ކޮވިޑްގެ ނުރައްކާ އޮތުމާއެކުވެސް އިންޑިއާގެ ގިނަ ސްކޫލްތައް ދަރިވަރުން ގެންގޮސްގެން ކިޔަވައިދޭން ފަށައިފިއެވެ.

ސްކޫލްތައް ހުޅުވުމުގެ ސަބަބުން 18 މަސްދުވަސް ފަހުން ގިނަ ދަރިވަރުންނަށް ވަނީ ފުރަތަމަ ފަހަރަށް ސްކޫލަށްގޮސް ކިޔެވުމުގެ ފުރުސަތު ލިބިގެން ގޮސްފައެވެ.

އިންޑިއާގެ ގިނަ ހިސާބުތަކުގެ ސްކޫލްތައް، ކަމާބެހޭ އިދާރާތަކުގެ އިރުޝާދުތަކާ އެއްގޮތަށް ހުޅުވައި ކިޔަވައިދޭން ފެށިއިރު، ބެލެނިވެރިންގެ މެދުގައި ކަންބޮޑުވުންތައްވެސް ވަނީ އުފެދިފައެވެ. އަދި ބައެއް ހިސާބުތަކުގައި އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ވަނީ މައްޗަށް ގޮސްފައެވެ.

ސިއްހީ ހަރުކަށި ގައިޑްލައިންތަކާއެކު އިންޑިއާގެ އިތުރު ހަ ސްޓޭޓެއްގެ ސްކޫލްތަކާއި ކޮލެޖްތައް މި ފެށުނު ސެޕްޓެމްބަރު މަހުވެސް ހުޅުވައިގެން ކިޔަވައިދޭން ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

ބައެއް ސްކޫލްތަކުގައި ކިޔަވައިދޭން ފަށާފައިވަނީ ބައެއް އުމުރުފުރާތަކަށެވެ.

ވެރިރަށް ނިއުދިއްލީގައި ސްކޫލްތައް ހުޅުވައި ކިޔަވައިދޭން ފަށާއިރު، ސްކޫލްތަކުގެ ހުރިހާ ސްޓާފުން ވެކްސިން ޖަހާފައި ތިބުން މަޖުބޫރެވެ. އަދި ކްލާސްތަކުގައި ދަރިވަރުން ބައިތިއްބަން ޖެހެނީ ކުރިން ތިބި އަދަދުގެ ފަންސާސް އިންސައްތައެވެ.

މީގެއިތުރުން، ސްޓާފުންނާއި ދަރިވަރުން ސެނިޓައިޒް ކުރެވޭނެ އިންތިޒާމުތައްވެސް ހަމަޖައްސަންޖެހެއެވެ.

ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްކޫލްތައް ހުޅުވަން ފެށިނަމަވެސް، ބައެއް ބެލެނިވެރިން ގެންދަނީ އެމީހުންގެ ދަރިވަރުން ސްކޫލަށް ނުފޮނުވާނޭ ކަމަށް ބުނަމުންނެވެ.

އިންޑިއާއަކީ ދުނިޔޭގައި ކޮވިޑްބަލީގެ ހާލަތު ދެވަނައަށް އެންމެ ގޯސްވެގެންދިޔަ ގައުމެވެ.

އެ ގައުމުގެ އެތައް މިލިއަން ބަޔަކަށް ކޮވިޑްޖެހި، ކޮވިޑްބަލީގައި އެތައްހާސް ބަޔަކު މަރުވެދިޔައިރު، ބަލީގެ ހާލަތު މިހާރުވަނީ ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވާން ފަށާފައެވެ.