ކުޅަދާނަ ފިލްމު ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ ޕްރޮޑަކްޝަންއާއި ނެޓްފްލިކްސް ގުޅިގެން އުފައްދާ ވެބް ސީރީސް "ހީރާމަންޑީ" އިން ބަތަލާ ޖޫހީ ޗާވްލާ ފެނުމުގެ ފުރުސަތު ބޮޑުކަމަށް އިންޑިއާގެ މީޑީއާއިން ބުނެފިއެވެ.

ޕްރީ ޕްރޮޑަކްޝަން މަރުހަލާގައިއޮތް މިވެބް ސީރީޒްގެ މެއިން ލީޑްއިން ފެންނާނެ ބަތަލާއިންގެ ވާހަކަ މީގެކުރިންވެސް ދޭތެރެ ދޭތެރެއިން ނޫސްތަކުގެ ސުރުހީތަކަށްވަނީ އަރާފައެވެ.

ބަތަލާ ޖޫހީއަށް މިސީރީޒްއިން ފުރުސަތު ލިބޭނެ ވާހަކަ ފެންމަތިވެފައިވާއިރު މީގެކުރިންވަނީ ސޮނާކްޝީ ސިންގްހާ، ނިމްރަތް ކޯރް އަދި މަނީޝާ ކޮއިރަލާވެސް ފެންނާނެކަމަށް ހަބަރު ފެތުރިފައެވެ.

ސަންޖޭގެ ޕްރޮޑަކްޝަންގައި މަސައްކަތްކުރާ ވަރަށް ގާތްމީހަކާ ހަވާލާދީ ބޮލީވުޑް ހަންގާމާގައި ބުނެފައިވަނީ ޖޫހީވަނީ "ހީރާމަންޑީ" ކުޅެން އެއްބަސްވެފައެވެ.

ޖޫހީގެ އިތުރުން، އިތުރު 16 ބަތަލާއިން މިސީރީޒްއިން ފެނިގެންދާނެ ކަމަށްވެސް ހަބަރުލިބެއެވެ. އޭގެތެރޭގައި، ސޮނާކްޝީ ސިންގްހާ، މަނީޝާ ކޮއިރަލާ، ނިމްރަތް ކޯރްގެ އިތުރުން ސަންޖީ ޝެއިޚް އަދި ފިލްމު "ކޮކްޓެއިލް" އިން ވިދާލި ބަތަލާ ޑަޔާނާ ޕެންޓީ ހިމެނެއެވެ.

19 ވަނަ ގަރުނުގެ ތެރޭގައި އިންޑިއާއާއި ޕާކިސްތާނު ވަކިކުރެވުނު ދުވަސްވަރު ހިނގާފައިވާ ހާދިސާތަކާއެކު ތާރީޚީ ވަރަށްގިނަ ހަނދާންތަކެއް ގެނުވައިދޭނެ ވާހަކަތަކެއް މިސީރީޒްއިން ފެނިގެންދާނެ ކަމަށް ޚަބަރުތައް ލިބެއެވެ.

މީގެކުރިން ސީރީޒްގެ ސްކްރިޕްޓް ބިނާކުރެވިފައިވާނީ އެއަށް ދެވިފައިވާ ނަން "ހީރާމަންޑީ" ނަމަކަށް ކިޔާ ލާހޯރުގެ އަވަށެއްގައި ހިނގާފައިވާ ހާދިސާތަކެއް ގެނެސްދިނުމަށެވެ.

އެހެންނަމަވެސް ސީރީޒް ރިލީޒްކުރެވޭއިރު އޭގެ ވާހަކަތަކަށާއި ހާދިސާތަކަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އަންނާނެކަމަށް އެޕްރޮޑަކްޝަންސްއިން ވަނީ ބުނެފައެވެ.

ސީރީޒް ފެށިގެން ނިމެންދެންވެސް ޕާކިސްތާނުގެ ލާހޯރްއިން އޭރުގެ މީހުން އިންޑިއާގެ މުމްބާއީއަށްކުރި ދަތުރު ވަރަށް ރަގަޅަށް ދައްކުވައިދޭނެކަމަށް ވަނީ ބުނެފައެވެ.