ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯ އާއިއެކުވެސް މެންޗަސްޓަރ ޔުނައިޓެޑަށް ޕްރިމިއަރ ލީގު ކާމިޔާބު ނުކުރެވޭނެކަމަށް އެކުލަބުގެ ކުރީގެ ޑިފެންޑަރު ގެރީ ނެވިލް ބުނެފިއެވެ.

ނެވިލް ބުނީ ރޮނާލްޑޯ އާއިއެކު ޔުނައިޓެޑަކީ ޓައިޓަލް އަށް ވާދަކުރެވޭ ފެންވަރު ހުރި ކުލަބެއްގެ ގޮތުގައި ނިސްބަތް ކުރެވިދާނެ ކަމަށާއި އެހެންނަމަވެސް އޭގެ މާނައަކީ އެކުލަބަށް ލީގު ޓައިޓަލް ހޯދިދާނެ އެކޭ ނޫންކަމަށެވެ. ސަބަބަކީ މިސީޒަނުގެ ޕްރިމިއަރ ލީގަކީ ވަރަށް ވާދަވެރި ސީޒަނަކަށްވުން ކަމުގައި ނެވިލް ބުންޏެވެ. ނެވިލް ބުނި ގޮތުގައި މި ސީޒަނުގެ ޕްރިމިއަރ ލީގު ހޯދުމުގެ ފުރުސަތު އެންމެ ބޮޑީ އެންމެފަހުގެ ޗެމްޕިއަން މެންޗަސްޓަރ ސިޓީ އާއި ޔޫރަޕުގެ ޗެމްޕިއަން ޗެލްސީއަށެވެ. އަދި ޔުނައިޓެޑަށް ސީޒަން ނިމޭއިރު ލިބޭނީ ތާވަލުގެ ތިންވަނަ ކަމަށްވެސް ނެވިލް ލަފާކޮށްފައިވެއެވެ.

ނެވިލް ބުނީ ރޮނާލްޑޯ ޔުނައިޓެޑާއި ގުޅުމުން ޓީމު ވަރުގަދަވާނެކަން ގަބޫލުކުރާ ކަމަށާއި، މީގެ ދެދުވަހެއްވަރު ކުރިއަށްވުރެ މިހާރު ޔުނައިޓެޑަށް ލީގު ހޯދުމުގެ ފުރުސަތު ކޮންމެވެސް ވަރަކަށް ބޮޑު ކަމަށެވެ. އެހެންނަމަވެސް އެއީ ވަރަށް ހަނި ފުރުސަތެއް ކަމަށާއި ވުން ނާދިރުކަމެއް ކަމަށްވެސް ނެވިލް ބުންޏެވެ.

12 އަހަރަށްފަހު އެނބުރި ޔުނައިޓެޑަށް ރޮނާލްޑޯ ބަދަލުވީ 12.8 މިލިއަން ޕައުންޑުގެ ޓްރާންސްފަރ ފީއެއްގައި އިޓަލީގެ ޔުވެންޓަސް އިންނެވެ. މީގެކުރިން ރޮނާލްޑޯ ޔުނައިޓެޑަށް ކުޅެފައިވަނީ 2003 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރުގެ ނިޔަލަށެވެ. މިމުއްދަތުގައި އޭނާ ވަނީ އެކުލަބަށް ކުޅެދިން 292 މެޗުގައި 118 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި މިހާތަނަށް ރޮނާލްޑޯ ވަނީ ޔުނައިޓެޑާއެކު 3 ފަހަރަށް ޕްރިމިއަރ ލީގު ކާމިޔާބުކުރުމުގެ އިތުރުން ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ.

ކުޑަ ޓްރާންސްފަރ ފީއެއްގައި ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވިއިރު އޭނާގެ ކޮންޓްރެކްޓާއި ގުޅޭގޮތުން މާގިނަ މައުލޫމާތުތަކެއް އަދި މީޑިއާއަކަށް ތިލަވެފައެއް ނުވެއެވެ.