ފުޓުބޯޅައިގެ ތާރީހުގައިވެސް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހަދައިފިއެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަނުގައި އަޔަލެންޑާއި ދެކޮޅަށްކުޅެ ފަހަތުން އަރާ މޮޅުވި މެޗުގައި ރޮނާލްޑޯ ޕޯޗުގަލް އަށް ކާމިޔާބުކޮށްދިން ދެލަނޑާއެކު މި ރެކޯޑް ރޮނާލްޑޯ ހެދީ 111 ލަނޑާއެކުއެވެ. މީގެކުރިން އިރާންގެ އަލީ ދާއި އަތުގައި މި ރެކޯޑް އޮތީ 109 ލަނޑު އިރާންގެ ގައުމީ ޓީމަށް ކާމިޔާބު ކޮށްގެނެވެ. ރޮނާލްޑޯ ދާއިގެ ރެކޯޑާއި އެއްވަރުކުރީ ނިމިދިޔަ ޔޫރޯ 2020 މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ފްރާންސް އާއި ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖަހައިގެންނެވެ.

ތާރީހުގައިވެސް ގައުމީ ޓީމަށް އެންމެގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑް ރޮނާލްޑޯ ހަދާފައިވާއިރު އޭނާއަކީ މިހާރުވެސް ފުޓުބޯޅަ ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް 100 އަށްވުރެ ގިނަ ލަނޑު ކާމިޔާބުކޮށްފައިވާ ހަމައެކަނި ކުޅުންތެރިޔާވެސް މެއެވެ.

ވަކިވަކި ކުޅުންތެރިންނަށް ފުޓުބޯޅައިގައިދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ ބެލަންޑޯ އެވޯޑް ފަސްފަހަރަށް ހޯދާފައިވާ ރޮނާލްޑޯ ޕޯޗުގަލްގެ ގައުމީ ޓިމަށް އެންމެ ފުރަތަމަ ލަނޑެއް ކާމިޔާބު ކޮށްފައިވަނީ ޕޯޗުގަލްގެ ގައުމީ ޓީމަށް އޭނާ ކުޅުނު ފުރަތަމަ މެޗުގައި ކަޒަކިސްތާނާއި ދެކޮޅަށް 2004 ވަނަ އަހަރު ކުޅެއެވެ. މިއަދާ ހަމައަށް ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް 180 މެޗު ކުޅެދީފައެވެ.

ތާރީހީ ރެކޯޑެއް ރޮނާލްޑޯ މުގުރާލި މިމެޗުގައި އަޔަލެންޑް އަތުން ޕޯޗުގަލް މޮޅުވީ ފަހަތުން އަރާ 1-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ އަޔަލެންޑުންނެވެ. ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޯން އިގަން އެވެ. އެހެންނަމަވެސް މިހާފުގައިވެސް ރޮނާލްޑޯ އަށް ވަނީ ޕޯޗުގަލް އަށް ލަނޑެއް ކާމިޔާބު ކޮށްދިނުމަށް ޕެނަލްޓީއެއްވެސް ލިބިފައެވެ. ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ރޮނާލްޑޯ ފޮނުވާލި ޕެނަލްޓީ ، އަޔަލެންޑުގެ ޒުވާން ކީޕަރު ވަނީ މަތަކޮށްފައެވެ.

އަޔަލެންޑާއި ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

ދެވަނަ ހާފުގައި ޕޯޗުގަލް އިން ކުޅުން ވަރުގަދަކޮށް މެޗުގެ ކޮންޓްރޯލް ހޯދަން މަސައްކަތްކުރިއިރު އެޓީމުން މެޗުގައި ކާމިޔާބުކުރި ދެލަނޑުވެސް ރޮނާލްޑޯ ކާމިޔާބު ކޮށްދިނީ މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައެވެ. އެގޮތުން މެޗުގެ ފުރިހަމަވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް ރޮނާލްޑޯ ޕޯޗުގަލް އަށް ނަތީޖާ ހަމަހަމަ ކޮށްދިން އިރު މެޗުން އެގައުމު މޮޅުކޮށްދިން ލަނޑު ރޮނާލްޑޯ ކާމިޔާބު ކޮށްދިނީ މެޗުގެ އިތުރުވަގުތުގެ 6 ވަނަ މިނެޓުގައެވެ.

ރޮނާލްޑޯގެ ލީޑާޝިޕްގެ ދަށުން ޕޯޗުގަލް އިން 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތްވެސް ކާމިޔާބު ކޮށްފައިވާއިރު ކުލަބު ލެވެލްގައިވެސް ރޮނާލްޑޯ ވަނީ އޭނާ ނިސްބަތްވާ ކުލަބުތަކާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން މިހާތަނަށް ކުލަބު ލެވެލްގައި ރޮނާޅްޑޯ ވަނީ ޖުމްލަ 30 ޓްރޮފީއެއް އުފުލާލާފައެވެ އޭގެތެރޭގައި 7 ލީގު ޓައިޓަލް އާއި 5 ޗެމްޕިއަންސް ލީގު ޓައިޓަލް ހިމެނެއެވެ.

އުމުރުން 36 އަހަރުގައިވެސް ފުޓުބޯޅައިގެ އެތައް ރެކޯޑެއް ރޮނާލްޑޯ ހަދަމުންދާއިރު އޭނާ ވަނީ ދާދިފަހުން ފުޓުބޯޅަ ދުނިޔެ ޝޮކަކަށް ގެނެސް 12 އަހަރަށްފަހު އެނބުރި އޭނާގެ ކުރީގެ ކުލަބް މެންޗަސްޓަރ ޔުނައިޓެޑަށް ބަދަލުވެފައެވެ. 12.8 މިލިއަން ޕައުންޑުގެ ބޮޑު ޓްރާންސްފަރ ފީއެއްގައި ރޮނާލްޑޯ މެންޗަސްޓަރ ޔުނައިޓެޑަށް ބަދަލުވީ 2 އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.