ބޭންކް އޮފް މޯލްޑިވްސްއިން ހޯމް އިމްޕްރޫވްމަންޓް ލޯނު އަދި ހޯމް އިމްޕްރީވްމަންޓް ފައިނޭންސިންއަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

ބީއެމްއެލް އިން ބުނީ، ހިޔާ ސޯޝަލް ހައުސިންގ ސްކީމުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކަށް ފަސޭހަކާއެކު ފައިނޭންސިންގ ފޯރޮކޮށްދިނުމަށް ތައާރަފް ކުރި ހޯމް އިމްޕްރޫވްމަންޓް ލޯނާއި ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންގއަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

މިގެނެވުނު ބަދަލާއެކު، ކަސްޓަމަރުންނަށް މިހާރު އިތުރު ފަރާތަކާއެކު ލޯނަށް އެދި ހުށަހެޅޭނެ ކަމަށާއި ލޯނަށް ހުށަހަޅާ ފަރާތަކީ އާމްދަނީ ލިބޭ ފަރާތަކަށް ވާންވާނެ ކަމަށް ބެންކުން ބުނެއެވެ.

އެގޮތުން އާމްދަނީގެ ގޮތުގައި މުސާރަ، ކުލި، ވިޔަފާރިން ލިބޭ އާމްދަނީގެ އިތުރުން އެހެނިހެން އާމްދަނީ ލޯނަށް ހުށަހަޅާއިރު ބަލައިގަނެވޭނެ ކަމަށާއި، ލޯނުގައި ބައިވެރިވާ އިތުރު ބައިވެރިންނަކީ ލޯނު ނަގާފަރާތް ނުވަތަ ފްލެޓްގެ ވެރިފަރާތާއި އާއިލީގޮތުން ގުޅުންހުރި ފަރާތެއް ކަމުގައި ވާންވާނެ ކަމަށްވެސް ބެންކުން ބުނެއެވެ.

ބެންކުން ބުނީ ހޯމް އިމްޕްރޫމަންޓް ލޯނުގެ ދަށުން އައު ފްލެޓްތަކުގެ ފިނިޝިންގ އަދި ފަރުނީޗަރު ބޭނުންތަކަށް ކަސްޓަމަރުންނަށް 25،000 ރުފިޔާއިން ފެށިގެން 150،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރެވޭނެ ކަމަށެވެ.

އަދި ރަހުނަކާނުލާ ދޫކުރާ އެހެން ލޯނުތަކަށްވުރެ ކުޑަ އިންޓްރެސްޓް ރޭޓެއް ކަމަށްވާ 12 އިންސައްތަގައި ދޫކުރާ މި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށާއި މި ބަދަލާއެކު، ހިޔާ ފްލެޓް ލިބުން ފަރާތްތަކަށް ތައާރަފް ކުރެވުނު ލޯނުގެ އިތުރުން އަމިއްލަ ފަރާތްތަކުން ފްލެޓް އަދި ރޯހައުސް ގަނެފައިވާ ކަސްޓަމަރުންނަށް ގަނެފައިވާ ތަނުގެ ފިނިޝިންގ މަސައްކަތަށާއި ފަރުނީޗަރު ގަތުމަށް ބޭންކުން ތައާރަފްކުރި ހޯމް އިމްޕްރޫމަންޓް ލޯން ޕްލަސް ލޯނަށްވެސް ވަނީ މި ބަދަލުތައް ގެެނެވިފައި ކަމަށް ބެންކުން ބުނެއެވެ.

މި ލޯނުގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށް 25،000 ރުފިޔާ އިން ފެށިގެން 300،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައިކަން ފާހަގަކޮށް ބެންކުން ބުނީ ލޯނުގެ ފައިސާ އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ހަމަޖެހިފައި ވާއިރު އެއްވެސް ރަހުނެއް ބަހައްޓަން ނުޖެހޭނެ ކަމަށެވެ.

ބެންކުން ބުނީ މިލޯނުވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ރަހުނަކާނުލާ ބޭންކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ވުރެ ދަށް އަދަދެއް ކަމަށްވާ 12 އިންސައްތައިގައެވެ.

މިބަދަލުތައް ބީއެމްއެލް އިސްލާމިކްގެ ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންގ އަދި ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންގ ޕްލަސްއަށް ވެސް ވަނީ ގެނެވިފައެވެ.