ބޮލީވުޑްގެ ގިނަ ފިލްމުތަކުން ވަރަށް ތަފާތު އެކްޓިންގްއެއް ދައްކުވައިދީފައިވާ އެކްޓަރު އަޔުޝްމާން ކުރާނާގެ އަންހެނުން ތާހިރާ ކަޝްޔަޕްގެ އޭނާގެ ފުރަތަމަ ފީޗާ ފިލްމަށް ތައްޔާރުވެއްޖެއެވެ.

ޚުދު ތާހިރާ އަމިއްލައަށް ޑައިރެކްޓުކުރާ ފިލްމު "ޝަރުމާޖީ ކީ ބޭޓީ" ގެ ކާސްޓުން އިއުލާނުކޮށް މިހާރުވަނީ ފިލްމުގެ ޝޫޓިންގް ޝެޑިއުލްއާ އެއްގޮތަށް ފަށާފައެވެ.

ހުނަރުން ފުރިފައިވާ ތާހިރާ އެންމެ ފުރަތަމަ ފީޗާ ފިލްމެއް އުފައްދާ ޑައިރެކްޓުކުރަން ޝައުގުވެރިވާ ވާހަކަ އާއްމުންނާ ހިއްސާ ކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ.

އެހެންނަމަވެސް ކަންދިމާކުރީ އެއަހަރު ތާހިރާއަށް އުރަމަތީގެ ކެންސަރުޖެހި ފިލްމީ މަސައްކަތްތަކުގެ އިތުރުން ލިޔުންތެރި ކަމާވެސް ދުރަށް އޭނާ އެދުވަސްވަރު ޖެހިލިއެވެ.

އޭރު އޭނާގެ ގިނަ ވަގުތު ބައްޔަށް ފަރުވާ ހޯދުމުގައި ހޭދަކުރިނަމަވެސް މިޚިޔާލު އޭނާގެ ސިކުނޑީގައި އަބަދުވެސް އެނބުރެމުން ދިޔަކަމަށް ތާހިރާވަނީ ބުނެފައެވެ.

އެހެންކަމުން ކެންސަރު ބަލިން އެއްކޮށް ފަސޭހަވުމާއެކު އޭނާ އެންމެ ފުރަތަމަވެސް އިސްކަމެއްދިނީ އޭރު ދެކެމުންއައި ހުވަފެން ހަގީގަތަކަށް ހެދުމުގެ މަސައްކަތުގައެވެ.

އަންހެނުންތަކަކަށް ދިމާވާ ހާދިސާތަކެއް ކިޔައިދޭ މިފިލްމުގައި ހިމެނޭ ކާސްޓުންނަކީވެސް މިހާތަނަށް އަންހެނުން ބާރުވެރިކުރުވުމާ ބެހޭގޮތުން ތަފާތު އެކި އޯޑިއަންސްތަކުގައި ވާހަކަ ދައްކާފައިވާ ހުނަރުވެރި ބަތާލާއިންތަކެކެވެ.

އެއީ 2016 ވަނަ އަހަރު ރިލީޒްވި ފިލްމު "މިރުޒިޔާ" އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ ސައްޔާމީ ޚޭރާއި މިހާތަނަށް ގިނަ ފިލްމުތަކެއް ސަޕޯޓިންގް ރޯލު އަދާކޮށް އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ ބަތަލާ ދިވްޔާ ދައްތާގެ އިތުރުން އިންޑިއާގެ ޓެލެވިޒަން އިންޑަސްޓްރީގެ އެންމެ ކާމިޔާބު އެއް ބަތަލާ ސާކްޝީ ތަންވަރުއެވެ.

ސާކްޝީއަކީ މިހާރަކަށް އައިސް މަދުން ނަމަވެސް ފިލްމުތަކުންވެސް ފެންނަ ބަތަލާއެކެވެ. އޭގެތެރޭގައި ބޮލީވުޑުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ޑަންގަލް" ގައި ކުޅުނު ރޯލް ފާހަގަކޮށްލެވެއެވެ.

ތާހިރާ ބުނިގޮތުގައި މިފިލްމުގައި ގެނެސްދޭނީ އޭނާގެ ހަޔާތުގައި މިހާތަނަށް ބައްދަލުވެފައިވާ ތަފާތު އެކި ފަރާތްތަކަށް އެފަރާތްތަކުގެ ހަޔާތުގައި ދިމާވި ހާދިސާތަކުން ލިބުނު އިބްރަތްތަކުގެ އަލީގައެވެ. އަދި މިއީ ބެލުންތެރިންނަށް ކަމުދާނެ ފިލްމަކަށް ވާނެކަމަށް އުމީދުކުރާ ކަމަށްވެސް ދެކުދިންގެ މަންމަ ތާހިރާވަނީ ބުނެފައެވެ.