ދިވެހިރާއްޖެ އަކީ ވޯޓާސްޕޯޓްސް އަދި ޑައިވްކުރުމަށް އެންމެ މަގުބޫލު މަންޒިލްގެ ގޮތުތުގައި އިޝްތިހާރުކުރުމަށް "ބިގް އޯޝަން ޝޯ 2021" ގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވެއްޖެއެވެ.

މި މަހު 2 އިން 5 ވަނަ ދުވަހުގެ ނިޔަލަށް ރަޝިޔާގެ ވެރިރަށް މޮސްކޯގައި ކުރިއަށްދާ މި ފެއާ ގައި ވިޒިޓް މޯލްޑިވްސް އިން ހަދާފައިވާ 55 އަކަފޫޓުގެ ސްޓޭންޑު މެދުވެރިކޮށް އެތަނަށް ޒިޔާރަތްކުރާ މީހުންނަށް، ރާއްޖޭގެ ހިތްފަސޭހަ މަންޒަރުތައް ދައްކުވައިދޭނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މިފެއާގެ ތެރެއިން ވިޒިޓް މޯލްޑިންސްއިން ފަތުރުވެރިކަމުގެ ދާއިރާ އާއި ވޯޓާ ސްޕޯޓްސް އަދި ޑައިވިންގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބައްދަލުކުރާނެއެވެ.

"ބިގް އޯޝަން ޝޯ" އަކީ ވޯޓާ ސްޕޯޓްސް، ޑައިވިން އަދި ކޮންސަލޭޝަން ޕްރޮޖެކްޓް ދާއިރާގެ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ފެއާއެވެ. ރާއްޖެއަކީ މިދާއިރާއިން މަޝްހޫރު އަދި އެންމެ ކުރިއަރާފައިވާ އެއް މަންޒިލަށް ވާއިރު، ރާއްޖެއަކީ މިޝޯގެ ކަންޓްރީ ޕާޓްނަރެވެ. އެހެންކަމުން މި ފެއާ ގައި ކުރިއަށްގެންދާ އެކި ހަރަކާތްތަކުގައި ރާއްޖެއިން މުހިންމު ރޯލެއް އަދާކުރާނެއެވެ.

މިޝޯގެ ސަބަބުން ވޯޓަ ސްޕޯޓްސް އަދި ޑައިވިން ދާއިރާގެ ޕްރޮފެޝަނަލުންނާއި ބައްދަލުވެ ގުޅުންބަދަހި ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި، ރާއްޖެއިން ލިބެންހުނަން އެކި ތަފާތު ތަޖުރިބާތައް މި ފެއާގައި އިޝްތިހާރުކުރާނެއެވެ. މި ފެއާގައި ރާއްޖޭގެ ބަޔޯޑައިވާސިޓީއަށާއި ތަފާތު އެކި ޑައިވް ސްޕޮޓްތަކަށް އަލިއަޅުވާލާނެއެވެ.

މި އަހަރު ރާޝިޔާ މާކެޓްގައި ދިވެހިރާއްޖޭގެ މަގުބޫލުކަން ދަމަހައްޓާ އިޝްތިހާރުކުރުމަށް ދަނީ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެ، ހިންގަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް މިޓް 2021 މޮސްކޯ ޑައިވް ޝޯ އަދި ލަކްޒަރީ ޓްރެވެލް މާޓް ފަދަ ބޮޑެތި ފެއާތަކުގައި ވިޒިޓް މޯލްޑިވްސްއިން ވަނީ ބައިވެރިވެފައެވެ. އަދި ރާޝިޔާގެ ބޮޑެތި ސިޓީ ތަކުގައި ވިޒިޓް މޯލްޑިވްސް އިން ވަނީ ރޯޑްޝޯ ވެސް ބާއްވާފައެވެ.