ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފްގެ މައްސަލައިގެ އަޑުއެހުންތައް ފެށުމަށް އެކޯޓުގައި ތާވަލްކޮށްފިއެވެ.

ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވައިފައިވާ މައްސަލާގައި އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފައިވެއެވެ.

މިމައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ފެށުމަށް ތަޢާވަލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހާއި 13 ވަނަ ދުވަހުގައެވެ. އެ ދެދުވަހުގެ ޝަރީއަތުގެ އަޑުއެހުންވެސް ތާވަލްކޮށްފައިވަނީ ހެނދުނު 9:00 އަށެވެ.

ސުޕްރީމް ކޯޓުގައި މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

ސުޕްރީމް ކޯޓުން މިމައްސަލަ ބަލައިގަތުމާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަދި އެމަނިކުފާނުގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނީ ރައީސް ޔާމީންގެ މައްސަލާގައި ދަށު ކޯޓާއި ހައިކޯޓުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

އެހެންކަމުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފް މައްސަލާގައި، ހަދާފައި ހުރި ގޯސްތަކަށް ހައްލު ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ފަސް އަހަރު ދުވަހުގެ ޖަލުހުކުމާއެކު ކޮށްފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ފައިސާ، ހުކުމާއި އެއްގޮތަށް ދައްކަމުން ނުދާތީ އެފައިސާ އެއްފަރާ ދެއްކުމުގެ އަމުރަކަށް ބަންޑާރަ ނާއިބުގެ އޮފީހުން ސިވިލް ކޯޓުގައި ވަނީ އެދިފައެވެ.

ރައީސް ޔާމީން ވަނީ ޝަރީއަތް ނިމެންދެން ޕެރޯލް ދަށުން އެމަނިކުފާނު މިނިވަން ކުރުމަށް ހުށަހަޅުއްވާފައި ވީނަމަވެސް ދަށު ކޯޓާއި ހައިކޯޓުގައި އެފުރުސަތު ލިބިވަޑައިގެންފައި ނުވާތީ ސުޕްރީމް ކޯޓުގައި އެ ފުރުސަތު ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ޑރ. ޖަމީލް ވިދާޅުވިއެވެ.

އެމަނިކުފާނު ބަންދުގައި ބަހައްޓައިގެން ނުހައްގު ތަހުގީގުތަކަކާއި ދައުވާތަކެއް މިސަރުކާރުން ކުރިއަށް ގެންދަނީ ސިޔާސީ ބޭނުމެއްގައި ކަމަށްވެސް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފައިވަނީ އޭޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ.