ކާބުލް އެއަރޕޯޓުގެ ބޭރުގައި އިއްޔެ ދެވުނު ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 85 އަށް އަރައިފިއެވެ.
އަފްޣާނިސްތާނުގެ ހެލްތު އޮފިޝަލުންނާއި، ތާލިބާން އޮފިޝަލުން ވިދާޅުވެފައިވަނީ، އިއްޔެގެ ހަމަލާތަކުގައި އަފްޣާނިސްތާނުގެ 72 މީހުން މަރުވި ކަމަށެވެ. އޭގެ ތެރޭގައި ތާލިބާން ޖަމާއަތުގެ 28 މެމްބަރުންވެސް ހިމެނޭ ކަމަށް ކަށަވަރު ކޮށްދީފައި ވެއެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އިއްޔެގެ ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 13 މީހުން މަރުވެފައިވާ ކަމަށެވެ.
ކާބުލް އެއަރޕޯޓުގެ ބޭރުގައި އިއްޔެ ދެބޮމެއް ގޮއްވާލާފައި ވާއިރު، ބަޑިންވެސް ހަމަލާތައް ދީފައި ވެއެވެ.
މި ހަމަލާތައް ދެވުނީ، ކާބުލް އެއަރޕޯޓުގެ ބޭރުގައި އެތައްހާސް އާންމުން ތޮއްޖެހިފައި ތިބި ވަގުތެއްގައެވެ. އެއީ، އަފްޣާނިސްތާނުން ފުރައިގެން ދިއުމަށް ބޭނުންވެގެން ޖަމާވެފައިވާ މީހުންނެވެ.
އިއްޔެގެ ހަމަލާގެ ފަހުން ނޫސްވެރިން ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވެއެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ހަމަލާގެ ސަބަބުން ބިންމަތީގައި ލޭގެ ކޯރެއް އުފެދިފައި ވެއެވެ. އަދި މަރުވެފައިވާ މީހުންގެ ހަށިތަކާއި ޒަޚަމްވެފައިވާ އެތައްބަޔަކު ފެނެއެވެ.
އިއްޔެގެ ހަމަލާގެ ޒިންމާ، އައިސިސް-ޚުރާސަން ނަމަކަށްކިޔާ ޖަމާއަތަކުން ވަނީ އުފުލާފައެވެ. އެ ޖަމާއަތަކީ އިސްލާމިކް ސްޓޭޓް ޖަމާއަތާ ގުޅުން އޮންނަ ޖަމާއަތެކެވެ.
މިކަމާހެދި، އެޖަމާއަތުގެ ކިބައިން ވަރުގަދައަށް ބަދަލު ހިފާނޭ ކަމަށް އެމެރިކާގެ އޮފިޝަލުންވަނީ ވައުދުވެފައެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން މިހާރުވަނީ، ޚުރާސަން ޖަމާއަތުގެ މުދަލާއި، އެ ޖަމާއަތުގެ ވެރިން ތިބި ތަންތަނާއި އަދި އެމީހުންގެ ވަސީލަތްތައް ހުރި ތަންތަން ހޯދައި، އަސްކަރީ ހަމަލާތައް ދިނުމަށް ޕްލޭނެއް އެކަށައެޅުމަށް އެމެރިކާގެ ކޮމާންޑަރުންނަށް އަމުރު ކުރައްވާފައެވެ.