އިޓަލީގެ ޔުވެންޓަސް އިން އެކުލަބަށް ކުޅުނު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވިއްކާލާފައިވާކަން ރަސްމީކޮށް އިއުލާނު ކޮށްފިއެވެ.
މީގެ ދެތިން ދުވަސް ކުރިން ރޮނާލްޑޯ 12 އަހަރަށްފަހު އެނބުރި ޓީމަށް އަންނަކަން މެންޗަސްޓަރ ޔުނައިޓެޑުން އިއުލާނު ކޮށްފައިވީނަމަވެސް މިއަދާ ހަމައަށް މިކަން ޔުވެންޓަސް އިން ރަސްމީކޮށް އެއްވެސް ޕްލެޓްފޯމެއްގައި އިއުލާނު ކޮށްފައެއް ނުވެއެވެ.
އަންގާރަ ދުވަހު ޔުވެންޓަސްެގެ ރަސްމީ ވެބްސައިޓުގައި ނެރުނު ބަޔާނެއްގައި ބުނެފަިވަނީ މުޅި ފުޓުބޯޅަ ދުނިޔެ ހިލުވާލާ މީގެ ތިން އަހަރު ކުރިން ރޮނާލްޑޯ ޔުވެންޓަސް އާއި ގުޅެ، 133 މެޗުން 101 ލަނޑު ކާމިޔާބުކޮށްދީ ފަސް ޓްރޮފީ ޓީމާއެކު ކާމިޔާބު ކުރުމަށްފަހު މިއަދު އޭނާ އެކުލަބު ދޫކޮށް ޔުނައިޓެޑަށް ބަދަލުވެފައިވާކަމަށް ބުނެފައެވެ.
އަދި ރޮނާލްޑޯ ކުލަބާއެކު ހޭދަކުރި މުއްދަތުގެ ތެރޭގައި އޭނާ ވަނީ ތިން ސީޒަނުގެ ތެރޭގައި 100 ލަނޑު ހަމަކުރި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިކަން ފާހަގަކޮށް ޔުވެންޓަސް އިންވަނީ ރޮނާލްޑޯ އަކީ ސެރިއާ އޭ، ލަލީގާ އަދި ޕްރިމިއަރ ލީގުގައި ސީޒަނުގެ ޓޮޕް ސްކޯރަރ ގެ މަގާމު ހޯދި ފުރަތަމަ ކުޅުންތެރިޔާކަންވެސް ފާހަގަކޮށްފައެވެ.
މީގެއިތުރުން ކާމިޔާބު ތިން އަހަރަށްފަހު ރޮނާލްޑޯ އާއި ކުުލަބާއި ވަކިވާން ޖެހުނު ނަމަވެސް އޭނާ ކުލަބަށާއި އަމިއްލައަށް ހޯދާފައިވާ ކާމިޔާބީތަކަކީ ތާރީހުގައި ރަން އަކުރުން ލިޔެވޭނެ ކަންތައްތަކެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ޔުނައިޓެޑަށް ބަދަލުވިކަން ހާމަކޮށް ރޮނާލްޑޮ ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނުގައި ބުނެފައިވަނީ ޔުނައިޓެޑަކީ އަބަދުވެސް އޭނާގެ ހިތުގައި ހާއްސަ މަގާމެއް ދެވިފައިވާ ކުލަބެއް ކަމަށެވެ. އަދި އެކުލަބަށް ބަދަލުވާކަން އިއުލާނުކުރި ވަގުތުން ފެށިގެން ސަޕޯޓަރުންގެ ފަރާތުން ލިބެމުންދާ މެސެޖުތަކުގެ ސަބަބުން އުފާވާ ކަމަށާއި އޯލްޑް ޓްރެފޯޑުގައި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެލަން ލިބޭނެ ދުވަހަކަށް ކެތްމަދުވެފައިވާކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.
ޔުވެންޓަސް އިން ހާމަކޮށްފައިވާ ގޮތުގައި ރޮނާލްޑޯ ޔުނައިޓެޑަށް ވިއްކާލީ 13 މިލިއަން ޕައުންޑަށެވެ. މިއަދަދު ފަސް އަހަރަށް ބަހާލައިގެން ދެއްކޭގޮތަށް އޮތްއިރު ބޯނަސްގެ ގޮތުގައި ޔުނައިޓެޑުން އިތުރު 12 މިލިއަން ޕައުންޑުވެސް ދައްކަންޖެހޭނެއެވެ. އެހެންކަމުން މުޅި ޖުމްލަ ޔުނައިޓެޑުން ޔުވެންޓަސް އަށް ޓްރާންސްފަރ ގެ ގޮތުގައި ޖުމްލަ 25 މިލިއަން ޕައުންޑު ޚަރަދުކުރާނެއެވެ.
ރިޕޯޓުތައް ބުނާގޮތުން މި އަގުގައި ރޮނާލްޑޯ ވިއްކާލުމާއި ގުޅިގެން ޔުވެންޓަސް އަށް މިއަހަރުގައި 12 މިލިއަން ޕައުންޑުގެ ގެއްލުމަކާއި ކުރިމަތިލާން ޖެހޭނެއެވެ.