އިނގިރޭސިވިލާތުން އެކުލަބުގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ 12 އަހަރަށްފަހު އެނބުރި އަންނަކަން ހާމަކޮށް އިންސްޓާގްރާމުގައި ކުރި ޕޯސްޓު، އިންޓަނެޓްގެ ރެކޯޑެއް މުގުރާލައިފިއެވެ.

އޮގަސްޓު މަހުގެ 12 ވަނަ ދުވަހު އިންސްޓާގްރާމުގައި ޔުނައިޓެޑުން ރޮނާލްޑޯ ކުލަބަށް އެނބުރި އައިކަން ހާމަކޮށް އޭނާއަށް މަރުހަބާކިޔުމުގެ ގޮތުން ކުރި ޕޯސްޓަށް ވަނީ 12.9 މިލިއަން ލައިކު ލިބިފައެވެ. މިއާއެކު މި ޕޯސްޓު ވަނީ އިންސްޓާގްރާމުގައި ކުޅިވަރު ކުލަބަކުން ކުރި ޕޯސްޓަކަށް އެންމެ ގިނަ ލައިކު ހޯދި ޕޯސްޓުގެ ރެކޯޑު ހޯދާފައެވެ.

https://www.instagram.com/p/CTFWJb1iUXo/?utm_source=ig_web_button_share_sheet

ރޮނާލްޑޯގެ ކޮންމެ އިޝާރާތަކަށް އަދި ކޮންމެ ބަހަކަށް އެތައް ބައެއްގެ ލޯތަށް އަމާޒުވާއިރު އޭނާ އަކީ މީސްމީޑިއާގެ މި ޕްލެޓްފޯމުގައި އެންމެ ގިނަ ފޮލިވަރުންވެސް ތިބި އެކައުންޓުގެ ވެރިފަރާތެވެ. އެގޮތުން ރޮނާލްޑޯގެ ރަސްމީ އިންސްޓަގްރާމް އެކައުންޓަށް 315 މިލިއަނަށްވުރެ ގިނަ މީހުން ފޮލޯ ކުރެއެވެ.

ޔުނައިޓެޑުގެ ޕޯސްޓު އިންސްޓާގްރާމްގެ ރެކޯޑު މުގުރާލާފައިވާއިރު ރޮނާލްޑޯ އާއި އެންމެ ވާދަވެރި ލިއޮނެލް މެސީ ޕީއެސްޖީ އާއި ގުޅުނުކަން ހާމަކޮށް އެކުލަބުން އިންސްޓަގްރާމުގައި ކުރި ޕޯސްޓަށް ލިބިފައިވަނީ 7.8 މިލިއަން ލައިކެވެ.

ރޮނާލްޑޯގެ ފޮޓޯ އާއިއެކު ޔުނައިޓެޑުން ކުރި މި ޕޯސްޓަށް ކުލަބަކުން ކުރި ޕޯސްޓަކަށް އެންމެ ގިނަ ލައިކު ލިބިފައިވުމުގެ ރެކޯދު ހޯދުނު ކަމުގައިވީނަމަވެސް ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ލައިކު ހޯދާފައިވާ ޕޯސްޓެއް ކޮށްފައިވާ ކުޅުންތެރިއަކީ މެސީ އެވެ.

އެގޮތުން ކޮޕާ އެމެރިކާގެ ޓްރޮފީ އާއިއެކު މެސީ ކޮށްފައިވާ ޕޯސްޓަށް 21.9 މިލިއަން ލައިކު ވަނީ ލިބިފައެވެ. ދެވަނަ އަށް އެންމެ ގިނަ ލައިކު ލިބިފައިވާ ފޮޓޯ އަކީ ފުޓުބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ އަށް ޓްރިބިއުޓެއްދީ ރޮނާލްޑޯ ކޮށްފައިވާ ޕޯސްޓެވެ. މި ޕޯސްޓަށް 19.8 މިލިއަން ލައިކު ވަނީ ލިބިފައެވެ.

އުމުރުން 36 އަހަރުގައިވެސް ފުޓުބޯޅައިންވެސް އަދި އިންޓަނެޓުގައިވެސް އެތައް ރެކޯޑެއް ހަދާ އެތައް ކާމިޔާބީއެއް ހޯދަމުން އަންނަ ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވަނީ އިޓަލީގެ ޔުވެންޓަސް އިން 12.8 މިލިއަން ޕައުންޑުގެ ޓްރާންސްފަރ ފީއެއްގައެވެ. ޔުވެންޓަސް އިން ރޮނާލްޑޯގެވެސް އެދުމުގެ މަތިން އޭނާ ޔުނައިޓެޑަށް ވިއްކާލިއިރު ޔުވެންޓަސް އާއިއެކު ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުމުގައި އަދި ބާކީ އެއް އަހަރު އެބައޮތެވެ.