ބ އަތޮޅު ދަރަވަންދޫ ފުޓްސަލް ފިއެސްޓާ އަކީ އެރަށުގައި ބޭއްވޭ އެންމެ ފޯރިގަދަ އަދި އެންމެ ޝަރަފުވެރި ކުޅިވަރު ހަރަކާތެވެ.

ރަށު ކައުންސިލުން އިސްނަގައިގެން މި މުބާރާތް ރަށުގައި ބާއްވާތާ މިއީ ފަސްވަނަ އަހަރެކެވެ. 2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގެ ފައިނަލް މެޗުތައް ވީޓީވީން ވަގުތުން ގެނެސްދީފައިވާއިރު ވީޓީވީން މެޗު ކަވަރު ކުރުމަށްދިޔަ ކްރޫގެވެސް އަދި މެޗު ވީޓީވީ އިން ބަލަމުންދިޔަ ފަރާތްތަކުގެވެސް ލޮލުގައި އަޅައިގަތް އެއް ކުޅުންތެރިޔަކީ މި ފިއެސްޓާގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދި އެޗްއެސްއާރްސީ ބްލޫ ފްލޭމްސްގެ ކެޕްޓަން ފާތިމަތު މާޒިނާ (މާޒީ) އެވެ.

ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ ކުއީން އޮފް ދަ ޓޯނަމަންޓް- ފޮޓޯ:- ވީނިއުސް

ޖުމްލަ 5 ޓީމު މުބާރާތުގެ އަންހެން ބައިގައި ވާދަކުރިއިރު މުބާރާތުގެ ޗެމްޕިއަންކަން ބްލޫ ފްލޭމްސް އިން ހޯދީ އެޗްއެސްއާރްސީ ބްލޫ ބަޓަފްލައިސްގެ މައްޗަށް 1-6 އިން ކުރިހޯދައިގެންނެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ މެޗުގައި ބްލޫ ފްލޭމްސް އިން ކާމިޔާބުކުރި ހުރިހާ ލަނޑެއް ކާމިޔާބުކުރުމުގައިވެސް މާޒީގެ ދައުރު ބޮޑުކަމެވެ.

އެގޮތުން މެޗުގައި އެޓީމުން ކާމިޔާބުކުރި 6 ލަނޑުގެ ތެރެއިން ދެލަނޑު އަމިއްލަ މަސައްކަތުން މާޒީ ކާމިޔާބުކުރިއިރު އަނެއް ހަތަރު ލަނޑަކީ އޭނާ ތަނަވަސްކޮށްދިން ފުރުސަތުތަކުން އެޓީމުގެ އެހެން ކުޅުންތެރިން ކާމިޔާބުކުރި ލަނޑުތަކެއް ކަމެވެ. މީގެއިން ބައެއް ލަނޑުތަކަކީ ދެތިން ކުޅުންތެރިން ކައިރިން ނަށްޓާލުމަށްފަހު މުޅިން ހުސްގޯލެއްގެ ތެރެއަށް ބޯޅަ ވައްދާލުމަށް އެޓީމުގެ އެހެން ކުޅުންތެރިންނަށް އޭނާ ތަނަވަސްކޮށްދިން ފުރުސަތުތަކަކަށްވުން މިއީ މާޒީ އަކީ ފުޓުބޯޅައިގެ ހުނަރުހުރި މިކުޅިވަރުގައި ފުރުސަތު ލިބިއްޖެނަމަ އެންމެ އުހުގައި ވިދާލާނެ ވަރުގެ ކުޅުންތެރިއެއްކަމުގެ ހެއްކެކެވެ.

މީގެއިތުރުން މުބާރާތް މާޒީ ނިންމާލީ މުބާރާތުގައި ވަކިވަކި ކުޅުންތެރިންނަށްދޭ ހުރިހާ އެވޯޑެއް ހޯދައިގެންނެވެ. އެގޮތުން ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން 11 ލަނޑާއެކު މުބާރާތުގެ ރަން ބޫޓުވެސް ހޯދީ އޭނާއެވެ. މީގެއިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް އޭނާ ހިމެނިފައިވާއިރު ކުއީން އޮފް ދަ ޓޯނަމަންޓަކީވެސް އުމުރުން އެންމެ 20 އަހަރުގެ މާޒީއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި އެންމެ މޮޅު ކީޕަރު- ފޮޓޯ:- ދަރަވަންދޫ ފުޓްސަލް ފިއެސްޓާ / ފޭސްބުކް

ލަނޑުޖެހުމާއި އެސިސްޓު ކޮށްދިނުމުގެ ހުނަރުގެ އިތުރުން މާޒީގެ ފަރާތުން އެންމެ ފާހަގަކޮށްލެވުނީ އޭނާ ބޯޅަ އާއިއެކު ކުރިއަށްދާ ފަރިތަކަމާއި ޑްރިބްލިންގ ސްކިލްސް ހުރި މިންވަރެވެ. މެޗު ބަލަން އިންއިރު މިއީ ރާއްޖޭން ބޭރުގެ ޕްރޮފެޝަނަލް މުބާރާތްތަކުގައި ކުޅޭ ކުޅުންތެރިއެއްހެންވެސް ސިފަވިއެވެ. އޭނާގެ ފައިގައި ބޯޅަ ޖެހޭ ކޮންމެ ފަހަރަކީ އިދިކޮޅު ޓީމުގެ ކުޅުންތެރިން އޭނާ ވަށާލާ ފަހަރަކަށްވީ ނަމަވެސް ކުޅުންތެރިން ކައިރިން އޭނާ ނަށްޓާލާ ގޮތް ފެނިފައި އެކަމާ އާޝޯހުވެފައިވެސް ހުރެވެނީ މަދަކުން ނޫނެވެ.

ފައިނަލް މެޗުގެ ތެރެއިން މާޒިނާ- ފޮޓޯ:- ދަރަވަންދޫ ފުޓްސަލް ފިއެސްޓާ / ފޭސްބުކް

މުބާރާތުގައި ފައިނަލް މެޗާއެކު ޖުމްލަ 5 މެޗު މާޒީ ކުޅެފައިވާއިރު އޭނާ ވަނީ އޭގެއިން ހަތަރު މެޗުގައި މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

ހުނަރުން ފުރިފައި، ކުރިއަށްދާން ނުހަނު ބޭނުންވެފައިވީނަމަވެސް މާޒީ އަށް އަދި މި ކުޅިވަރުން އެކަށީގެންވާ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. ރަށުގައި އޭނާގެ ހުނަރު ފެނި އެތައް ބަޔަކު އާޝޯހުވެފައި ހުރިނަމަވެސް މިހުނަރު ހަގީގަތުގައި ފެންނަން ޖެހޭ ފަރާތްތަކަށް އަދި ފެނިފައެއް ނުވެއެވެ. މާޒީ އަކީ ރާއްޖޭގެ ނިސްބަތުންވެސް މޮޅެތި ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކުޅުންތެރިއެއް ކަމަށް ދަރަވަންދޫ ރައްޔިތުންގެ އިތުރުން މެޗު ވީޓީވީ މެދުވެރިކޮށް ބެލި ގިނަ ފަރާތްތަކުން ގަބޫލު ކުރާއިރު މިއީ ގައުމީ ފެންވަރުގައިވެސް ޖާގައެއް ހައްގު ކުޅުންތެރިއެއްގެ ގޮތުގައި އޭނާގެ ކުޅުން ފެނުނު ގިނަ މީހުން ގަބޫލުކުރާނެކަމާއިމެދު ޝައްކެއް ނުކުރަމެވެ.

އެހެންނަމަވެސް މިފަދަ ހުނަރުވެރިކަމާއެކުވެސް ކުރިއަށްދާން އޭނާއަށް ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމާއި ފުރުސަތު ތަނަވަސްކޮށްދިނުން މިއީ މުހިންމު ކަމެކެވެ. އަތޮޅުތެރޭގައި ފޮރުވިފައިމިވާ މުތެއްފަދަ އަންހެން ފުޓްސަލް ކުޅުންތެރިއަކީ ބޮޑު ފުޅުބޯޅައިގައިވެސް މަތީ އުޑުގައި ފިޔަޖެހޭނެ ގާބިލުކަން ހުރި ކުޅުންތެރިއެކެވެ.

ވީނިއުސް އާއި ވާހަކަދައްކަމުން މާޒީ ބުނީ ރަށުގައި ހުރެގެން ކުރިއަރަން ލިބެން އޮތް ފުރުސަތުގެ ބޭނުން ހިފާ ކަމަށާއި ރަށުން ބޭރުން އިތުރު ފުރުސަތުތަކެއް ލިބިއްޖެނަމަ އޭގެ ބޭނުން އުފަލާއެކު ހިފާނެކަމަށެވެ.

"ރަށުން ކުރިއެރޭނެ މަގަކަށް އޮތީ، މިހާރު ޖޮއިން ކޮށްގެން އުޅޭ އެޗްއެސްއާރްސީ ކުލަބުން ލިބޭ ފުރުސަތުތައް. އެތަނުން ވަރަށް ގިނަ ޓްރެއިނިންގް ދެމުން ދިޔައީ. އަދި ކުރިއަށް އޮތްތަނުގައިވެސް ކުލަބާއެކު ޓްރެއިންކޮށް އައު ސްކިލް ދަސްކުރުން އޮތީ. ރަށުން ބޭރުން ކުރިއަރަން ފުރުސަތުތަކެއް ލިބިއްޖެނަމަ އިންޝާﷲ ހަމަ ދާނަން."
ފާތިމަތު މާޒިނާ

ފުޓުބޯޅައިން ކުރިއެރުމަށާއި އިތުރު ފުރުސަތުތައް ހޯދުމަށް ކެތްމަދުވެފައި ހުރި މާޒީ އަށް އެކަށީގެންވާ ވަރުގެ ތަމްރީނުތަކަކާއި އެހީތެރިކަމެއް ލިބިއްޖެނަމަ އޭނާއަކީ ރާއްޖެއަށް އަންހެނުންގެ ފުޓުބޯޅައިން ރީތިނަން ހޯދައިދިނުމަށްޓަކައި ބޮޑު އަދި ގިނަ މަސައްކަތްތަކެއް ކުރާނެ ގާބިލުކަން ހުރި ޒުވާން ކުޅުންތެރިއެކެވެ.

މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަން އެޗްއެސްއާރްސީ ބްލޫ ފްލޭމްސް- ފޮޓޯ:- ދަރަވަންދޫ ފުޓްސަލް ފިއެސްޓާ / ފޭސްބުކް

މާޒީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް މިފަދަ އެތައް މާޒިނާއެއް ތިބޭނެކަމީ ޝައްކެތްނެތް ހަގީގަތެކެވެ. އެހެންނަމަވެސް މިފަދަ ހުނަރުވެރިން ހޯދުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތްތަކެއް ކުރުން މުހިންމެވެ.