ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ އިންޑިއާގެ ފަތުރުވެރިންނަށް ސްރީލަންކާ ހުޅުވާލައިފިއެވެ.
އިންޑިއާއިން އަންނަ ފަތުރުވެރިންގެ ތެރެއިން އިންޑިއާއިން އުފައްދާ ކޮވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން ބަލައިގަތުމަށްވެސް ސްރީލަންކާ ސަރުކާރުންވަނީ ނިންމާފައެވެ.
ސްރީލަންކާއަށް އައުމަށްފަހު ހަދާ ޓެސްޓުގެ ނަތީޖާ ނެގަޓިވް ވެއްޖެނަމަ ކަރަންޓީނުވާން ނުޖެހޭގޮތަށްވެސް ކަނޑައަޅާފައި ވެއެވެ.
ވެކްސިން ފުރިހަމަކޮށްގެން އަންނަ މީހުން ވާންޖެހެނީ، ދެވަނަ ޑޯޒް ޖެހިތާ 14 ދުވަސް ވެފައިވާ މީހުންނަށެވެ.
ސްރީލަންކާ ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރ ޕްރަސަންނާ ޕަނަޓުންގާ ބުރާސްފަތި ދުވަހު ވިދާޅުވީ، އިންޑިއާގެ އިތުރުން، ވެކްސިން ފުރިހަމަ ކޮށްފައިވާ އެހެން ގައުމުތަކުގެ ފަތުރުވެރިންނަށްވެސް މަރްހަބާ ކިއުމަށް ސްރީލަންކާ ތައްޔާރަށް އޮތް ކަމަށެވެ.
ފަތުރުވެރިން ސްރީލަންކާއަށް އައުމާއެކު އެމީހުން ގެންދެވޭނީ އެމީހުން ތިބުމަށް ހަމަޖެހިފައިވާ ހޮޓާތަކަށް ކަމަށާއި، ހޮޓާތަކުގައި ޕީސީއާރް ޓެސްޓް ހެދުމަށްފަހު ނަތީޖާ ނެގަޓިވް ވެއްޖެނަމަ އެ ފަތުރުވެރިޔަކު ބޭނުން ތާކަށް ދެވޭނެ ކަމަށް ސްރީލަންކާއިން ބުނެފައި ވެއެވެ.
ޕީސީއާރް ޓެސްޓް ޕޮޒިޓިވް ވެއްޖެނަމަ އެފަދަ މީހުން ގެންދެވޭނީ ހޮޓާތަކުން ހަމަޖައްސާ ސިއްހީ ޚިދުމަތްދޭ ތަންތަނަށް ކަމަށްވެސް ހާމަކޮށްފައި ވެއެވެ.
ޓެސްޓުތަކުން ނެގަޓިވް ނަތީޖާ ލިބުނު ނަމަވެސް، ކޮންމެ ފަތުރުވެރިޔަކުވެސް، ގައިދުރު ކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރުމާއި، އަތްދޮވުންފަދަ ކަންކަން ކުރަން އުސޫލުގައި ކަނޑައަޅާފައި ވެއެވެ.
ކޮވެކްސިން ހިމެނޭގޮތުން، އެހެން ވެކްސިންތަކާއެކު އެތައް މިލިއަން ބަޔަކަށް އިންޑިއާއިން ވެކްސިން ޖަހާފައިވާއިރު، ކޮވެކްސިންއަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އަދި އެޕްރޫވް ކޮށްފައިވާ ވެކްސިނެއް ނޫނެވެ.
އެހެން ނަމަވެސް، އެ ވެކްސިން ޖަހާފައިވާ އިންޑިއާގެ ފަތުރުވެރިން ގައުމުތަކަށް އެތެރެވުމުގެ ހުއްދަ ބައެއް ގައުމުތަކުން ގެންދަނީ ދެމުންނެވެ.
ވެކްސިން ފުރިހަމަކޮށްފައިވާ އިންޑިއާގެ ފަތުރުވެރިންނަށް ސްރީލަންކާ ހުޅުވާލިއިރު، ސްރީލަންކާގައި ކޮވިޑްބަލީގެ ހާލަތު އަދިވެސް އޮތީ ވަރަށް ގޯސްކޮށެވެ.
އަލަށް ބަލިޖެހޭ މީހުންގެ އަދަދު ކޮންޓްރޯލްކުރަން މުޅި ސްރީލަންކާގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ ހާލަތު އަންނަ ސެޕްޓެމްބަރުމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް މިހާރުވަނީ ދަންމާލާފައެވެ.
ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެ، ބަލީގައި މަރުވާ މީހުންގެ އަދަދުތައް މައްޗަށް ދާން ފެށުމުން، ސްރީލަންކާ ލޮކްޑައުންއަކަށް ދިޔައީ، ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ސިއްހީ ފަރާތްތަކުންނާއި، ސިޔާސީ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ކުރިމަތި ކުރަމުން ގެންދިޔަ ޕްރެޝަރުގެ ނަތީޖާއެއްގެ ގޮތުންނެވެ.
ޕްރެޝަރ ބޮޑުވެ، ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ، މުޅި ގައުމު 10 ދުވަހަށް ލޮކްޑައުން ކުރުމަށް އަމުރުކުރެއްވީ މި އޮގަސްޓްމަހުގެ 20 ވަނަ ދުވަހުއެވެ.
ނަމަވެސް، ސަރުކާރުގެ މަތީ ފެންވަރުގެ ވެރިންގެ ބައްދަލުވުމަކަށްފަހު، ހެލްތު މިނިސްޓަރ ކެހެލިޔާ ރަމްބުކްވެލާ ހުކުރު ދުވަހު ވިދާޅުވީ، އެ މުއްދަތު ސެޕްޓެމްބަރު 6 އަށް އިތުރުކޮށްފައިވާ ކަމަށެވެ.
ހެލްތު މިނިސްޓަރ ވިދާޅުވީ، ސަރުކާރުން އިއުލާންކުރި ކާފިއު އާންމުން ސީރިއަސްކޮށް ނަގާފައި ނުވާކަން ސަރުކާރަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.