12 އަހަރަށްފަހު މެންޗަސްޓަރ ޔުނައިޓެޑަށް އެނބުރި އައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ސޮއިކޮށްފައިވާ އޭނާގެ 80 ޖާޒީ ހޯދުމަށް އިނގިރޭސިވިލާތުގެ ރާނީ، އެލިޒަބަތް އެދިފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެގޮތުން އިނގިރޭސިވިލާތުގެ ކުޅިވަރު ހަބަރުތައް ގެނެސްދޭ ބޮޑެތި ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާނީ އެދިފައިވާ ޖާޒީތަކުގެ ތެރޭގައި ރޮނާލްޑޯ ސޮއިކުރާ ޔުނައިޓެޑުގެ ފުރަތަމަ ޖާޒީ ހިމެނުމަށްވެސް އެދިފައިވެއެވެ. އަދި ރާނީ ބޭނުންވަނީ ރޮނާލްޑޯގެ ނަން ޖެހި 80 ޖާރޒީ ގަނޑުވަރުގެ ސްޓާފުންގެ މެދުގައި ބެހުމަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މިއީ އިނގިރޭސި ރާނީގެ ހަޔާތުގައިވެސް ކުޅުންތެރިއެއްގެ ސޮއިކޮށްފައިވާ ޖާޒީއެއް ހޯދުމަށް އެދުނު ފުރަތަމަފަހަރުކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ އިނގިރޭސި ލީގުގައި ކުޅޭ ކުޅުންތެރިއަކަށް މިހާތަނަށް ލިބިގެންދާނެ އެންމެ ބޮޑު ޝަރަފެވެ.

މީގެކުރިން ރާނީ ސަޕޯޓުކުރާ ފުޓުބޯޅަ ކުލަބަކީ ޕްރިމިއަރ ލީގުގެ ވެސްޓް ހަމް ޔުނައިޓެޑް ކަމުގައި ބެލެވުނު ނަމަވެސް ރޮނާލްޑޯ އެނބުރި އައުމާއެކު ކުރިއަށް އޮތްތާ ރާނީގެ ސަޕޯޓު ޔުނައިޓެޑަށް ބަދަލުވުމަކީ އެކަށީގެންވާކަމެއްގެ ގޮތުގައި ބެލެވެއެވެ.

12.8 މިލިއަން ޕައުންޑުގެ ޓްރާންސްފަރ ފީއެއްގައި ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް ބަދަލުވެފައިވާއިރު ރޮނާލްޑޯ މިހާރު ވަނީ ޔުނައިޓެޑުގެ މެޑިކަލް ކަންކަން ޕޯޗުގަލްގައި ހުރެ ފުރިހަމަކޮށްފައެވެ. އެހެންނަމަވެސް ސަސްޕެންޝަނެއް ކުރިމަތިވެ އިންޓަނޭޝަނަލް ބްރޭކް ކުރުކޮށްލާ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ރޮނާލްޑޯ އިނގިރޭސިވިލާތަށް އަންނާނެކަމަށް ބެލެވެއެވެ.

އުމުރުން 36 އަހަރުގެ ރޮނާލްޑޯ އެންމެފުރަތަމަ ޔުނައިޓެޑުގެ އެއްބަސްވުމުގައި ސޮއިކުރީ 2003 ވަނަ އަހަރެވެ. އޭރު އޭނާ ޔުނައިޓެޑާ ގުޅުނީ އޭރުގެ ރެކޯޑު ޓްރާންސްފަރ ފީއެއްކަމުގައިވާ 12.24 މިލިއަން ޔޫރޯއަށެވެ. ޔުނައިޓެޑް ދޫކޮށް ރޮނާލްޑޯ ސްޕެއިންގެ ރެއާލް މެޑްރިޑާ ގުޅުނީ 2008 ވަނަ އަހަރުއެވެ.