ޕްރިމިއަރ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑުން ޔޫރަޕުގެ ޗެމްޕިއަން ޗެލްސީ އަށް ކުޅެމުން އައި ތަޖުރިބާކާރު ޑިފެންޑަރު ކާޓް ޒޫމާގެ ސޮއި ހޯދައިފިއެވެ.

ޒޫމާގެ ޓްރާންސްފަރ ފީއެއްގެ ގޮތުގައި ވެސްޓް ހޭމް އިން 29.8 މިލިއަން ޕައުންޑު ހަރަދުކޮށްފައިވެއެވެ. މިއީ ހަމަ އެލީގުގެ މެންޗަސްޓަރ ޔުނައިޓެޑުން ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯގެ ސޮއި ހޯދުމަށް އިޓަލީގެ ޔުވެންޓަސް އަށް ދެއްކި ޓްރާޏްސްފަރ ފީއަށްވުރެ 17 މިލިއަން ޕައުންޑު ބޮޑު އަދަދެކެވެ.

ޔުވެންޓަސްގައި 3 އަހަރު ހޭދަކުރުމަށްފަހު ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވިއިރު އޭނާ ޔުވެންޓަސް އާއިއެކު ހެދި އެއްބަސްވުމުގައި އަދި ބާކީ 1 އަހަރު އެބައޮތެވެ. މިއީ ރޮނާލްޑޯ ޔުނައިޓެޑަށް ސޮއިކުރި ދެވަނަ ފަހަރުވެސް މެއެވެ. މީގެކުރިން ރޮނާޅްޑޯ ވަނީ 2008 ވަނަ އަހަރު އެޓީމަށް ކުޅެފައެވެ.

ވެސްޓް ހޭމް އިން ޒޫމާގެ ސޮއި ބޮޑު އަގެއްގައި ހޯދިއިރު އޭނާ ޗެލްސީ އާއި ގުޅުނީ 2014 ވަނަ އަހަރުއެވެ. އޭގެފަހުން 3 ކުލަބަކަށް އޭނާ ލޯނު އެއްބަސްވުމުގެ ދަށުން ކުޅެފައިވާއިރު 2019 ވަނަ އަހަރުން ފެށިގެން ޒޫމާ ކުޅުނީ ޗެލްސީގެ ޖާޒީގައެވެ.

ވެސްޓް ހޭމް އިން ހާމަކޮށްފައިވާ ގޮތުގައި ޒޫމާ އެކުލަބާއެކު ހަދާފައިވަނީ 4 އަހަރުގެ އެއްބަސްވުމެކެވެ. މިއީ މިފަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރ ވިންޑޯގައި އެކުލަބުން ސޮއި ހޯދި 3 ވަނަ ކުޅުންތެރިޔާއެވެ. އެގޮތުން އެޓީމުން ވަނީ ޕީއެސްޖީގެ ކީޕަރު އެލްފޮންސޭ އެރިއޯލާގެ އިތުރުން ވަޓްފޯޑުގެ ޑިފެންޑަރު ކްރެއިގް ޑޯސަންގެ ސޮއިވެސް ހޯދާފައެވެ.

ޗެލްސީ އަށް ޕްރިމިއަރ ލީގުގައި 99 މެޗު ކުޅެދީ 6 ލަނޑު ކާމިޔާބުކޮށްދީފައިވާ ޒޫމާ ވަނީ އެކުލަބާއެކު ދެފަހަރަށް ޕްރިމިއަރ ލީގް، އެއްފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގު ހޯދުމުގެ އިތުރުން ޔޫއެފާ ސުޕާ ކަޕަ އެއްފަހަރު އަދި އިނގިރޭސި ލީގު ކަޕް އެއްފަހަރަށް ކާމިޔާބު ކޮށްފައެވެ.