ކުރިއަށް އޮތް ސެޕްޓެމްބަރ މަހުން ފެށިގެން ވެކްސިން ޖެހުމަށް ޝާރުތު ހަމަވާ މީހުންގެ ތެރެއިން ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައި ނުވާ މީހުންނަށް އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރާގުޅޭ އާންމު ހިދުމަތް ނުދިނުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން އަންގައިފިއެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ، އަންނަ ބުދަ ދުވަހުން ފެށިގެން އެއްގަމުންނާއި ކަނޑުދަތުރާއި ވައިގެ ހިދުމަތް އަދި ޓެކްސީ ދަތުރުކުރާއިރު ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައިވޭތޯ ހިދުމަތްދޭ ފަރާތްތަކުން ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ.

އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންގައިވާ ކަންކަން ކަށަވަރު ކުރުމަށްފަހު ނޫނީ އެފަދަ ހިދުމަތް ނުދިނުމަށް އަންގާ ކަމަށެވެ.

އަދި ރައްޔިތުންނާ ގާތުން ދޭންޖެހޭ ޓެކްސީގެ ހިދުމަތްދޭ މީހުންވެސް ހިދުމަތް ދޭންވާނީ ކަސްޓަމަރަކީ ވެކްސިން ޖަހާފައިވާ މީހެއްކަން ކަށަވަރު ކުރުމަށްފަހުގައި ކަމަށް މިނިސްޓްރީން ބުނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިއީ ވެކްސިން ޖެހުމަށް ބާރުއެޅުމުގެ ގޮތުންންނާއި އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ބާރުއެޅުމަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރުނާ މީހުންނާނަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދަތިތަކަކާއި ކުރިމަތިވާނެ ކަމަށް މީގެކުރިންވެސް ކަމާބެހޭ އިދާރާތަކުން ބުނެފައިވެއެވެ.

އެގޮތުން، ސަރުކާރު މުވައްޒަފުންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކުރާ މުވައްޒަފުންނަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޮފީހަށް ނުކުމެވޭނީ ނެގެޓިވް ޕީސީއާރް ނަތީޖާއާއެކު ކަމަށާއި، ވެކްސިން ފުރިހަމަ ކުރެވެންދެން ކޮންމެ ދެހަފްތާއަކުން ޕީސީއާރް ހަދާ ނެގެޓިވް ނަތީޖާ ހުޅަހަޅަންޖެހޭނެ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ދިނުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލްވުމަށްޓަކައި އެޗްޕީއޭއިން މިހާރު ވަނީ އެޕޮއިންޓްމެންޓަކާއި ނުލައި ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖައްސާފައެވެ.