ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާތަކަށް ދިވެހި ސިފައިން ފާރަވެރިވެ ތިބުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައި ގެންނެވީ، ދިވެހި ސިފައިންގެ 67 ވަނަ އަސާސީ ތަމްރީނު ފުރިހަމަކުރި ސިފައިންގެ ހުވާކުރުމާއި ބަޑިހަވާލުކުމުގެ ގޮތުން މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ދުވަސްވަރަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާތައް ފަދަ އެތައް ގޮންޖެހުންތަކެއް ސަރަހައްދީ ފެންވަރުގައްޔާއި ބައިނަލްއަގުވާމީ ފެންވަރުގައި ކުރިމަތިވަމުން އަންނަ ދުވަސްވަރެއްކަން ފާހަގަކުރައްވައި އެފަދަ ގޮންޖެހުންތަކަށް ސިފައިން ހޭލުންތެރިވެ، އެގޮންޖެހުންތަކާ ކުރިމަތިލާން ތައްޔާރުވުމުގެ މުހިންމުކަން ރައީސް ސާލިހްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ހަމަ އެއާއެކު، ސާލަމަތީ ޚިދުމަތްތަކުގެ މެދުގައި ގުޅިގެން މަސައްކަތްކޮށް، އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

އިންޓެލިޖެންސްގެ މައުލޫމާތު ހިއްސާކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް، ކަމާގުޅޭ އިދާރާތައް ގުޅިގެން ކުރަމުން އަންނަ ކަމަށާއި އެމަސައްކަތް އިތުރަށް ހަރުދަނާވުމުން، ޓެރަރިޒަމްގެ ނުރައްކާތައް މިހާރަށް ވުރެ ރަނގަޅަށް ވަޒަންކުރެވި، އެފަދަ ކަންކަމާ ކުރިމަތިލުމުގެ ޤާބިލްކަން، ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގައި އިތުރުވެގެންދާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ހަމަ އެއާއެކު، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބުނެފައިވާ ގޮތުގެމަތިން، ޓެރަރިޒަމާގުޅޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ އޮނިގަނޑު، މިމަހުގެ 17 ވަނަ ދުވަހު އެކުލަވާލައި، މަޢުލޫމާތު ހިއްސާކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.

ސިފައިންގެ ޚިދުމަތާ އަލަށް ގުޅިވަޑައިގެންނެވި ސިފައިންނާ މުޚާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޤާނޫނުއަސާސީއާއި ދިވެހި ސިފައިންގެ ޤާނޫނާއި ސިފައިންގެ ތެރޭގައި ޢަމަލުކުރަމުން އަންނަ އެންމެހައި ޤަވާއިދުތަކާއި އުޫލުތަކާއި ސުލޫކީ މިންގަނޑުތަކާ އެއްގޮތަށް، ސިޔާސީ ނުފޫޒުން އެއްކިބާވެ ސިފަވަންތަ ބައެއްގެ ގޮތުގައި ޤައުމަށް ޚިދުމަތްކުރުމުގައި ދެމިތިއްބެވުމަށް އިލްތިމާސް ކުރައްވާފައެވެ.

އަދި، ސިފައިންގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ، ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދިފާޢުކުރުމާއި، ޤާނޫނުއަސާސީއާއި ރާއްޖޭގެ ރައްޔިތުންނާއި އަދި ޤާނޫނީ ވެރިކަމަށް ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކުން ޤާނޫނީ ވެރިކަން ޙިމާޔަތްކޮށްދިނުން ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ އާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިތުރުން ސިފައިންގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.