ޔޫރަޕުގެ އެންމެ މޮޅު ސްޓްރައިކަރުންގެ ތެރޭގައި ހިމެނޭ ޕޮލެންޑުގެ ކެޕްޓަން ރޮބާޓް ލެވަންޑޮސްކީ އޭނާގެ ކުލަބް ބަޔާން މިއުނިކަށް 300 ވަނަ ލަނޑު ކާމިޔާބު ކޮށްދިން މެޗުގައި އެކުލަބުން ހާތާ ބާލިން އަތުން ފަސޭހަ ކަމާއެކު މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުން ބަޔާން މޮޅުވީ 0-5 ގެ ނަތީޖާއަކުންނެވެ. މެޗުގައި ބަޔާންގެ ތަރި ލެވަންޑޮސްކީ ވަނީ ހެޓްރިކް ހަދާފައެވެ.

ބަޔާން އިން ޕޮޒެޝަން އިންސައްތަ ޑޮމިނޭޓްކުރި މިމެޗުގައި އެޓީމުން ވަނީ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ލަނޑެއްޖަހާ ލީޑުނަގާފައެވެ. ފުރަތަމަ ހާފުގެ 6 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ތޯމަސް މުލާ އެވެ.

ބަޔާންގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ އެޓީމަށް ލީޑު ފުޅާކޮށްދިނީ މެޗުގައި ހެޓްރިކް ހަދާ ބަޔާންގައި 'ޓްރިޕަލް ސެންޗޫރީ' އެއް ހެދި ލެވަންޑޮސްކީ އެވެ. މިއީ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި އޭނާ ކާމިޔާބު ކޮށްދިން ލަނޑެކެވެ. މެޗާއި ކުރިމަތިލިއިރު ބަޔާނެގ ޖާޒީގައި 298 ލަނޑު ލެވަންޑޮސްކީ ވަނީ ކާމިޔާބުުކޮށްފައެވެ. އޭނާ ބަޔާން އަށް 300 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 70 ވަނަ މިނެޓުގައެވެ. މިއީ ބަޔާން އިން މެޗުގައި ޖެހި ތިންވަނަ ލަނޑެވެ. މެޗުގައި ބަޔާން އިންޖެހި 4 ވަނަ ލަނޑުކާމިޔާބު ކޮށްދީ ލެވަންޑޯސްކީ އޭނާގެ ހެޓްރިކް ފުރިހަމަކުރީ 84 ވަނަ މިނެޓުގައެވެ. މިއާއެކު އޭނާ މިހާތަނަށް ބަޔާން އަށް 301 ލަނޑު ވަނީ ކާމިޔާބު ކޮށްދީފައެވެ. މެޗުގައި ބަޔާންގެ އަނެއް ލަނޑު 49 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޖަމާލް މުސިއާލާއެވެ.

މި މޮޅާއެކު ބަޔާން އިންވަނީ މިސީޒަނުގެ ބުންޑަސްލީގާގައި ކުޅުނު 3 މެޗުގެ ތެރެއިން ދެމެޗު ކާމިޔާބުކޮށް އަނެއް މެޗުން އެއްވަރުވެގެން 7 ޕޮއިންޓު ހޯދާފައެވެ. އަދި އެންމެފަހުން ޑީއެފްބީ ޕޯކަލް ގައި އެޓީމުން ކުޅުނު މެޗުގައި ވަނީ ބްރެމަރ އެސްވީގެ މައްޗަށް 0-12 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. ރަނގަޅު ފޯމެއްގައި އޮވެ ބަޔާން އިން އިންޓަނޭޝަނަލް ބްރޭކާއި ކުރިމަތިލާއިރު ބްރޭކަށްފަހު އެޓީމުން ކުޅޭ ދެވަނަ މެޗުގައި، ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ނުކުންނާނީ ވަރުގަދަ ބާސެލޯނާ އާއި ދެކޮޅަށެވެ. މިމެޗު ކުޅޭނީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު 00:00 ގައެވެ.

2014 ވަނަ އަހަރު ބަޔާން މިއުނިކަށް ބަދަލުވި ލެވަންޑޮސްކީ ވަނީ ފާއިތުވީ 8 ސީޒަނުގެ ތެރެއިން 6 ސީޒަނުގައި ބުންޑަސްލީގާގެ ޓޮޕް ސްކޯރަރުގެ މަގާމު ހޯދާފައެވެ. ބަޔާން އާއިއެކު ހޭދަކުރި މުއްދަތުގެ ތެރޭގައި ލެވަންޑޮސްކީ އެޓީމަށް ވަނީ 333 މެޗު ކުޅެދީ 301 ލަނޑު ކާމިޔާބު ކޮށްފައެވެ. މީގެތެރެއިން 208 ލަނޑަކީ ބުންޑަސްލީގާގައި އޭނާ ކާމިޔާބު ކޮށްފައިވާ ލަނޑުތަކެކެވެ. ފާއިތުވީ ސީޒަނުގައިވެސް ލީގުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑު ހޯދާފައިވާ ލެވަންޑޮސްކީ ވަނީ 29 މެޗުން 41 ލަނޑު ކާމިޔާބު ކޮށްފައެވެ.