އިނގިރޭސި ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހުގެރޭ މެންޗަސްޓަ ޔުނައިޓެޑުން ވުލްވްސްގެ މައްޗަށް ހަނި މޮޅެއް ހޯދައިފިއެވެ.
މި މެޗުގައި ޔުނައިޓެޑަށް ދާދިފަހުން ގުޅުމަށް ނިންމާފައިވާ އެކުލަބުގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޮ ނުކުޅުނު ނަމަވެސް އޭނާ ކުލަބާއި ގުޅެން އެއްބަސްވުމާއިއެކު މިމެޗުގައި ސަޕޯޓަރުން ވަނީ އޭނާގެ ފޮޓޯ ތަކާއި ރޮނާލްޑޯ ރަމްޒުކޮށްދޭ އެކިއެކި ޕޯސްޓަރުތަކުން މުޅި ދަނޑު ފުރާލާފައެވެ.
ރިޕޯޓުތައް ބުނާގޮތުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޔުނައިޓެޑުން ރޮނާލްޑޯ އެކުލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި އިއުލާނުކުރާނެއެވެ.
ދަނޑުމަތީގައި ރޮނާލްޑޯ ނެތަސް މުޅި ދަނޑުގައި އޭނާގެ ރަމްޒުތައް ފެންނަންހުރި މިމެޗު ކުޅުނީ ވުލްވްސްގެ ދަނޑުގައެވެ. މި މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.
މެޗުން ޔުނައިޓެޑު މޮޅުވިނަމަވެސް މެޗުގައި މޮޅަށްކުޅެ، ހާއްސަކޮށް މެޗުގެ ކުރީކޮޅު ގިނަވަގުތު ބޯޅަ ހިފަހަށްޓާ ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތްކުރީ ވުލްވްސް އިންނެވެ. މިމެޗުގައި ވުލްވްސް އިން ޖުމްލަ 1 ހަމަލާއެއް އުފައްދާފައިވާއިރު ޔުނައިޓެޑަށް އުފެއްދިފައިވަނީ 10 ހަމަލާއެކެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީ މިމެޗުން ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު މެޗުގެ ފުރިހަމަވަގުތު ހަމަވާން 10 މިނެޓަށްވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ މޭސަން ގްރީންވުޑް އެވެ. މިއީ ރަފައެލް ވަރާންގެ އެސިސްޓަކުން ގްރީންވުޑް ކާމިޔާބުކުރި ލަނޑެކެވެ.
މެޗަށްފަހު ވާހަކަދައްކަމުން ޔުނައިޓެޑްގެ ކޯޗް، އޮލެގޮނަ ސޯލްޝެއާ މެޗުގައި ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔަ ފޯރިއާ ޖޯޝާއިމެދު ހިތްހަމަޖެހޭކަމަށް ބުނެފައެވެ. ސޯލްޝެއާ ބުނީ ރޮނާލްޑޯ ކުލަބާ ގުޅުމުން އެކަމާ ވަރަށް އުފާވާ ކަމަށާއި ސްކޮޑު ވަރުގަދަކުރުމުގެ ފުރުސަތު ލިބޭތީ ހިތްހަމަޖެހޭ ކަމަށެވެ.
އަދި ބޭނުންވަނީ ވީހާވެސް އަވަހަކަށް ރޮނާލްޑޯ އޯލްޑް ޓްރެފޯޑަށް (ޔުނައިޓެޑުގެ ދަނޑު) އައިސް އޭނާ ކެރިއަރުގައި ހާސިލްކޮށްފައިވާ ކަންކަން ޔުނައިޓެޑުގެ ސަޕޯޓަރުންގެ ސަޕޯޓުން ބަލާލުމަށް ކަމަށެވެ.
މީގެއިތުރުން ސޯލްޝެއާ ވަނީ ރޮނާލްޑޯ އަށް ތައުރީފުކޮށް ވާހަކަދައްކާފައެވެ. އެގޮތުން އޭނާ ބުނީ ރޮނާލްޑޯ އަކީ މުސްކުޅިއެއް ކަމަށްބުނެ ދައްކާ ވާހަކަތަކަކީ ރޮނާލްޑޯ ވަރަށް އަޑުއަހަން ބޭނުންވާ ވާހަކަތަކެއް ކަމަށެވެ. ސަބަބަކީ އެވާހަކަތަކުގެ ސަބަބުން ރޮނާލްޑޯގެ ކުޅުން ވަރުގަދަވެ އެފަދަ ފަރާތްތަކަށް ރޮނާލްޑޯ ކާމިޔާބީތަކުން ރަށްދުދިނުން ކަމަށްވެސް ސޯލްޝެއާ ބުންޏެވެ.
މެޗުން މޮޅުވެ ޔުނައިޓެޑުން 3 ޕޮއިންޓު ހޯދިއިރު ދެން އެޓީމުން މެޗެއް ކުޅޭނީ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ނިއުކާސަލް އާއި ދެކޮޅަށެވެ. ރިޕޯޓުތައް ބުނާގޮތުން މިމެޗުގައި ރޮނާލްޑޯ ފެނުމުގެ ފުރުސަތު ބޮޑެވެ.