"ބިގް ބޮސް" ސީޒަން 14 ކާމިޔާބުކުރި ރުބިނާ ޑިލައިކް ބޮލީވުޑަށް ތައާރަފުވާ ފިލްމުގެ މަސައްކަތް ފަށައިފިއެވެ.

"އަރްދު"ގެ ނަން ދީފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ޕަލާޝް މުއްޗަލްއެވެ. މިއުޒިކް އުފެއްދުމާއި ލަވަކިޔުމުން މަޝްހޫރުކަން ހޯދާފައިވާ ޕަލަޝްގެ މި ފިލްމަކީ އޭނަ ޑައިރެކްޓަރެއްގެ ގޮތުގައި އިންޑަސްޓްރީއަށް ތައާރަފުވާ ފިލްމެވެ. ފިލްމް ޑައިރެކްޓް ކުރުމުގެ އިތުރުން ފިލްމްގެ ވާހަކަވެސް ލިޔެފައިވަނީ ޚުދު ޕަލާޝްްއެވެ.

މި ފިލްމުގެ ޝޫޓިންތައް އިއްޔެވަނީ ފަށާފައެވެ. ފިލްމު ސްކްރީނަށް އަންނާނެ ތާރީޚަކާއި ގުޅޭ ގޮތުން އަދި އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. އެހެންނަމަވެސް ފިލްމުގެ ފުރަތަމަ ލުކް އިއްޔެވަނީ ރުބީނާ އެނާގެ ފޭނުންނަށް ދައްކާލާފައެވެ.

ރުބިނާގެ އިތުރުން ދެން މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ހިމެނެނީ ރާޖްޕަލް ޔާދަވާއި، ހިތެން ތޭޖްވާނީ އާއި ކުލްބުޝަން ޚަރްބަންދާއެވެ.

"ބިގްބޮސް 14" ގެ ކާމިޔާބީއަށް ފަހު ރުބީނާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ޓީވީ ސީރީޒް "ޝަކްތީ- އަސްތިތިވޭ ކޭ އެހްސާސް" ގައެވެ.

ބިގް ބޮސްއަށް ފަހު ރުބީނާވަނީ ލަވަތަކަކުން ފެނުމުގެ އިތުރުން، އޭނާގެ ފިރިމިހާ އަބީނާވް ޝުކްލާއާއިއެކު ލޯބީގެ ލަވަޔަކުންވެސް ފެނިގެން ގޮސްފައެވެ.