ބަރުލަމާނީ ޕެޓިޝަންގައި ސޮއި ކުރުމަކީ ސަރުކާރާއި ދެކޮޅު ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

މެމްބަރު މިހެން ވިދާޅުވީ ބަރުލަމާނީ ނިޒާމް ގެންނަން ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ކަންކަން އަވަސްކުރުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅާ ޕެޓިޝަނެއްގައި އެމްޑިޕީއަށް ނިސްބަތްވާ މެމްބަރުން ސޮއިކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ.

ބަރުލަމާނީ ނިޒާމަށް ރައީސް ސާލިހުގެ ބޮޑުބޭބެ މޫސާ ސާލިހު ސޮއި ކުރެއްވި ފޮޓޯއާއިއެކު މެމްބަރު ފިރުޝާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަރުލަމާނީ ޕެޓިޝަނަކީ ސަރުކާރާއި ދެކޮޅަށް ކުރެވޭ ކަމެއް ނޫން ކަމަށް ތަކުރާރުކޮށް ދަންނަވާ ކަމަށެވެ.

ބަރުލަމާނީ ޕެޓިޝަނާއި ގުޅޭގޮތުން މަޖިލީހުގައި ހިމެނޭ މެމްބަރުންގެ ތެރެއިން ރައީސް ނަޝީދަށް ތާއީދު ނުކުރާ މެމްބަރުން ދަނީ މިޕެޓިޝަނާއި ގުޅޭގޮތުން ޚިޔާލު ފާޅުކުރަމުންނެވެ.

އެމްޑީޕީގެ ހަރުގޭގައި ޕެޓިޝަންގައި ސޮއިކުރުމުގެ ކަންކަން އިންތިޒާމް ކުރެވިފަވާއިރު ރާއްޖޭގެ ވެރިކަމުގެ ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ރައްޔިތުންގެ އާންމު ވޯޓަކަށް އަވަހަށް ދިޔުމަށް ގޮވާލާ މިހާރު ސޮއި ކުރަމުންދާ ޕެޓިޝަނަކީ އެމްޑީޕީގެ ރަސްމީ މަސައްކަތެއް ނޫން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް އިސްކޮށް ހުންނަވާ ތާއީދު ހޯދަން މަސައްކަތް ކުރާ އެ ޕެޓިޝަނުގައި ބުނަނީ، ވެރިކަން ހިންގުމުގެ ނިޒާމު އިސްލާހު ކުރުމަކީ ރައީސްގެ ވައުދުފުޅެއްކަމުން އެމަސައްކަތް ކުރުން އަވަސް ކުރަންޖެހޭ ކަމަށެވެ.

މި ޕެޓިޝަނާ ގުޅޭގޮތުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ޕާޓީން އިސް ނަގައިގެން ކުރިއަށް ގެންދާ ކަމެއްނަމަ ޕާޓީގެ ގުނަވަންތަކުގެ ބަހެއް އޮވެގެންނޫނީ ގޮތެއް ނުނިންމާނެ ކަމަށާއި ޕެޓިޝަނަށް ސޮއި ހޯދުމަކީ އެ ޕާޓީން އިސް ނަގައިގެން ކުރިއަށް ގެންދާ މަސައްކަތެއް ނޫން ކަމަށެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް އަދި ތާއީދު ހޯދުމުގެ މަސައްކަތް ކުރާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އަމާޒަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރުން ނޫންކަަމަށާއި، އެމަނިކުފާނުގެ އަމާޒު މިހާރު ހުރީ އިގްތިސާދީ ގޮތުން ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް ކަމަށް ރައީސް އޮފީހުން ދާދިފަހުން ވަނީ ބުނެފައެވެ.