ޕެނަމާއަށް ނިސްބަތްވާ ތެޔޮ ޓޭންކަރެއް، އިންޑޮނޭޝިޔާގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރަނިކޮށް އިންޑޮނޭޝިޔާގެ ކަނޑުގެ ސިފައިން އަތުލައިގެންފިއެވެ.

އިންޑޮނޭޝިޔާގެ ކަނޑުގެ ސިފައިން މި ޓޭންކަރު ހުއްޓުވައި، އެމީހުންގެ ބާރުގެ ދަށަށް ގެންދިޔައީ، ހުއްދަނެތި ތެޔޮ ހިފައިގެން ދަތުރުކުރަނިކޮށް ކަމަށް ބުނެފައި ވެއެވެ.

ބޯޓުގައި 4،000 އަށްވުރެ ގިނަ ޓަނުގެ ތެޔޮ ހުރިކަމަށް އިންޑޮނޭޝިޔާގެ ކަނޑުގެ ސިފައިން ބުނެއެވެ.

އިންޑޮނޭޝިޔާ ކަނޑުގެ ސިފައިންގެ ކޮމާންޑަރ އެޑްމިރަލް އަރްސިއާދު އަބްދުﷲ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިންޑޮނޭޝިޔާގެ ކަނޑުގެ ސަރަހައްދުން ރިއާއު އައިލެންޑްސް ކައިރިން އަތުލައިގަތީ ޕެނަމާގެ ދިދަ ޖަހާފައިވާ "އެމްޓީ ޒޯޑައިކް ސްޓަރ" ނަމަކަށްކިޔާ ޓޭންކަރެއް ކަމަށެވެ.

އެ ޓޭންކަރު ޗެކްކުރަން ޖެހުނީ، އިންޑޮނޭޝިޔާގެ ކަނޑުގެ ސަރަހައްދުގައި ޣައިރުގާނޫނީ ހަރަކާތްތަކެއް ހިންގާކަމަށް ޝައްކު ކުރެވިގެން ކަމަށް އެޑްމިރަލް އަރްސިއާދު އަބްދުﷲ ގެ ބަޔާނުގައި ވެއެވެ.

4،600 ޓަނުގެ ކަޅުތެޔޮ އެ ޓޭންކަރުގައި ހުރި ކަމަށާއި، ޝައްކު ކުރެވެނީ މިއީ އުކާލަން ގެންދާ ތެޔޮކަމަށް އިންޑޮނޭޝިޔާ ކަނޑުގެ ސިފައިން ބުނެފައި ވެއެވެ. އަދި އެ ޓޭންކަރުގައި ޕޯޓް ކްލިއަރެންސެއް އަދި މިބާވަތުގެ ނުރައްކާތެރި މުދާ އުފުލުމުގެ ހުއްދަވެސް ނެތްކަމަށް ބުނެފައި ވެއެވެ.

"އިންޑޮނޭޝިޔާ ކަނޑުގެ ސަރަހައްދުގައި އެއްވެސް ބާވަތެއްގެ ޣައިރުގާނޫނީ އަމަލެއް ހިންގާނަމަ އެފަދަ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅުއަޅަން ފަހެއް ނުޖެހޭނަން" އިންޑޮނޭޝިޔާ ކަނޑުގެ ސިފައިންގެ ކޮމާންޑަރު

އޭނާ ވިދާޅުވީ، އަތުލައިގަތް ޓޭންކަރުގެ މައްސަލަ ތަހްގީގު ކުރުމަށްފަހު މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްއަށް ހުށަހަޅުއްވާނެ ކަމަށެވެ.

އިންޑޮނޭޝިޔާ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ޓޭންކަރުގައި 19 ކްރޫން ތިބި ކަމަށާއި، އޭގެތެރެއިން 18 މީހުންނަކީ އިންޑޮނޭޝިޔާގެ ރައްޔިތުން ކަމަށާއި، ދެންހުރީ މެލޭޝިޔާ ރައްޔިތެއް ކަމަށްވެސް ކޮމާންޑަރު ވިދާޅުވިއެވެ.

އިންޑޮނޭޝިޔާ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެ އުޅެނިކޮށް މިއަހަރުގެ ޖެނުއަރީމަހުވެސް ޕެނަމާއަށާއި، އީރާނަށް ނިސްބަތްވާ ޓޭންކަރުތައް އަތުލައިގެންފައި ވެއެވެ.