ހުޅުމާލޭގައި ބައިލިންގުއަލް އިންޓަރނޭޝަނަލް ސްކޫލެއް އިމާރާތްކޮށް ހިންގުމުގެ އެއްބަސްވުމެއްގައި ކުވެއިތުގެ، އަލްޖެރީ ހޯލްޑިންގ ގްރޫޕާއެކު މިއަދު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސޮއިކޮށްފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި ކުރިއަށްދިޔަ މިރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ.

އަދި އަލްޖެރީ ހޯލްޑިންގ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗެއަރމަން ޠަލާލް ޚަލީފާ އަލްޖެރީއެވެ.

ހުޅުމާލޭ ފޭސް 1 ގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި ސްކޫލްގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދޭނެއެވެ.

މިއީ އިންގްލިޝް މީޑިއަމް ސްކޫލެކެވެ. މިސްކޫލުގައި އަރަބިބަސް ކިޔަވައިދޭން ވަނީ ހަމަޖެހިފައެވެ.

2 ފޭސްއަށް ބަހާލައިގެން ކުރިއަށް ގެންދާން ހަމަޖެހިފައިވާ މިސްކޫލްގެ ފުރަތަމަ ފޭސްގައި އަންނަ ދިރާސީ އަހަރު ފެށޭއިރު ކިޔަވައިދޭން ފެށޭވަރު ވާނެކަމަށް އަލްޖެރީ ހޯލްޑިންގ ގްރޫޕުން މަޢުލޫމާތު ދެއްވައެވެ.

އަދި 2 ވަނަ ފޭސްގައި 2023 ވަނަ އަހަރުގެ ދިރާސީ އަހަރާއެކު ކިޔެވުން ފެށިގެން ދާނެއެވެ.

ގާތްގަނޑަކަށް 1200 ދަރިވަރުންގެ ޖާގައިގެ މިސްކޫލް އިމާރާތްކުރާނީ ރާއްޖޭގެ ކުންފުންޏަކާ ހަވާލު ކޮށްގެންނެވެ. މި އިމާރާތް ބަޔަކާ ހަވާލު ކުރުމަށް މިހާރު މަޝްވަރާތައް ކުރިއަށް އެބަދެއެވެ.

އަލްޖެރީ ހޯލްޑިންގ ގްރޫޕުން ކުވެއިތުގައި އިންޓަނޭޝަނަލް 20 ސްކޫލެއް ހިންގައެވެ. އެކުންފުނީގެ ޗެއާމަން ތަލާލް ހަލީފާ އަލްޖެރީއަކީ އަރަބި ދުނިޔޭގައި ނަން މަޝްހޫރު ވިޔަފާރި ޝަހުސިއްޔަތެކެވެ.