ޔުވެންޓަސް އިން އެޓީމުގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވިއްކާލުމަށްފަހު ކުޅުނު ފުރަތަމަ މެޗުން އެމްޕޯލީ އަތުން ބަލިވެއްޖެއެވެ.

ރޮނާލްޑޯގެވެސް އެދުމުގެ މަތިން އޭނާގެ ކުރީގެ ކްލަބް މެންޗަސްޓަރ ޔުނައިޓެޑަށް ވިއްކާލީ 12.8 މިލިއަން ޕައުންޑަށެވެ. ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް ބަދަލުވީ 12 އަހަރަށްފަހުއެވެ. ޔުވެންޓަސް އިން ރޮނާލްޑޯ ވިއްކާލިއިރު އޭނާގެ ކޮންޓްރެކްޓުގައި ބާކީ އޮތީ އެންމެ އަހަރެކެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ދޫކޮށްލުމަށްފަހު ހޮނިހިރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި އެމްޕޯލީ އާއި ދެކޮޅަށްކުޅެ ޔުވެންޓަސް ބަލިވީ 0-1 ގެ ނަތީޖާއަކުންނެވެ.

ޔުވެންޓަސްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ އެމްޕޯލީން ފުރަތަމަ ހާފުގެ ތެރޭގައި ކާމިޔާބުކުރި ލަނޑެކެވެ. މިހާފުގެ 21 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލިއޮނާޑޯ މަންކޫސޯ އެވެ.

މި މެޗުން ޔުވެންޓަސް ބަލިވިއިރު މީގެކުރިން މި ދެޓީމު ވަނީ 25 ފަހަރަށް ކުރިމަތިލާފައެެ. މީގެތެރެއިން 19 މެޗު ޔުވެެންޓަސް އިން ކާމިޔާބު ކޮށްފައިވާއިރު ދެމެޗުން ވަލީ ބަލިވެފައެވެ. އަނެއް ތިންމެޗުވީ އެއްވަރެވެ. އަދި މީގެކުރިން އެމްޕޯލީ އަތުން އަމިއްލަ ދަނޑުގައި ޔުވެންޓަސް ބަލިވެފައެއް ނުވެއެވެ. ޖުމްލަ 13 ފަހަރަށް ޔުވެންޓަސް އިން މިހާތަނަށް އަމިއްލަ ދަނޑުގައި އެމްޕޯލީ އާއި ދެކޮޅަށް ކުޅެފައިވާއިރު މިއީ ޔުވެންޓަސްގެ ދަނޑުގައި އެމްޕޯލީ މޮޅުވި ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް މިދަނޑުގައި އެމްޕޯލީ އިންވަނީ ޔުވެންޓަސް އާއި އެއްވަރު ކޮށްފައެވެ.

މި ސީޒަނުގައި އިޓާލިއަން ލީގުގައި ޔުވެންޓަސް މިހާތަނަށް ދެމެޗު ކުޅެފައިވާއިރު އަދި މޮޅެއް ހޯދިފައެއް ނުވެއެވެ. އެގޮތުން ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޔުވެންޓަސް ވަނީ އުދިނޭޒީ އަތުން 2-2 އިން އެއްވަރުވެފައެވެ.

ޔުވެންޓަސް އިން ދެން މެޗެއް ކުޅޭނީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އިޓާލިއަން ލީގުގައި ނާޕޯލީ އާއި ދެކޮޅަށެވެ.