ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހައްޔަރު ކޮށްފައިވާ ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކޮށްފިއެވެ.

މޭ 6ގެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މ. އުދެހިގޭ އިސްހާގާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ ބަންދަށް ކްރިމިނަލް ކޯޓުން 14 ދުވަސް ޖަހާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

އިސްހާގަކީ ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ މީހެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވެއެވެ.

އިސްހާގު އަދި ފަހުމީ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިޔަށް ގެންދިއުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދިނުމަށްފަހު އެންމެ ފުރަތަމަ އެމީހުންގެ ބަންދަށް ޖަހާފައި ވަނީ 30 ދުވަހެވެ. އެއީ މިދިޔަ ޖުލައި މަހުގައެވެ.

އިއްޔެ އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކުރީ ދެވަނަ ފަހަރަށެވެ.

މި މައްސަލައާ ގުޅޭ ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލުމަށްފަހު ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އިން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން ހަތަރު މީހަކަށް މިހާތަނަށް ދައުވާކޮށްފައިވެއެވެ.

އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.