ބޮލީވުޑްގެ ސެލެބްރިޓީންނަކީ އެމީހުންގެ ދިރިއުޅުމުގައި ހިނގާ ތަފާތު ކަންކަމާއި ގުޅިގެން އާއްމުންގެ ފާޑުކިޔުންތައް އަބަދުވެސް ލިބޭ ބައެކެވެ.
ބައެއްފަހަރު އެތަރިއަކު ހެދުން އަޅާގޮތަކުން ނޫނީ ކުޅެފައިވާ ފިލްމުގައި ދައްކުވައިދީފައިވާ ރޯލެއްގެ ސަބަބުން ބައެއް ފަހަރު އާއްމުންގެ ނުރުހުމާވެސް ކުރިމަތިލާން ޖެހެއެވެ.
ދާދިފަހުން ރިލީޒްވި ފިލްމު "ޝޭރްޝާހް' ގެ ބަތަލާ ކިއާރާ އަދްވާނީ ބުނަނީ މިފަދަ ފާޑުކިއުންތަކަށް އޭނާގެ ދިރިއުޅުމުގައި އެއްވެސް ޖާގައެއް ނެތްކަމަށެވެ.
ކިއާރާއަކީ ސައުތް ސިނަމާގައި ވިދާލުމަށްފަހު ބޮލީވުޑަށް ތައާރަފްވި ބަތަލާއިންގެތެރިން އަމިއްލަ މަސައްކަތުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދުމަށްފަހު ހިންދީ ސިނަމާގެ ބެލުންތެރިންގެ ލޯބި ލިބުނު މަދު ބަތަލާއިންގެތެރެއިން އެކަކެވެ.
އޭނާވެސް ބޮލީވުޑަށް ތައާރަފްވެގެންއައި ދުވަސްވަރު އާއްމުންގެ ފަރާތުން ނުރުހުމުގެ ފާޑުކިއުންތައް އަމާޒުވިއެވެ. އެހެންނަމަވެސް އެފަދަ މަދު ބައެއްގެ ފަރާތުން ލިބުނު ފާޑުކިއުންތަކަށް ބެލުމެއްނެތި އޭނާ ދިޔައީ ފިލްމީ ކެރިއަރާއިގެން ކުރިއަށެވެ.
ދާދިފަހުން އެކްޓަރު އަރްބާޒް ޚާން ހުށަހަޅައިދޭ ޗެޓް ޝޯވްއެއްގައި މެހެމާނެއްގެ ހައިސިއްޔަތުން ބައިވެރިވެ ވާހަކަ ދައްކަމުން ކިއާރާ ބުނީ، އޭނާއަށްވުރެ ބޮޑަށް އޭނާއާ ދޭތެރޭ އާއްމުން ދެކޭގޮތް އެނގެން މައިންބަފައިން ބޭނުންވެއެވެ.
އަދި ކޮންމެ ދުވަހަކުވެސް ކިއާރާ ހޭޝްޓެގްކުރުމަށްފަހު އާއްމުން އޭނާއާ ބެހޭގޮތުން ލިޔެފައިވާ ލިޔުންތައް ކިޔުމަކީ މަންމައާއި ބައްޕަ ވަރަށް ޝައުގުވެރިކަމާއެކު ކުރާ ކަމެއްކަމަށްވެސް ކިއާރާވަނީ ބުނެފައެވެ.
ކިއާރާ ބުނެފައިވަނީ މިއިންވެސް އަންގައިދެނީ ކޮންމެ މީހަކީވެސް އެމީހެއްގެ އަމިއްލަވަންތަކަމަށް ލޯބިކުރާ އަދި ފަހަތުގައި އެމީހަކުދެކެ އިންތިހާއަށް ލޯބިވާ ބަޔަކު ތިބޭކަމެވެ.
ބައެއްފަހަރު އާއްމުންގެ ފަރާތުން އެކި ތަރިންނާ ބެހޭގޮތުން ވަރަށް ނޭދޭވެ އިބާރާތްތަކުންވެސް ލިޔެފައިވާ ލިޔުންތައް ފެންނަ ކަމަށާއި އެއީ ވަރަށް ހިތާމަކުރާ ކަމެއް ކަމަށްވެސް ކިއާރާވަނީ ބުނެފައެވެ.
"ކަބީރް ސިންގް" ގެ ބަތަލާ ކިއާރާގެ ކެރިއަރުގައި ކުރިއަށްހުރީ ވަރަށް ބިޒީ ދުވަސްތަކެކެވެ.
ތެލުގޫ ފިލްމަކާއެކު އޭނާގެ އަތުގައި މިހާރުވެސް މަސައްކަތް ފަށަން ތައްޔާރުވެފައިވާ 6 ފިލްމީ ޕްރޮޖެކްޓެއް އެބައޮތެވެ. އޭގެތެރޭގައި އެކްޓަރު ކާރތިކް އަރްޔަންއާއެކު ކުޅޭ " ބޫލް ބުލަންޔާ2" އަދި ވަރުން ދަވަންއާއެކު މިހާރު ޝޫޓިން އެއްކޮށް ނިމިފައިވާ ފިލްމު "ޖުގް ޖުގް ޖިއޯ" ހިމެނެއެވެ.