ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ އަނިޔާވެރި ވެރިޔެއް ކަމަށާއި ވަގެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ވިދާޅުވުމާއެކު، މަޖިލީހުގެ ތަޅުން ހޫނުވެ ބައެއް މެމްބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށްފިއެވެ.

ގާސިމް ކޯފާއިސްކުރައްވައި މިމޭރުމުން ވާހަކަފުޅު ދެއްކެވީ ރައީސް ޔާމިނަށް ކުރި ހުކުމަކީ އިންސާފުވެރި ހުކުމެއް ނޫން ކަމަށް ވިދާޅުވެ، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވާހަކަފުޅު ދައްކަވަން ފެއްޓެވުމުންނެވެ.

ބިންބިމާބެހޭ ބިލަށް ގެންނަ އިސްލާހަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރައްވަމުން، ރައީސް ޔާމީނަށް އިއްވި ހުކުމަކީ ބާތިލު ހުކުމެއްކަން ފަނޑިޔާރުންގެ ލީކުވީ އޯޑިއޯތަކުން ހާމަވެގެންދާ ކަމަށް މެމްބަރި ޝިޔާމް ވިދާޅުވުމުން، ޝިޔާމްގެ ވާހަކައިގެ ތެރެއިން ނިޒާމީ މައްސަލަ ނަންގަވައި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ ބިމާބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ޝިޔާމަށް އެވާހަކަފުޅު ނުދެއްކޭނެ ކަމަށެވެ.

އަޅުގަނޑު ނުދެކެން ހަމަ ގައިމުވެސް ޔާމީނަށް ވުރެ ބޮޑު އަނިޔާވެރިއެއް، ބޮޑު ވަގެއް، މި ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި. ކްރިމިނަލް ކޯޓުން އަޅުގަނޑަށް ހުކުމް ކުރީ އައިޖީއެމްއެޗުގައި އަޅުގަނޑު އެޑްމިޓްކޮށްފައި އޮއްވައި. ރޭގަނޑު މެންދަމު އެކެއް ނުވަތަ 11 ޖެހިއިރު ގެންގޮސް ހުކުމްކޮށް ނިންމާލީ. އޭރު ކާކަށް ކޮން ބާރެއް އައިސްގެންތޯ ފަނޑިޔާރުން ކުރެ އައްސަވައި ބައްލަވާ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް

ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނުގެ މައްޗަށް ހުކުމް ކުރީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮއްވައި ދަންވަރުގެ ވަގުތެއްގައި ކަމުން، ރައީސް ޔާމީނަށް ވުރެ ބޮޑު އަނިޔާވެރިއެެއް ރާއްޖޭގެ ވެރިކަމުން ނުދެކޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

އެމައްސަލައަކީ ނިޒާމީ މައްސަލައެއް ކަމަށް ރިޔާސަތުން ބަލައިނުގަތުމުން، މަޖިލީހުގައި އަދުލު އިންސާފުގެ ވާހަކަ ދެއްކޭނަމަ އެމަނިކުފާނަށް ނުހައްގުން ހުކުމްކުރި ވާހަކަވެސް ދެއްކެންޖެހޭނެ ކަމަށް ވިދާޅުވެ ގާސިމް ވަނީ ވާހަކފުޅު ދައްކަވާފައެވެ.

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ގާސިމްގެ ވާހަކަތަކަށް ތާއީދުކޮށް، މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވާފައި ވާއިރު، އިދިކޮޅުގެ ބައެއް މެންބަރުންވެސް ރިޔާސަތުގެ ކުރިމައްޗަށް ވަޑައިގެން އަޑު އުފުއްލެވިއެވެ.

އޭގެ އިރުކޮޅެއްފަހުން ރިޔާސަތުން ވަނީ ކުޑަވަގުތުކޮޅަކަށް މަޖިލިސް މެދުކަނޑާލާފައެވެ.

ރައީސް ޔާމީނަށް ހުކުމް ކުރެއްވި ފަސް ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ގާޒީއެއްގެ އޯޑިއޯ އާންމުވުމާ ގުޅިގެން، އެމައްސަލަ މަޖިލީހަށް ހުށަހަޅައި އެކަމާ ގުޅޭގޮތުން އިދިކޮޅު މެމްބަރުން މިއަދުގެ ޖަލްސާގައި ވާހަކަދައްކަވާފައި ވެއެވެ.

އެހެންނަމަވެސް މަޖިލީހުން އެމައްސަލަ ބަލައިގަނެފައެއް ނުވެއެވެ.