މެންޗަސްޓަރ ޔުނައިޓެޑަށް މިސީޒަނުގައި ކުރިއަށް އޮތް މެޗުތަކުގައި ލިބޭ ޕެނަލްޓީތައް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ދިން ކަމުގައިވީނަމަވެސް ލިބޭ ހިލޭޖެހުންތައް ޖަހާނީ ފާއިތުވީ ސީޒަނުގައި ޕެނަލްޓީ އާއި ހިލޭޖެހުންތައް ނަގަމުން އައި ބްރޫނޯ ފެރްނާންޑޭޒް ނުދޭނެކަމަށް ޔުނައިޓެޑުގެ ލެޖެންޑް ރިއޯ ފާޑިނަންޑް ބުނެފިއެވެ.

ފާއިތުވީ ސީޒަނުގައި މިފަދަ ޖެހުންތަކުގައި ޔުނައިޓެޑުން ލީޑު ކުރަމުން އައީ ފެރްނާންޑޭޒް އެވެ. އެހެންނަމަވެސް ރޮނާލްޑޯ އަކީ އޭނާ ކުޅޭ ކޮންމެ ކުލަބެއްގައިވެސް ހިލޭ ޖެހުންތަކާއި ޕެނަލްޓީތައް އެންމެ އިތުބާރާ ޔަގީންކަމާއެކު ޖަހަމުން އަންނަ ކުޅުންތެރިޔާއެވެ. ހާއްސަކޮށް ރޮނާލްޑޯ އަކީ ޕެނަލްޓީ ޖެހުމުގައި ފުޓުބޯޅައިގެ ތާރީހުގައިވެސް އެންމެ ގިނަ ކޯޗުން އިތުބާރު ކުރާ ކުޅުންތެރިޔާއެވެ.

ޔޫޓިއުބް ޗެނަލްއަކަށްދިން އިންޓަވިއު އެއްގައި ފާޑިނަންޑް ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި ޔުނައިޓެޑުގެ ޕެނަލްޓީތައް ކުރިއަށްއޮތްތާ ޖަހާނީ ރޮނާލްޑޯ ކަމަށެވެ. އެހެންނަމަވެސް ހިލޭ ޖެހުންތަކާއި ކުރިއެކޭވެސް އެއްގޮތަށް ހަވާލުވާނީ ފެރްނާންޑޭޒް ކަމަށާއި އެ ޒިންމާ އޭނާ ދޫކޮށްލަފާނެކަމަށް ގަބޫލު ނުކުރާކަމަށްވެސް ފާޑިނެންޑް ބުންޏެވެ.

ފާއިތުވީ ސީޒަނުގައި މެންޗަސްޓަރ ޔުނައިޓެޑަށް ފެރްނާންޑޭޒް 28 ލަނޑު ކާމިޔާބު ކޮށްދީފައިވާއިރު އޭގެތެރެއިން 9 ލަނޑަކީ ޕެނަލްޓީން ކާމިޔާބު ކޮށްފައިވާ ލަނޑުތަކެކެވެ.

އުމުރުން 36 އަހަރުގެ ރޮނާލްޑޯ ވަނީ ފާއިތުވީ ސީޒަނުގައި ޖުމްލަ 14 ޕެނަލްޓީ ޖެހުމުގެ ޒިންމާ ނަގާފައެވެ. އޭގެތެރެއިން 12 ޕެނަލްޓީ ރޮނާލްޑޯ ވަނީ ކާމިޔާބު ކޮށްފައެވެ.

12 އަހަރަށްފަހު ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް ބަދަލުވާއިރު 2003 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރުގެ ނިޔަލަށް އޭނާ އެކުލަބުގައި ހޭދަކުރި މުއްދަތުގެ ތެރޭގައި ވަނީ 292 މެޗު ކުޅެދީ 118 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އެޔަށްފަހު 2018 ވަނަ އަހަރުގެ ނިޔަލަށް ރޮނާލްޑޯ ރެއާލް މެޑްރިޑުގައި ހޭދަކުރި މުއްދަތުގެ ތެރޭގައި 438 މެޗުން 450 ލަނޑު ވަނީ ކާމިޔާބު ކޮށްފައެވެ. އެންމެފަހުން އޭނާ ކުޅުނު ޔުވެންޓަސް އާއިއެކު 3 އަހަރު ހޭދަކުރިއިރު އޭނާ ވަނީ އެކުލަބަށް 134 މެޗު ކުޅެދީ 101 ލަނޑު ވަނީ ކާމިޔާބު ކޮށްދީފައެވެ.