ބިގް ބޮސް ސީޒަން 13 ކާމިޔާބުކޮށް މަޝްހޫރުކަން ހޯދި ސިދާތު ޝުކުލާ ހާރޓް އެޓޭކެއް ޖެހިގެން މަރުވެއްޖެއެވެ.

ސިދާތު މަރުވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި މުމްބާއީގައި ހުންނަ އޭނަގެ ގޭގައެވެ. ސިދާތު ދިރިއުޅެނީ އޭނަގެ މަންމައާއި އަންހެން ދެ ކޮއްކޮއާއެކުއެވެ.

ސިދާތު ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ކޫޕާ ހޮސްޕިޓަލްގެ އޮފިޝަލަކާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ސިދާތު ޝުކުލާ ވަނީ ކަލާސް ޓީވީން ދެއްކި ސީރީޒްތައް ކަމުގައިވާ ބަލިކާ ވަދޫ، ދިލް ސޭ ދިލްތަކްގެ އިތުރުން ބައެއް ރިއަލިޓީ ޝޯވތައް ކަމުގައިވާ ފިއަރ ފެކްޓަރ ޚަތްރޯންކީ ކިލާޅީ، ޖަލަކް ދިކްލާޖާ އަދި ބިގް ބޮސް އިންވެސް ފެނިގެން ގޮސްފައެވެ.

މީގެއިތުރުން އޭނަ ވަނީ ބޮލީވުޑްގެ ފިލްމްތައްކަމުގައިވާ ހަމްޓީ ޝަރްމާކީ ދުލްހަނިޔާ އަދި ބްރޯކަން ބަޓް ބިއުޓިފުލް 3 ގައިވެސް މަސައްކަތް ކޮށްފައެވެ.

ޢުމުރުން 40 ގެ ސިދާތު މަރުވިއިރު އޭނައާއިއެކު ބިގް ބޮސް އިން ފެނުނު ޝެހެނާޒް ގިލް އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތަކެއް ވަނީ އަރާފައެވެ.

ސިދާތުގެ ކުއްލި މަރާއެކު ޓީވީ ފަންނާނުންގެ އިތުރުން ބޮލީވުޑްގެ މަޝްޙޫރު ފަންނާނުންވެސް އަންނަނީ މިކަމާ ހިތާމަކޮށް ސޯޝަލް މީޑިޔާގައި ޝުޢޫރު ފާޅުކުރަމުންނެވެ.

ސިދާތު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ބިގް ބޮސް އޯޓީޓީގެ އިތުރުން ޑާންސް ދިވާނޭ 3 ގެ ސެޓުންނެވެ.