ގިނަ ފިލްމުތަކެއް ޑައިރެކްޓްކުރުމަށްފަހު ބައެއް ފިލްމުތަކުގައި މުހިއްމު ރޯލުތަކެއް ކުޅެފައިވާ މަހޭޝް މަންޖްރެކަރު ކެންސަރު ބަލީގެ ޝިކާރައަކަށްވެ ބައްޔަށް ފަރުވާކުރަން ފަށައިފިއެވެ.

އުމުރުން 63 އަހަރުގެ އެކްޓަރު/ޑައިރެކްޓަރު އިންޑިއާގެ ނޫސްތަކަށް މައުލޫމާތު ދެމުން ބުނީ، ޔުރިނަރީ ބްލެޑަރ ކެންސަރަށް ފަރުވާ ހޯދަމުން އަންނަތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ.

މިބައްޔާ ގުޅިގެން ދާދިފަހުން ހާއްސަ އޮޕަރޭޝަނެއްކޮށް މިހާރު ވަރަށްބޮޑުތަން ލުއިކަމަށްވެސް މަހޭޝްވަނީ ބުނެފައެވެ.

މީގެ ތިންމަސް ދުވަސްކުރިން މިބައްޔަށް ފަރުވާކުރަން ފަށާފައިވާ މަހޭޝްގެ އާއިލާގެ ފަރާތުން ވާހަކަ ދައްކަމުން މަހޭޝްގެ ކޮއްކޮ ބުނެފައިވަނީ އޭނާއަކީ ވަރަށް ހިތްވަރުގަދަ މީހެކެވެ.

އެހެންނަމަވެސް މީޑީއާއާ ހަމައަށް އެހަބަރު ނައިސްއޮތީ މަހޭޝްގެ އެދުމުގެމަތިން އެވާހަކަ އިތުރު ބަޔަކާއި ހިއްސާކުރުމަށް އޭނާ އެވަގުތު ބޭނުން ނުވާތީ ކަމަށްވެސް މަހޭޝްގެ ކޮއްކޮވަނީ ބުނެފައެވެ.

މަހޭޝްގެ އަންހެން ދަރިފުޅު ސާއީ މަންޖްރޭކަރުވެސް ބައްޕަ ސިފަކުރަނީ ވަރަށް ހިތްވަރުގަދަ މީހެއްގެ ގޮތުގައެވެ.

ބައްޕަގެ އެދުމުގެމަތިން ދަރިފުޅު ސާއީވެސް އެއްވެސްގޮތަކަށް މިހަބަރު މީޑިއާއާ ހިއްސާކުރަން ބޭނުންނުވީއެވެ.

ސާއީ ނޫސްތަކަށް މައުލޫމާތު ދެމުން ބުނީ، ބައްޕަ މަހޭޝް ބޭނުންވަނީ ކެންސަރު ބަލީގައި އޭނާ ތަޖްރިބާކުރި ދުވަސްތައް ފޮތެއްގެ ސިފައިގައި އާއްމުންނާ ހިއްސާކުރުމަށެވެ.

އެއީ ފަސޭހަ ދުވަސްތަކެއް ނޫންކަމަށާއި އެއިހްސާސްތައް އެންމެ ރަގަޅަށް އާއްމުންނަށް ކިޔައިދީ މިބައްޔަށް ވީހާވެސް ގިނަބަޔަކު އަހުލުވެރި ކުރުވުވުމަކީ ބައްޕަގެ ހުވަފެނެއް ކަމަށްވެސް ސާއީވަނީ ބުނެފައެވެ.

ނޭޝަނަލް އެވޯޑްވެސް ހާސިލްކޮށްފައިވާ ކުޅަދާނަ ޑައިރެކްޓަރު އުފެއްދި މޮޅެތި ފިލްމުތަކުގެތެރޭގައި "ވާސްތާވް" އަދި "އަސިސްތަވް" ހިމެނެއެވެ.

މިވަގުތު އޭނާ މަސައްކަތް ކުރަމުންދަނީ އެކްޓަރު ސަލްމާން ޚާން އަދި އަޔުޝް ޝަރްމާ ފެނިގެންދާ ފިލްމު "އަންތިމް" ގެ ޑައިރެކްޓަރެއްގެ ގޮތުގައެވެ.