އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފަށް ވާދަނުކުރެވޭނެކަމަށް އެ ޕާޓީން ނިންމީ ގާނޫނާ ގަވާއިދާ ޚިލާފަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް އަންގާފައިވާ މައްސަލަ އިސްތިއުނާފަށް ހުށަހަޅައި، އެ ޕާޓީގެ ޖަވާބެއް ނުލިބުމުން މިނިސްޓަރ މަހުލޫފް ވަނީ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު އެ މައްސަލަ އިލެކްޝަނަން ހުށަހަޅުއްވާފައެވެ.

މަހުލޫފް ހުށަހެޅުއްވި ސިޓީގެ ޖަވާބުގައި އީސީން ބުނީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި މަހްލޫފަށް ވާދަނުކުރެއްވޭނެ ކަމަށް ނިންމާފައިވާ މައްސަލައަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެމްޑީޕީގެ އަސާސީ ގަވާއިދުގައި ހިމަނާފައިވާ ޝަރުތެއް ނޫންކަމަށެވެ.

އީސީން ވަނީ މިކަން މަހްލޫފަށާއި އެމްޑީޕީއަށްވެސް އަންގާފައެވެ. އީސީން ފޮނުވި ސިޓީ މަހުލޫފްވަނީ ސޯޝަލް މީޑިއާގައި އާންމުކުރައްވާފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިނިސްޓަރ މަހުލޫފަށް ގެއްލުނީ އެޕާޓީގެ ހިންގާ ކޮމެޓީން ފާސްކޮށްފައިވާ ޝަރުތުތައް ހަމަނުވާކަމަށް ބުނެއެވެ.

އެމްޑީޕީން ވަނީ މަހުލޫފްގެ މައްސަލައެއް ބަލަމުން އަންނަކަމަށް އޭސީސީން ބުނެފައިވާ ކަމަށާއި، އެހެންކަމުން އެމަނިކުފާނު އިންތިޚާބަށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ކެންޑިޑޭޓުންގެ ލިސްޓުން އުނިކޮށްފައިވާ ކަމަށް ބުނެ މިނިސްޓަރ މަހުލޫފަށް މީގެކުރިން ސިޓީއެއްވެސް ފޮނުވާފައެވެ.

ހިންގާ ކޮމިޓީން ކަނޑައަޅާފައިވާގޮތުގައި ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރެވެނީ އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިނުވާ މީހުންނަށާއި، ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރެއިން މީހަކު މެރުމާއި ރޭޕް ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ ކުށްތަކުން ބަރީއަވެގެންވާ މީހުންނަށެވެ.

އީސީގެ ސިޓީ މީސްމީޑިއާގައި އާންމުކުރައްވާ މިނިސްޓަރ މަހުލޫފް ވިދާޅުވީ ކެންޑިޑޭޓުންނާ ގުޅޭ އެއްވެސް ޝަރުތެއް ކަނޑައެޅޭނީ ސިޔާސީ ޕާޓީތަކާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޕާޓީގެ އަސާސީ ގަވައިދު އިސްލާހުކޮށްގެން، ނޫނީ އަސާސީ ގަވާއިދުގެ ދަށުން ބާރުލިބިގެން ހަދާ އިތުރު ގަވާއިދަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއަށް އަންގާފައިވާ ކަމަށެވެ.