އިދިކޮޅު ޕީޕީއެމްގެ ތެރެއިން ބަރުލަމާނީއަށް ތާއީދުނުކުރާ އަދި މަޖިލީހަށް ހުށައެޅި ނަފްރަތާގުޅޭ ބިލަށް ތާއީދު ނުކުރާ މެމްބަރުން ޖުމްހޫރީ ޕާޓީއަށް ބަދަލުވަމުންދާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް ޖުމްހޫރީ ޕާޓީން ދޮގުކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން ޖޭޕީގެ އިސްތަރުޖަމާނު އަލީ ސޯލިހް "ވީނިއުސް" އަށް ވިދާޅުވީ، އެވާހަކަ ތަކަކީ ދޮގެއްކަމަށާއި، ޖޭޕީގެ މަސައްކަތްތައް ފެށި ސަފުތައް އަތުރާލުމާއެކު މޭކަރާ ބަޔަކު އެބަތިބިކަން އެވާހަކަތަކުން ހާމަވެގެންދާ ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖްލިސް ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި. އިދިކޮޅު ޕީޕީއެމްގެ ތެރެއިން ބަރުލަމާނީއަށް ތާއީދު ނުކުރާ އަދި ހިސާން ހުސައިން ސްޕޮންސަރުކޮށް މަޖިލީހަށް ހުށައެޅި ނަފްރަތާއި ގުޅޭ ބިލަށް ތާއީދު ނުކުރާ މެމްބަރުން ޖުމްހޫރީ ޕާޓީއަށް އެބަ ބަދަލުވާކަމަށް ވިދާޅުވިއެވެ.
ޕީޕީއެމްއިން ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރާ ވާހަކަ ކަމެއްވެސް މުޅީން ސާފުކޮށްދެއްވާފައި ނުވިނަމަވެސް، އެމަނިކުފާނުގެ މެސެޖްގައި އިބްރާތް ކުރައްވާފައިވަނީ ސީދާ އެމޭރުމުންނެވެ.
އަލީ ސާލިހް ވިދާޅުވީ، ބަރުލަމާނީ ފިކުރާއި ދެކޮޅަށް ޖޭޕީގެ ލީޑަރ، ގާސިމް އިބްރާހީމް ވާހަކަދެއްކެވީ އަލަށް ނޫން ކަމަށެވެ. އަދި އެބާވަތުގެ ދޮގު ވާހަކަ ދެއްކުމުގެ ބަދަލުގައި ރައްޔިތުން އަޑުއަހާނެ ޒާތުގެ ވާހަކަ ދެއްކެވުމަށްވެސް ގޮވާލެއްވިއެވެ.
މިފަދަ ކޮންމެ ވާހަކައަކުންވެސް އެނގިގެންދަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ޖޭޕީ އާއި އެޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ހުންނެވި ހިސާބު ކަމަށް އަލީ ސާލިހް ވިދާޅުވިއެވެ.
އަލީ ސާލިހް ވިދާޅުވީ، ޖުމްހޫރީ ޕާޓިއާ ގުޅެނީ ޕާޓީއަށާއި ޕާޓީގެ ފިކުރަށް ތާއީދުކުރާ، ޕާޓީގެ މަސައްކަތް ބަލައިގަންނަ ބޭފުޅުން ކަމަށާއި، އެކަމާ ވަކި ނިޒާމަކާ ގުޅުމެއް ނެތްކަމަށެވެ.
މިފަދަ ވާހަކަތައް ފަތުރަނީ ޕާޓީގެ ހަރަކާތްތަކަށް ފާރަވެރިވާ މީހުން ކަމަށާއި، ޖުމްހޫރީ ޕާޓީގެ މަސައްކަތް އަބަދުވެސް ހުއްޓުމެއް ނެތި ކުރިއަށް ދާނެކަމަށްވެސް އަލީ ސާލީހް ވިދާޅުވިއެވެ.