ވޯލްޑް ކަޕް ކޮލިފިކޭޝަނުގައި ބުދަ ދުވަހުގެރޭ ޕޯޗުގަލް އިން އަޔަލެންޑުގެ މައްޗަށް ކުރިހޯދި މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ދެއްކި ކާޑާއެކު އައި ސަސްޕެންޝަނާއެކު އޭނާ މެންޗަސްޓަރ ޔުނައިޓެޑުގެ ފަރިތަކުރުންތަކާއި ގުޅުން އަވަސްވެދާނެކަމަށް ރިޕޯތުތައް ބުނެފިއެވެ.
އަޔަލެންޑްގެ މައްޗަށް ޕޯޗުގަލް އިން ފަހަތުން އަރާ ކުރިހޯދި މެޗުގައި ޕޯޗުގަލް އިން ކާމިޔާބުކުރި ދެލަނޑުވެސް ކާމިޔާބު ކޮށްދިނީ ރޮނާލްޑޯއެވެ. ރޮނާލްޑޯ އަށް ރީނދޫ ކާޑެއް ދެއްކީ މެޗުގެ އިތުރުވަގުތުގެ ތެރޭގައި އޭނާ ކާމިޔާބުކުރި ލަނޑަށްފަހު ޖާޒީ ބޭލުމާއި ގުޅިގެންނެވެ. މި މެޗުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑާއެކު ވަނީ ފުޓުބޯޅައިގެ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދީފައިވާ ކުޅުންތެރިޔާގެ ރެކޯޑު މުގުރާލާފައެވެ. ރޮނާލްޑޯ ވަނީ މިހާތަނަށް 111 ލަނޑު ޕޯޗުގަލްގެ ގައުމީ ޓީމަށް ކާމިޔާބު ކޮށްދީފައެވެ.
މެޗުގައި ދެއްކި ރީނދޫކާޑާއެކު އެއް މެޗުގެ ސަސްޕެންޝަނެއް އަންނައިރު މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ޕޯޗުގަލް އަށް ބާކީ އޮތީ އެންމެ މެޗެކެވެ. މިއާއެކު މެޗުގައި ރޮނާލްޑޯ އަށް ނުކުޅެވޭނެތީވެ ޕޯޗުގަލް އިންވަނީ އެޓީމުން ކުރަމުންދާ ކޭމްޕު ދޫކޮށް ދިއުމުގެ ހުއްދަ ދީފައެވެ.
އެހެންކަމުން މިފަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރގެ ފަހު ދުވަސްކޮޅުގެ ތެރޭގައި 12 އަހަރަށްފަހު ޔުނައިޓެޑަށް ބަދަލުވާން އެކުލަބާއެކު ރޮނާލްޑޯ އެއްބަސްވުމަކަށް އައިއިރު އަދި ކުލަބުގެ އެއްބަސްވުމުގައި އޭނާ ސޮއިކޮށްފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ. ސަބަބަކީ ރޮނާލްޑޯ އިންޓަނޭޝަނަލް ބްރޭކަށް ދާން ޖެހުމެވެ. އެހެންކަމުން ކުރިން ތާވަލުކުރިވަރަށްވުރެ އަވަހަށް އިންޓަނޭޝަނަލް ބްރޭކް ނިންމާލާ ރަސްމީކޮށް ޔުނައިޓެޑުގެ ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ އެކުލަބުގެ ސަޕޯޓަރުންނާ ބައްދަލުކުރާނެއެވެ. އަދި ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ޔުނައިޓެޑުގެ ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިވާނެކަމަށް ރިޕޯޓުތައް ބުނެއެވެ.
12 އަހަރަށްފަހު ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވަނީ އިޓަލީގެ ގަދަބާރު ޔުވެންޓަސްގައި ތިންއަހަރު ހޭދަކުރުމަށްފަހުއެވެ. ރޮނާލްޑޯގެ ޓްރާންސްފަރ ފީއެއްގެ ގޮތުގައި ޔުނައިޓެޑުން ޔުވެންޓަސް އަށް 12.8 މިލިއަން ޕައުންޑު ދީފައިވާއިރު ބޯނަސް އާއި އެހެނިހެން އިނާޔަތްތަކުގެ ގޮތުގައި އިތުރު 14 މިލިއަން ޕައުންޑުވަރު ހޭދަކުރާނެކަމަށް ރިޕޯޓުތައް ބުނެއެވެ. ޔުނައިޓެޑާއެކު ރޮނާލްޑޯ އެއްބަސްވުމަކަށް އައިސްފައިވަނީ 2 އަހަރުދުވަހުގެ މުއްދަތަށެވެ.