ކޮވިޑްބަލީގެ ހާލަތު އަނެއްކާވެސް ވަރަށް ބޮޑަށް ގޯސްވާން ފެށުމާގުޅިގެން އިންޑިއާގެ ދެ ސްޓޭޓެއްގައި ރޭގަނޑަށް ކާފިއު ހިންގުމާމެދު ވިސްނުމަށް މައި ސަރުކާރުން އެދެ ސްޓޭޓަށް އަންގައިފިއެވެ.

ރޭގަނޑަށް ކާފިއު ހިންގަން ސަރުކާރުން ލަފާދިނީ ކެރަލާ ސްޓޭޓާއި، މަހާރަޝްޓްރާ ސްޓޭޓަށެވެ.

މައި ސަރުކާރުހެ ހޯމް މިނިސްޓްރީން ފޮނުވި ބަޔާނެއްގައި ބުނެފައިވަނީ، އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ހުއްޓުމަކަށް ގެނައުމަށް އިތުރު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވަރުގަދަކޮށް، ވެކްސިން ޖެހުން އިތުރުކޮށް، އަދި ހާލަތު އެންމެ ގޯސްވެފައިވާ ހިސާބުތަކުގައި ރޭގަނޑު ކާފިއު ހިންގުމާއި، މީހުންގެ ހަރަކާތްތައް ބެލެހެއްޓުން ވަރުގަދަ ކުރުމަށްވެސް ބަޔާނުގައި ވެއެވެ.

އެދެ ސްޓޭޓްގައި ކޮވިޑްބަލި ބޮޑަށް ފެތުރެމުންދާ ސަރަހައްދުތައް ބަންދުކުރަން މައި ސަރުކާރުން ސްޓޭޓް ސަރުކާރަށް ލަފާދިންއިރު، މުޅި އިންޑިއާގައި އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މިހާރުވަނީ މައްޗަށް ދާން ފަށާފައެފެ.

އިއްޔެއާއި މިއަދު އިންޑިއާއިން އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހުރީ 40،000 އިން މަތީގައެވެ.

އަލަށް ޕޮޒިޓިވްވާ އަދަދުތައް މައްޗަށް މިދިޔައީ، މިމަހުގެ ތެރޭގައި އެ އަދަދު 25،000 ގައި ހުރުމަށް ފަހުގައެވެ.

ޕޮޒިޓިވް ކޭސްތައް ކުއްލިއަކަށް މައްޗަށްދާން ފެށިއިރު، އެންމެ ގިނަ މީހުން ޕޮޒިޓިވް ވަމުންދަނީ ކެރަލާއިންނެވެ. ކެރަލާގައި ޕޮޒިޓިވް ކޭސްތައް މައްޗަށް ދާންފެށީ ދާދިފަހުން ފާހަގުރި ބޮޑު އިހުތިފާލުތަކާ ގުޅިގެން ކަމަށް ބެލެވިފައި ވެއެވެ.

ފާތުވެދިޔަ ހަފްތާއަށް ބަލާއިރު، މިހާރު ކޮންމެ ދުވަހަކު އަލަށް ޕޮޒިޓިވްވާ މީހުންގެ 60 އިންސައްތައަކީ ކެރަލާ ސްޓޭޓުން ޕޮޒިޓިވްވާ މީހުންނެވެ. މަހާރަޝްޓްރާ ސްޓޭޓުން 16 އިންސައްތަ ހިއްސާ ކުރެއެވެ.

މުޅި އިންޑިއާއަށް ބަލާއިރު، މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 32.6 މިލިއަނަށް އަރާފައި ވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދުވަނީ 436،861 އަށް އަރާފައެވެ.