ކާބުލް އެއަރޕޯޓުގެ ބޭރުގައި ބާރުގަދަ ދެބޮން ގޮއްވާލުމުގެ ސަބަބުން 13 މީހުން މަރުވެފައިވާކަން މިހާތަނަށް ކަށަވަރު ކުރެވިފައިވާ ކަމަށް ތާލިބާން ޖަމާއަތުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މަރުވި މީހުންގެ ތެރޭގައި އެމެރިކާ ސިފައިންގެ ބަޔަކު ހިމެނޭ ކަމަށްވެސް އެމެރިކާގެ ދިފާއީ ވުޒާރާއިން ކަށަވަރު ކޮށްދީފައި ވެއެވެ. ނަމަވެސް އަދަދެއް ހާމަކޮށްފައެއް ނުވެއެވެ.

ބޮންތައް ގޮއްވާލުމުގެ ސަބަބުން އެތައް ބަޔަކު ޒަޚަމްވި ކަމަށާއި، ޒަޚަމްވި މީހުންގެ ތެރޭގައި އަފްޣާނިސްތާނުގެ އާންމުންގެ އިތުރުން، އެމެރިކާ މީހުންވެސް ހިމެނޭ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނެފައި ވެއެވެ.

ކަބުލްގެ އިމަޖެންސީ ހޮސްޕިޓަލުން ބުނެފައިވަނީ، ހަމަލާތަކުގައި ޒަޚަމްވެގެން 60 މީހުން އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.

ކާބުލް އެއަރޕޯޓު ކައިރީގައި ފުރަތަމަ ބޮން ގޮއްވާލާފައިވަނީ އެއަރޕޯޓުގެ އަބޭ ގޭޓު ކައިރީގައެވެ. ދެވަނަ ބޮން ގޮއްވާލާފައިވަނީ އަބޭ ގޭޓާ މާ ދުރުނޫން ހިސާބެއްގައި ހުންނަ ހޮޓަލެއްގައެވެ.

ބޮންތައް ގޮއްވާލުމުގެ ސަބަބުން މުޅި އެ ހިސާބަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.

އަފްޣާނިސްތާނު ކޮންޓްރޯލް ކުރާ ތާލިބާން ޖަމާއަތުންވަނީ، އެއަރޕޯޓް ކައިރީގައި އާންމުންނަށް ދެވުނު ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ.

އެދި، މި ހަމަލާތައް ދެވުނު ހިސާބަކީ އެމެރިކާ ސިފައިންގެ ސަލާމަތީ ކޮންޓްރޯލްގެ ދަށުގައި އޮތް ސަރަހައްދެއްކަންވެސް ތާލިބާން ޖަމާއަތުގެ ތަރުޖަމާނު ނެރުނު ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.