ކާބުލް އެއަރޕޯޓުގެ ބޭރުގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފިއެވެ.

މިކަން އެމެރިކާގެ އަސްކަރިއްޔާއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ކާބުލްގެ ހާމިދު ކަރްޒާއީ އިންޓަރނޭޝަނަލް އެއަރޕޯޓަކީ އަފްޣާނިސްތާނުގައި އެމެރިކާ ސިފައިންނަށް އެހީތެރިވި މީހުންނަށް ހިމާޔަތްދީ އަފްޣާނިސްތާނުން ވައިގެމަގުން ބޭރުކުރުމުގެ މަސައްކަތް ހިންގަމުންދާ އެއަރޕޯޓެވެ.

އެ އެއަރޕޯޓުގެ އެތެރޭގައާއި، އެއަރޕޯޓުގެ ބޭރުގައި މިހާރުވެސް އެތައްހާސް ބަޔަކު ޖަމާވެފައި އެބަތިއްބެވެ.

އެމެރިކާގެ އަސްކަރިއްޔާ، ޕެންޓަގަންގެ ތަރުޖަމާނު ޖޯން ކާރބީ ވިދާޅުވީ، އެއަރޕޯޓުބގެ ބޭރުގައި ބާރުގަދަ އެއްޗެއް ގޮއްވާލުމުގެ ސަބަބުން އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށާއި، ނަމަވެސް އެކަމުގެ ތަފްސީލް އަދި ނުލިބޭ ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި އާންމުންގެ އެތައްބަޔަކު ވަނީ މަރުވެފައެވެ.

މި ހާދިސާގެކުރިން އެމެރިކާއާއި، އެމެރިކާގެ ބައިވެރިން ބުނަމުން ގެންދިޔައީ، ޖާނު ގޮއްވާލައިގެން އެއަރޕޯޓަށް ހަމަލާދޭން ބަޔަކު އިންޒާރު ދެމުންގެންދިޔަ ކަމުގެ ޖާސޫސީ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މިކަމާހެދި، އެއަރޕޯޓުގެ ބޭރުގައި ތިބި މީހުން އެހިސާބުން ދުރަށް ދިއުމަށް އެމެރިކާއިން އަންގާފައިވެސް ވެއެވެ.

އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން އެގައުމުން ބާލަން އެމެރިކާގެ ރައީސް ކަނޑައަޅުއްވާފައިވާ ސުންގަޑި މިމަހުގެ 31 އަށް ހަމަވާއިރު، އެ މުއްދަތުގެ ފަހުން އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި ތިބެން ފުރުސަތު ނުދެވޭނޭ ކަމަށް ތާލިބާން ޖަމާއަތުން ވަނީ ބުނެފައެވެ.

އަދި އޭގެކުރިން، އަފްޣާނިސްތާނުން ބޭރުކުރާ ބަޔަކު ބޭރުކޮށް ނިންމުމަށްވެސް ވަނީ އަންގާފައެވެ.

އެމެރިކާއިން މިހާތަނަށް 88،000 އަށްވުރެ ގިނަމީހުން އަފްޣާނިސްތާނުން ބޭރުކޮށްފައި ވާއިރު، ކޮންމެ 39 މިނެޓަކުން މަތިންދާ ބޯޓެއް މީހުންނާއިގެން ފުރާ ކަމަށް އެމެރިކާ ސިފައިން ބުނެއެވެ.

ތާލިބާން ޖަމާއަތުގެ ތަރުޖަމާނު މީގެކުރިން ވިދާޅުވެފައިވަނީ، އަފްޣާނިސްތާނުގެ ކަންކަން މިހާރު އާންމު ހާލަތަށް އައިސްފައިވާ ކަމަށާއި، ހަމައެކަނި އޮތް މައްސަލައަކީ އެއަރޕޯޓުގެ މައްސަލަ ކަމަށެވެ.