތިގަނޑެއްގެ ގޮތުގައި މާ ވަރުގަދަ އެޓޭކްތަކެއް އުފައްދާކަމަށްވެސް ގިގްލީ ބުންޏެވެ.
100 މިލިއަން ޔޫރޯގެ ބޮޑު ޓްރާންސްފަރ ފީއެއްގައި ރެއާލް މެޑްރިޑުން ޔުވެންޓަސް ރޮނާލްޑޯ ބަދަލުވީ 2018 ވަނަ އަހަރުއެވެ. 4 އަހަރުގެ އެއްބަސްވުމެއްގެ ދަށުން ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވިއިރު އޭނާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ އެންމެ އަހަރެކެވެ. އެހެންކަމުން ރޮނާލްޑޯ އާއިއެކު ޔުވެންޓަސް އިން އައު އެއްބަސްވުމެއް މި މުއްދަތުގެ ތެރޭގައި ނުހަދައިފިނަމަ އަދި އެހެން ކުލަބަކުން އޭނާ ހޯދުމަށް މަސައްކަތް ނުކޮށްފިނަމަ ދެން އޭނާ ހުންނާނީ ފްރީ އެޖެންޓެއްގެ ގޮތުގައި ކުލަބެއް ނެތިއެވެ.
މިހާތަނަށް ޔުވެންޓަސްގެ ޖާޒީގައި 134 މެޗު ކުޅެދީފައިވާއިރު 101 ލަނޑު ވަނީ ކާމިޔާބު ކޮށްދީފައެވެ. ފާއިތުވީ 3 އަހަރުގެ ތެރޭގައި ރޮނާލްޑޯ ވަނީ ޔުވެންޓަސް އާއިއެކު އިޓާލިއަން ލީގު 2 ފަހަރަށް، ކޮޕާ އިޓާލިއާ އެއްފަހަރަށް އަދި އިޓާލިއަން ސުޕާ ކަޕް ދެފަހަރަށް ކާމޔާބު ކޮށްފައެވެ.