ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ އަދި ގިނަ ބައެއް ބަލާލުމަށް ކެތްމަދުވެ އިންތިޒާރު ކުރަމުން އަންނަ ކާމިޔާބު ސީރީޒް “މަނީ ހެއިސްޓް”ގެ ފަހު ސީޒަން ނެޓްފްލިކްސް ގައި ސްޓްރީމްކުރަން ފަށައިފިއެވެ. ފަހު ސީޒަން ހުކުރު ދުވަހު ބެލުންތެރިންނަށް ދޫކޮށްލުއިރު ފަހު ސީޒަންގެ ޕްރޮމޯޝަންތައް ވަރަށް ފޯރިއާއެކު ފަށާފައިވާއިރު މިދިޔަ ހޯމަ ދުވަހު ޝައުގުވެރި ޓްރެއިލާއެއް ވެސް ވަނީ ބެލުންތެރިންނަށް ދޫކޮށްލާފައެވެ.

އެ ޓްރެއިލާ އިން ހާމަވާގޮތުގައި ބެލުންތެރިން ހައިރާންވާ ފަދަ މަންޒަރުތަކެއް ފަހު އެޕިސޯޑުތަކުން ފެންނާނެކަން ކަށަވަރުވެއެވެ.

މިފަހަރު ސީޒަންގައި މުހިއްމު މަންޒަރުތަކެއްގެ ގޮތުގައި ފެނިގެންދާނީ އަލްވާރޯ ހައްޔަރުކޮށް އޭނާއަށް އެކި އަނިޔާތައް ކުރާ މަންޒަރެވެ. އަދި އިންސްޕެކްޓަރު އެލީސިޔާ ސިއެރާގެ ފަރާތުން އެކިވަރުގެ އަނިޔާތައް އަލްވާރޯ އަށް ލިބޭތަން އެންމެ ފަހުގެ ޓްރެއިލާއިން ވެސް ފެނިގެން ދެއެވެ.

އެލެކްސް ޕީނާ ހަދާފައިވާ މަނީ ހެއިސްޓް އަކީ ސްޕެއިންގެ ޑްރާމާ ސީރީޒެކެވެ. ގިނަ ދިވެހިންގެވެސް މަގުބޫލުކަން ހޯދާފައިވާ މަނީ ހެއިސްޓުގެ ފަހު ސީޒަނުގައި މިއަދު ރިލީޒް ކޮށްފައިވަނީ ޕާޓް 1 އެވެ. މި ސީޒަންގެ އިތުރު ބައެއް ފެންނާނީ ޑިސެމްބަރު 3 ގައެވެ.