ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާއި އިސްރާއީލުގެ ދިފާއީ ވަޒީރު ބެނީ ގަންޒް ބައްދަލު ކުރައްވައިފިއެވެ.

ދުނިޔޭގެ މީޑިއާއިން މިކަން ސިފަކުރަމުން ގެންދަނީ ވަރަށް ނާދިރު ކަމެއްގެ ގޮތުގައެވެ. ސަބަބަކީ، ފަލަސްތީނު ސަރުކަރާއި އިސްރާއީލާ ދެމެދު ކުރިންއޮތް ގިނަ މުއާމަލާތްތައް ފަލަސްތީނު ސަރުކާރުން ކަނޑާލާފައި އޮތުމުންނެވެ.

މިއީ، އެތައް އަހަރެއްގެފަހުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް، އިސްރާއީލު ސަރުކާރެއްގެ ކެބިނެޓް މެމްބަރަކާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރުވެސްމެއެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން، އިސްރާއީލުގެ ދިފާއީ ވަޒީރުގެ އޮފީހުން ބުނެފައިވަނީ، މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވުނީ، ސަލާމަތީ ޕޮލިސީއާއި، މަދަނީ އަދި އިގްތިސާދީ މައްސަލަތަކާ މެދުގައި ކަމަށެވެ.

ފަލަސްތީނު ސަރުކާރުގެ އިގްތިސާދު ވަރުގަދަ ކުރުމަށް ފިޔަވަޅުތައް އަޅަން ގަސްތުކުރާ ކަމަށް، އިސްރާއީލުގެ ދިފާއީ ވަޒީރު ބެނީ ގަންޒް، ފަލަސްތީނުގެ ރައީސަށް ދެންނެވިއެވެ.

އަދި ހުޅަނގު އައްސޭރީގެ އިތުރުން، ޣައްޒާގެ ސަލާމަތީ ކަންކަމާއި، އިގްތިސާދީ ކަންކަމާ ގުޅޭގޮތުން އަދިވެސް އިތުރު މަޝްވަރާތަކެއް ކުރަން ބޭނުންވާ ކަމަށްވެސް އިސްރާއީލުގެ ދިފާއީ ވަޒީރު، ފަލަސްތީނުގެ ރައީސަށް ދެންނެވިއެވެ.

މި ބައްދަލުވުމާ ގުޅޭ މައުލޫމާތު އިސްރާއީލުގެ ބޮޑުވަޒީރު ނަފްޓަލީ ބެނެޓުގެ އޮފީހުންވެސް ހާމަކޮށްފައިވެއެވެ.

ނަމަވެސް، ފަލަސްތީނު ސަރުކާރާއެކު ސުލްގައިގެ ވާހަކަތައް އަލުން ފެށުމުގެ ޕްލޭނެއް އިސްރާއީލު ސަރުކާރުގައި ނެތްކަމަށް ބޮޑުވަޒީރުގެ އޮފީހާ ގުޅުންހުރި މަސްދަރަކާ ހަވާލާދީ މީޑިއާއިން ރިޕޯޓް ކޮށްފައިވެއެވެ.

އިސްރާއީލާއި ފަލަސްތީނާ ދެމެދު ދެކެވުންދިޔަ ސުލްހައިގެ ވާހަކަތައް 2015 ވަނަ އަހަރުން ފެށިގެން ވަނީ ހުއްޓިފައެވެ.