ސްރީލަންކާގައި އެތް ގެންގުޅޭތަނެއްގައި އުޅޭ އެތެއް އެއްމާބަނޑު ދެއެތް ވިހައިފިއެވެ.

މިއީ، ވަރަށް ނާދިރު ހާލަތެއްގައި މެނުވީ ނުވާ ކަމެއް ކަމަށްވެއެވެ.

އެއްމާބަނޑު ދެއެތް ވިހާފައިވަނީ ސްރީލަންކާގެ ޕިންނަވާލާ އެލިފެންޓް އޯފަނޭޖްގައި އުޅޭ އުމުރުން 25 އަހަރުގެ ސުރާންޖީގެ ނަމުން ނަންދެވިފައިވާ އެތެކެވެ.

އެއްމާބަނޑު ދެއެތުގެ ސައިޒް ކުޑަނަމަވެސް އެދޭއްޗާއި، އެދޭތީގެ މަންމަގެ ސިއްހަތު ރަނގަޅު ކަމަށް، އެތްތައް ބަލަހައްޓާ ތަނުގެ ވެރިޔާ ރޭނުކާ ބަންޑާރަނަޔަކެ ބުނެފައިވެއެވެ.

ސުރާންގީ އެންމެފަހުން ވިހާފައިވަނީ 2009 ވަނަ އަހަރު ފިރިހެން އެތެކެވެ. މިއީ، ސުރާންގީ ވިހެއި ދެވަނަ ފަހަރެއެވެ. މިފަހަރު މި ވިހެއީ އެއްމާބަނޑު ދެއެތެވެ.

ސްރީލަންކާގެ ޕިންނަވާލާ އެލިފެންޓް އޯފަނޭޖްގައި މީގެކުރިން އެއްމާބަނޑު ދެއެތް ވިހާފައިވަނީ 1941 ވަނަ އަހަރު ކަމަށް އެތްތަކާބެހޭ ތަޖުރިބާކާރުން ބުނެއެވެ.

މިފަހަރު ވިހެއި އެއްމާބަނޑު ދެއެތަށް ސްރީލަންކާގެ މީހުންނާއި، ދުނިޔޭގެ މީޑިއާގެ ސަމާލުކަންވެސް ލިބިމުން އެބަދެއެވެ.