ޝައްކެއްވެސްނެތް ގޮތުގައި ފުޓުބޯޅައިގެ ތާރީހުގައިވެސް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިއަކީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ގައުމީ ޓީމަށާއި ކުލަބު ލެވެލްގައި އޭނާ ހޯދާފައިވާ ކާމިޔާބީތަކާއި ޖަހާފައިވާ ލަނޑުތަކަކީ އޭގެ ހެއްކެކެވެ. ކްލަބް ލެވެލްގައި ޖުމްލަ ހަތަރު ކުލަބަށް ރޮނާލްޑޯ ކުޅެފައިވާއިރު މި ހަތަރު ޓީމަށް އޭނާ ވަނީ 674 ލަނޑު ކާމިޔާބު ކޮށްދީފައެވެ. ގައުމީ ޓީމާއެކު ޔޫރޯ އާއި ނޭޝަންސް ލީގުވެސް ކާމިޔާބު ކޮށްފައިވާ ރޮނާލްޑޯ ވަނީ އެ ގައުމުގެ ޖާޒީގައި 111 ލަނޑު ކާމިޔާބުކޮށް ފުޓުބޯޅައިގެ ތާރީހުގައިވެސް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިން ކުޅުންތެރިޔާގެ ރެކޯޑު ހަދާ މި ޝަރަފު ހޯދާފައެވެ.

ރޮނާލްޑޯގެ ކުރިން މި ރެކޯޑު އޮތީ އިރާންގެ ގައުމީ ޓީމުގެ ކުރީގެ ލެޖެންޑް އަލީ ދާއީގެ އަތުގައެވެ. އޭނާ ވަނީ 109 ލަނޑު ކާމިޔާބު ކޮށްފައެވެ. ދާއީގެ ރެކޯޑާއި ރޮނާލްޑޯ އަރާ ހަމަކުރީ ޔޫރޯ 2020 މުބާރާތުގައި ފްރާންސް އާއި ދެކޮޅަށް ކުޅެ އެއްވަރުވި މެޗުގައި ކާމިޔާބުކުރި ލަނޑުންނެވެ. އަދި ދާއީގެ ރެކޯޑު ރޮނާލްޑޯ މުގުރާލީ ވޯލްޑް ކަޕް ކޮލިފިކޭޝަނުގައި ބުދަ ދުވަހުގެރޭ އަޔަލެންޑާއި ދެކޮޅަށް ކުޅެ ފަހަތުން އަރާ މޮޅުވި މެޗުގައި ކާމިޔާބުކުރި ލަނޑުތަކުންނެވެ.

މި މެޗުން ޕޯޗުގަލް ފަހުވަގުތު މޮޅުވިއިރު މެޗުގައި ޕޯޗުގަލްޖެހި ދެލަނޑުވެސް ކާމިޔާބު ކޮށްދިނީ ރޮނާލްޑޯ އެވެ.

ފުޓުބޯޅައިގެ ތާރީހުގައިވެސް އުފެދުން އެންމެ މޮޅު ގޯލް ސްކޯރަރުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ރޮނާލްޑޯ އަކީ އެކި ގޮތްގޮތަށް ލަނޑުޖެހުމުގެ ގާބިލުކަމާއި ކުޅަދާނަކަން ހުރި ކުޅުންތެރިއެކެވެ. އެހެންނަމަވެސް އޭނާ އާއި ވާދަވެރި ކުޅުންތެރިންނަށް ތާއީދުކުރާ ސަޕޯޓަރުން ރޮނާލްޑޯ ޕެނަލްޓީން ގިނަ ލަނޑުތަކެއް ކާމިޔާބުކުރާ ކަމަށް ބުނެ ފާޑުކިޔައެވެ.

މި ބަލާލަނީ ރޮނާލްޑޯ އޭނާގެ 111 ލަނޑުތައް ޖަހާފައިވާ ގޮތްތަކަށް:

ކަނާތު ފައިން: 58 ލަނޑު (52.25 އިންސައްތަ)

ވާތު ފައިން: 25 ލަނޑު (22.5 އިންސައްތަ)

ބޮލުން: 28 ލަނޑު (25.25 އިންސައްތަ)

އޭރިއާ ތެރެއިން: 90 ލަނޑު (81.08 އިންސައްތަ)

އޭރިއާ ބޭރުން: 21 ލަނޑު (18.92 އިންސައްތަ)

ފްރީ ކިކް: 10 ލަނޑު ( 9 އިންސައްތް)

ޕެނަލްޓީ: 14 ލަނޑު (12.61 އިންސައްތަ)

ރޮނާލްޑޯގެ ވާދަވެރި ބައެއް ކުޅުންތެރިންނަށް ސަޕޯޓުކުރާ ފަރާތްތައް ހީކުރިވަރާ ހިލާފަށް ޕެނަލްޓީން ރޮނާލްޑޯ ކާމިޔާބުކޮށްފައިވަނީ 111 ލަނޑުގެ އެންމެ 12.61 އިންސައްތަ ލަނޑެވެ. ގައުމީ ޓީމަށް ކާމިޔާބުކުރި ލަނޑުތަކުގެ ތެރެއިން ރޮނާލްޑޮ އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ލިތުއޭނިއާ އާއި ސްވިޑެން ކޮޅަށެވެ. އެ ދެ ޓީމު ކޮޅަށް ރޮނާލްޑޯ ވަނީ ޖުމްލަ 7 ލަނޑު ޖަހާފައެވެ.