ކޮވިޑް-19 ގެ ވަބާއަކީ އިޖުތިމާއީ ނާޒުކު ބަލިމަޑުކަމެއް ނޫންކަމަށް ސްކެންޑިނޭވިއާގެ ޤައުމެއްގެ ވަޒީރަކު މިވަނީ ވިދާޅުވެފައެވެ. އެއީ އެ ޤައުމުގައި 12 އަހަރުންމަތީގެ 80 އިންސައްތަ މީހުނަށް ވެކްސިން ދެވުނީމާ ފެނިގެންދިޔަ ޞިއްހީ ދުޅަހެޔޮކަމަށް ބައްލަވައިފައި ވިދާޅުވި ބަސްފުޅެއް ކަމަށް ވެދާނެއެވެ.
ޑެންމާރކުގެ ޞިއްޙަތާއިބެހޭ ވަޒީރު މެގްނަސް ހިއުނީކް މިކަން އިއުލާން ކުރެއްވީވެސް ޓްވިޓަރ މެދުވެރިކުރައްވައެވެ. ވިދާޅުވެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން އަޅަިއފައިވާ ހުރިހާ ފިޔަވަޅުތަކެއް ސެޕްޓެމްބަރު މަހުގެ 10 ވަނަދުވަހުން ފެށިގެން މުޅީން އުވައިލައްވާނެ ކަމުގައެވެ.
އިޖުތިމާޢީ ނާޒުކު ޙާލަތު، މިބަސްފުޅު އޭނާ ގެންނަވައިފައިވަނީ ސިޔާސީ ގޮތުންނެވެ. އެއީ ޤައުމީ ބަންދުތަކާއި ކޮރޯނާވައިރަހާއި ގުޅުންހުރި ހުއްދަތަށް ފަދަ ފިޔަވަޅުތައް ހަރުދަނާ ކުރައްވަވަން ޖެހިވަޑއިގެންފިނަމަ އެކަން ކުރެއްވުމަށް މަގުފަހި ކުރެއްވުމުގެ ގޮތުން ކަމަށް ބެލެވެއެވެ.
ކޮރޯނާވައިރަހުގެ ވަބާ ފެތުރިގަތީއްސުރެ މިހާތަނަށް އެ ޤައުމުގައި 3 ލައްކަ 42 ހާސް 8 ސަތޭކަ ސަހައްޓި މީހުނަށް ވައިރަސް ޖެހިފައިވާ ކަމަށް ރިޕޯރޓް ކޮށްފައިވެއެވެ.
އަދި 2525 މީހުން މަރުވެފައިވާ ކަމަށް ޖޯން ހޮޕކިންސް ޔުނިވަރސިޓީގެ ސެންޓަރ ފޯރ ސިސސްޓަމެޓިކް ސައިންސް އެންޑް އެނޖިނިއަރިންގ އިން ބުނެއެވެ. އަދި އެ ޤައުމުން ދުވާލަކަށް ފައްސިވާ ޢަދަދު 1000 އިން ދަށުގައި އޮންނަ ކަމަށް ބުނެފައިވެއެވެ.
މިއާއި ޚިލާފަށް އެމެރިކާގައި އެހެން ވިސްނުމެއްވެސް ގެންގުޅެއެވެ. ތަންތަނަށް ދިއުމާއި އިޖުތިމާޢީ އެއްވުންތަކާއި މެދު ޢާންމުންގެ ޒިންމާތަކުގެ ވާހަކަ ދައްކައެވެ.
އެމެރިކާއިން އަންދާޒާކުރާ ގޮތުގައި މިހާރުން ފެށިގެން މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެއްލައްކައަށްވުރެ ގިނަ މީހުން ކޮވިޑް-19 ގެ ވަބާގައި މަރުވެދާނެއެވެ. މިއީ އެމެރިކާގައި މިވަބާގެ ކަންކަން ގާތުން ބަލައި އަންދާޒާކުރާ ނިޒާމުގެ ދިރާއިން ބަލައިފައިވާ ގޮތެކެވެ.
ނަމަވެސް ޞިއްޙަތާއިބެހޭ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިއަދަދުވެސް ދެބައިކުޅަ އެއްބަޔަށް ކުޑަކޮށްލެވިދާނެއެވެ. އެހެން ނަމަވެސް އެކަން ވާނީ އެންމެންވެސް ޢާންމު ތަންތަނުގައި މާސްކު އަޅައިގެން އުޅޭނަމަ ކަމަށް އެބޭފުޅުން ވިދާޅުވެއެވެ.
އެހެން ގޮތަކަށް ބުނާނަމަ ކޮރޯނަ ވައިރަސް ފޮރުވިގަނެގެން އުޅޭ އުޅުން ނުވަތަ އެއީން ދައްކާނެ ނަތީޖާތައް އޮންނާނީ އިންސާނުންގެ އުޅުމާއި އަޚުލާޤުގެ މައްޗަށް ބިނާވެގެންނެވެ.
ޔުނިވަރސިޓީ އޮފް ޓެކްސާސްގެ ކޮވިޑް-19 މޮޑެލިންގ ކޮންސޯރޓިއަމްގެ ޑިރެކްތަރ ލައުރަން އެންސެލް މާޔަރސް ވިދާޅުވީ އުޅުމާއި އަޚުލާޤަކީ ޙަޤީޤަތުގައިވެސް މިހާރު ކޮވިޑް-19 ގެ ވަބާ ކުޑަވެފައި އޮތް މިންވަރު ދެމެހެއްޓެނިވިގޮތެއްގައި ހިފެހެއްޓުން ކަނޑައަޅައިދޭނެ މިންގަނޑު ކަމުގައެވެ.
އޭނާ ވިދާޅުވީ ކޮވިޑްގެ ޑެލްޓާ ދުވާ މަގުތައް އަހަރެމެންނަށް ނުހުއްޓުވޭނެ ކަމުގައެވެ. ނަމަވެސް އެއްރޭ އެއްދުވާލުންވެސް އަހަރެމެންގެ އުޅުމާއި އަޚުލާޤު ބަދަލު ކުރެވިދާނެ ކަމުގައެވެ.
މީގެ މާނައަކީ މާސްކު އެޅުން އެއީ ފަރުދީ ޒިންމާއެއް ކަމަށްވެސް ދުށުމެވެ. އިޖުތިމާއި ބައްދަލުވުންތައް މަދުކޮށް ކުޑަކުރުމެވެ. ބަލިވެއްޖެނަމަ ނުވަތަ ހުންވައްތަރުވެއްޖެ ނަމަވެސް ގޭގައި މަޑުކޮށް ވެކްސިން ޖަހައިގެން ތިބުމެވެ. އެއީ އަހަރެމެންގެ އަމިއްލަ އިޚުތިޔާރާއި ބަރުގައި އޮންނަ ކަންކަން ކަމަށް މާޔާރސް ވިދާޅުވިއެވެ.
އެމެރިކާ ވަނީ މި ހޫނު މޫސުމުގެ ތެރޭގައި ކޮވިޑްގެ 4 ވަނަ ރާޅަކާއި ދިމާއަށް ދިއުމުގެ މަގުމަތީގައެވެ. އެއީ ވައިރަހުގެ މާވަރުގަދަ ވައްތަރެއް ކަމުގައިވާ ޑެލްޓާ ފެތުރޭލެއް ފަސޭހަކަމުންނެވެ. ގައިން ގަޔަށް އަރާލެއް އަވަސް ކަމުންނެވެ.
ޑެލްޓާ ވޭރިއަންޓަކީ އެތައްބަޔަކު ހޮސްޕިޓަލުތަކުގައި އެޑްމިޓްކުރަންޖެހި މީހުން މަރުވާ އަދަދު މައްޗަށް ޖައްސައިލި އެއްޗަކަށް ވާތީއެވެ. ބައްޔަށް ފަރުވާދޭ މަރުކަޒުތައް ފުރި ނަރުހުންތައް އިތުރަށް ވަރުބަލިކޮށްލައި ވައިރަހާއި ދެކޮލަށް އެތައް މަހެއްވަންދެން ހޯދި ކުރިއެރުން ފަހަތައް ޖައްސައިލި ބާވަތަކަށްވުމެވެ.
އެހެން ނަމަވެސް ވަބާގެ ނުރައްކާ ކުޑަކޮށް ހުއްޓުވަމަށްޓަކައި ކުރެވިފައިވާ ޚާއްޞަ ފަރުމާއިން ދެކޭގޮތުގައި މީހުން މަރުވާ ނިސްބަތް މީހުންގެ އުޅުމުން ބަދަލު ކުރެވިދާނެ ކަމުގައެވެ. ހަމަ އެކަނި މާސްކެއް އަޅައިގެން އެތައް ފުރާނައެއް ސަލާމަތް ކުރެވޭނެއެވެ. އެއީ އުޅުމާއި އަޚުލާޤުގެ މުހިންމުކަން އަންނަ ހިސާބުކަމަށް ސިއެޓްލްގެ ޔުނިވަރސިޓީ އޮފް ވޮޝިންގޓަންގެ ހެލްތު މެޓްރިކްސް ސައިންސް ޕްރޮފެސަރ ޢަލީ މިޤުދާދު ވިދާޅުވިއެވެ. އޭނާއަކީ މިފަރުމާގެ ބައިވެރިއެކެވެ.
މިވަބާގެ ނުރައްކާ އެންމެ ފުރަތަމަ ފެނުނު ހިސާބާއި މިއަދު އެހެން ބާވަތަކުން ނުރައްކާ ބޮޑުކުރާ މިންވަރާއި އަޅައި ކިޔާއިރު މިހާރުވެސް އޭގެ ނުރައްކާ ހުރި މިންވަރު އެމެރިކާގެ ގިނަ ބަޔަކަށް އިޙުސާސް ކުރެވެން ފަށައިފިއެވެ. ކުރިއަށްވުރެ ބޮޑަށް އެކަމަށް ސަމާލުކަން ދޭން ފަށައިފިއެވެ.
ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ދަނީ އެމީހުން ހޯދައިފައިވާ ކުރިއެރުންތައް މަޑުމަޑުން ފަހަތަށް ޖައްސަމުންގެންދާ ޑެލްޓާ ވޭރިއަންޓާއި މެދުދެމުންދާ ސަމާލުކަން އިތުރު ކުރަމުންނެވެ. އެންމެ އުފާވެރި ޚަބަރަކީ އެންމެންވެސް ވެކްސިން ޖަހާކަމެވެ. ނަމަވެސް ހިތާމައަކީ މިބަލި ކޮންޓްރޯލް ކުރުމަށް ފަރުދީގޮތުން އަދާކުރަންޖެހޭ ޒިންމާއާއި ވާޖިބު އަދާކުރުމުގައި ފަސްޖެހުމެވެ. މިސާލަކަށް ތަނެއްގައި ރޯވެ އަނދަމުންދާއިރު އެއަލިފާން ނިއްވައިލަން އެއްވެސް ބަޔަކު ނޫޅުންފަދަ ކަމެއްގެ ގޮތުގައެވެ.
ކޮވިޑްގެ ވެކްސިން ލިބެން ފެށުމާއިއެކު އެއްވެސް އުނދަގުލެއްނެތި ވެކްސިން ޖެހޭނެ މަގުތަނަވަސްވެފައިވާ ޤައުމުތަކުގައި މިވަނީ އާންމު ޙާލަތުގައި މީހުން އުޅުނު އުޅުމަށް އާދެވިދާނެ ކަމުގެ އުއްމީދު އާވެފައެވެ. އެހެން ނަމަވެސް މި އުއްމީދަކީ އެމީހުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެންމެ އުނދަގޫވާ ސަބަބުކަމަށް މިވަނީ ވެފައެވެ. އަދި އެއީ އެމީހުން އެމީހުނާއި އަނެކާގެ ޢާންމު ޞިއްޙަތަށް ފަސްއަޅައި ފޮރުވާ ކަމަކަށް ވެގެން ދެއެވެ.
މިސާލަކަށް ހުރިހާ ކަމަކުން ހުސްވެ ތިބެގެން ވަރަށް ފަސޭހައި އުޅެވިދާނެކަމަށް ހީކުރެވުނު ނަމަވެސް އެއީ އުޅެންވާނެ ގޮތެއް ނޫނެވެ. އުއްމީދަކީ ތިމާއަށާއި އަނެކާއަށް އޮތް ނުރައްކަލެއްގެ ބިރު އިތުރަށް ބޮޑުކުރާ ސަބަބަކަށް ވެގެން ނުވާނެއެވެ. އަދި ސަބަބަކަށް ހަދަންވަނީ ނުރައްކާ ކުޑަކުރާނެ ގޮތްތައް އެންމެންގެ އެއްބާރުލުމާއި އެކު އާލާކުރުން ކަމުގައި ނޫނީ ނުވާނެއެވެ. އެހެން ނޫންނަމަ ކުރިމަތިވެގެން އަންނަނީ އަބަދުވެސް ބޫސްޓަރ ޑޯޒް ޖަހަން ޖެހުމާއި ލޮކްޑައުންތަކާއި އެ ފިޔަވަޅުތަކެއްގެ ސަބަބުން މީހުންގެ ހިތްތަކުގައި އުފެދޭ ރުޅިވެރިކަމުގެ ޖަޒުބާތުތައް އުޅުމާއި އަޚުލާޤުން ބޭރުވާ ހިސާބެވެ. އެއީ އެންމެ ހިތްދަތިކަން އިޙުސާސްކުރަން ޖެހޭނެ ހިނދުކޮށްވެސް ވުމަކީ އެކަށީގެންވާ ކަމެކެވެ.