އަންނަ އޮކްޓޯބަރު ބާއްވާ ސާބާ މެންސް ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތަށް އެކުލަވާލި ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ސްކޮޑުގައި އިބްރާހީމް ރަޝްވާން (ޗިކު) އާއި އަޙްމަދު އައުޝަން ހިމަނައިފިއެވެ.

ބަންގްލަދޭޝްގައި އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ފަށާ ސާބާ މެންސް ޗެމްޕިއަންޝިޕް މުބާރާތައް ގައުމީ ސްކޮޑު އެކުލަވާލުމަށް. ހުސްވި އޮގަސްޓު މަހުގެ ފަހުކޮޅު ވަނީ ޓްރަޔަލްތަކެއް ބާއްވާފައެވެ. ޓްރަޔަލްތަކަށްފަހު ޗިކު އާއި އައުޝަން ހިމަނައިގެން 18 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައެވެ.

ޗިކު އެންމެފަހުން ގައުމީ ސްކޮޑުގައި ހިމެނިފައިވަނީ 2018 ވަނަ އަހަރުއެވެ. 2018 ވަނަ އަހަރު ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން އޭނާ ހުރީ ކުޅުމާ ދުރުގައެވެ. ޗިކު އަކީ ރާއްޖޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ތަޖުރިބާކާރު ކުޅުންތެރިއެކެވެ.

އެންމެފަހުން 2015 ވަނަ އަހަރުގައި ގައުމީ ސްކޮޑުން ޖާގަލިބުނު އައުޝަން ވަނީ ރީޔޫނިއަނުގައި އެއަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ރާއްޖެއިން އެކުލަވާލި ސްކޮޑުގައި ހިމެނިފައެވެ. ލޮލަށް ކުރިމަތިވި ގެއްލުމަކާ ގުޅިގެން 2016 ވަނަ އަހަރުން ފެށިގެން އައުޝަންވެސް ވަނީ ބޮޑު ބްރޭކެއް ނަގާފައެވެ.

ސްކޮޑެއް އެކުލަވާލާ ސާބާ މެންސް ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތަށް ގައުމީ ޓީމުން ތައްޔާރުވުމުގެ މަސައްކަތް ފަށާފައިވާއިރު ދާދި ފަހުން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ވަނީ ގައުމީ ބާސްކެޓްބޯޅަ ޓީމަށް ދިވެހި ކޯޗެއް އައްޔަނުކޮށްފައެވެ.

ސާބާ މެންސް ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތަށް އެކުލަވާލި ގައުމީ ބާސްކެޓްބޯޅަ ޓީމް- ފޮޓޯ:- އެމްބީއޭ

އޮގަސްޓު މަހުގެ 23 ވަނަ ދުވަހު އެމްބީއޭ އިންވަނީ ތަޖުރިބާކާރު ކޯޗު، އިލްޔާސް އިބްރާހިމް (އިއްލެ) ހަމަޖައްސާފައެވެ. ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކޯޗަކަށް އިއްލެ ހަމަޖެއްސިއިރު، ކޯޗެއްގެ ގޮތުގައި އޭނާ ވިދާލީ ޓީރެކްސް ބާސްކެޓްބޯޅަ ކުލަބުންނެވެ. އެ ޓީމުގެ ކޯޗުގެ މަގާމުގައި އެންމެ ފަހުން ހުރީ އެމެރިކާގެ ކޯޗު ކޯރޭ އެލެކްސެންޑާއެވެ.